އަނބިމީހާގެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައި ދިރިއުޅުމަށް ޚަރަދުކުރާނަމަ އެއީ ޝުކުރުވެރިވާކަން ޢަމަލުން އިތުރަށް ދައްކައި ހެޔޮކޮށް ހިތުން އިތުރުކުރަންޖެހޭނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
އަނބިމީހާގެ އަމިއްލަ މަސައްކަތުން އާމްދަނީ ހޯދައި ދިރިއުޅުމަށް ޚަރަދުކުރާނަމަ އެއީ ޝުކުރުވެރިވާކަން ޢަމަލުން އިތުރަށް ދައްކައި ހެޔޮކޮށް ހިތުން އިތުރުކުރަންޖެހޭނެ ކަމެއް!

އަހުރެންގެ ސުވާލަކީ އަނބިމީހާގެ އަމިއްލަ ހުރިހާ ޚަރަދުތަކެއް ކުރަންޖެހެނީ އަނބިމީހާކަމަށްވާނަމަ އޭނާއަށް ފިރިއަކަށް އެބަ ބޭނުންވޭ ހެއްޔެވެ؟ މިއީ ފިރިން ފުންކޮށް ވިސްނާލަންޖެހިފައިވާ ކަމެކެވެ.  

ބައެއް ފަހަރު ކަންތައް ދިމާވާ ގޮތަކުން އަނބިމީހާއަށް މާބޮޑު މުސާރައެއް ލިބިދާނެއެވެ. ވީމާ އޭނާގެ ހުރިހާ ޚަރަދުތަކެއް އަމިއްލައަށް ކުރުމުގެ ޤާބިލްކަންވެސް ލިބިދާނެއެވެ. އަދި ގޭގެ ޚަރަދުތަކުން ބޮޑުބައެއްވެސް އޭނާ ޙިއްޞާކޮށްފާނެއެވެ.  

އެޙާލަތުގައި ފިރިމީހާ ކަންކަން ކުރަންވާނީ ވަރަށް ވިސްނުންތެރިކަމާއިއެކުގައެވެ. އަނބިމީހާގެ އަގު ވަޒަންކުރަންވާނެއެވެ. އޭނާ އެކޮށްދެނީ ތިމާކުރަންޖެހޭ ޚަރަދުތަކެއްކަން ޤަބޫލުކޮށް އަނބިމީހާއަށް ޝުކުރުވެރިވާންވާނެއެވެ. ޝުކުރުވެރިވާކަން ޢަމަލުން ދައްކަންޖެހޭނެއެވެ.  

އެކަން އެގޮތަށް ނުކުރާނަމަ ކިތަންމެ ހެޔޮލަފާ އަންތބަކު ނަމަވެސް ފޫހިވާނެއެވެ. އަނެއްފަރާތަށް މޫނުއަނބުރައިލާނެ ދުވަހެއް އަންނާނެއެވެ. މޫނު އަނބުރައިލަން ނިންމަފައިނަމަ އެނިންމުން ބަދަލުކުރާކަށްވެސް ފަސޭހައެއް ނުވާނެއެވެ. ސަބަބަކީ އެފަދަ ނިންމުމެއް ނިންމާނީ ހަމަހުރެފައި ކުއްލިއަކަށް ނޫނެވެ. މާޔޫސްކަންމަތީގައި އެތައް ދުވަހެއް ވަންދެން ހުރެފައެވެ.  

ފާހަގަކޮށްލުން މުހިންމު ކަމަކީ ހަމައެކަނި މިޙާލަތަކު ނޫނެވެ. ދިރިއުޅުމުގެ ހުރިހާ މަރުޙަލާތަކެއްގައިވެސް އަނެކާގެ އަގުވަޒަންކުރަންޖެހޭނެއެވެ. ކިތަންމެ ކުޑަ ފިރިމީހާ އަނބިމީހާގެ އަގުވަޒަންކުރަންޖެހޭނެއެވެ. އަނބިމީހާ ފިރިމީހާގެ އަގުވަޒަންކުރަންޖެހޭނެއެވެ.  

ކިތަންމެ ގިނައިން ބުނަން ޖެހުނަސް ޝުކުރިއްޔާ ބުނާށެވެ! އެއީ ގިނަވާނެ ބަހެއް ނޫނެވެ. އެބަސް ބުނެވޭ ކޮންމެފަހަރަކީ ދިރިއުޅުމުގެ ގަހަށް ފެންދިނުން ފަދަ ކަމެކެވެ. ހެދިބޮޑުވުން އިތުރުވާނެއެވެ. ނަމަވެސް އެކަން ޙާޞިލްކުރެވޭނީ ޢަމަލުން އެކަން ދައްކައިގެންނެވެ.  

- ދިރިއުޅުމުގެ ކަންކަމަށް ލަފާދެއްވާ ދުނިޔޭގެ ފެންވަރުގެ ޢިލްމުވެރިއެއްގެ ވާހަކަފުޅަކުން

މިއަދު އޮންލައިން