އަންހެނަކު ލޯބިވެރިއަކު ނުހޯދައި ފިރިމީހާގެ ގާތުން ވަރިވެ އެކަނި ހުންނަނަމަ އެކަމުން އަންގައިދެނީ އޭނާ ވަރިވީ ފިރިމީހާގެ ކިބައިން އޭނާއަށް ލިބެންޖެހޭ ލޯތްބާއި އަޅައިލުން އަދި އެހީތެރިކަން ނުލިބުން ފަދަ ކަންކަމުގައި މާޔޫސްވެގެންކަމެވެ.
ހެޔޮލަފާ އަންހެނުން އެޙާލަތުގައި ބަލާނީ އަވަސްއަރުވާލައިގެން ބައިވެރިއަކު ހޯދާކަށް ނޫނެވެ. މަސައްކަތްކުރާނީ ކެތްތެރިވުމަށެވެ. އެމީހަކާއި ގުޅުމުން އޭނާއަށް ރަނގަޅު ގޮތެއް މެދުވެރިވެދާނެކަމަށް ޤަބޫލުކުރެވޭ މީހަކާއި ބައްދަލުވަންދެން އޭނާ ކެތްތެރިވާނެއެވެ.
އެހެންވީމާ އަންހެނަކު ވަރިވެ އެކަނި ހުރިނަމަވެސް އޭނާ ކުށްވެރި ނުކުރާށެވެ! އޭނާއަށް ފުރައްސާރަ ނުކުރާށެވެ! މަލާމާތުގެ ބަސްތައް ނުބުނާށެވެ! ތިބާއަކީ ހެޔޮލަފާ ފިރިހެނަކު ކަމަށްވެފައި ތިބާހުރީ ހެޔޮލަފާ އަންހެނަކަށް ބޭނުންވެ އަދި ކައިވެނިކުރެވޭ ޙާލަތުގައިކަމަށްވާނަމަ އެފަދަ އަންހެނަކާއި ބައްދަލުވުމުން އަވަހަށް ކައިވެނިކުރާށެވެ. ތިބާއަށް އުފާވެރި ދިރިއުޅުމެއް ލިބިގެންދާނެއެވެ. އިން ޝާ ﷲ
ކައިވެނީގެ ފޮނިމީރުކަން ލިބެނީ ހަމައެކަނި ތަނަވަސްކަމަކުން ނޫނެވެ. އަނބިމީހާ ޚަރަދުކުރާނެ ފައިސާ އަތަށް ދެވުމަކުން ނޫނެވެ. ލޯތްބާއި އަޅައިލުންދިނުމުންނެވެ. އޭނާގެ އިޙްޞާޞްތަކަށް އިހްތިރާމްކުރުމުންނެވެ. ހަމަ އެފަދައިން ފިރިމީހާއަށްވެސް އެކަންކަން ބޭނުންވާނެކަން އަނބިން ދަންނަންވާނެއެވެ. ކައިވެނި އުފާވެރިކަމުގައި ދެމެހެއްޓޭނީ ދެމީހުންވެސް އެކަމަށް މަސައްކަތްކުރުމުންނެވެ.