ދެ އަތްނބަށް ކާވެނިކުރުމާމެދު އިންކާރުކުރުމުގެ ޙުކުމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 43ސ
ދެ އަތްނބަށް ކާވެނިކުރުމާމެދު އިންކާރުކުރުމުގެ ޙުކުމް

ސުވާލު؟ 

އިސްލާމީ މުޖުތަމަޢުގެ ބައެއް އަންހެނުން މިހާރު އިސްކަންދެނީ ހުޅަނގުގެ ޣައިރު މުސްލިމު މުޖުތަމަޢުތަކުގައިވާ ކާފިރުންގެ އިޖުތިމާޢީ އާދަކާދަތަކަށެވެ. އެ ގޮތުން، ބައެއް އަންހެނުން ދެކޭ ގޮތުގައި، ދެ އަތްނބަށް ކާވެނިކުރުމަކީ މަނާކުރަންޖެހޭ ކަމެކެވެ. އެ ކަމުގެ ޙުކުމަކީ ކޮބައިތޯއެވެ؟ 

ޖަވާބު: 

ދެ އަތްނބަށް ކާވެނިކުރުމަށް ނަފުރަތުކޮށް އެ ކަމާމެދު ދެކޮޅުވެރިވެ، އެއަށްވުރެ ރަނގަޅު ގޮތަކީ އެންމެ މީހަކާ އިނދެގެން އުޅުން ކަމަށް ބުނެފި މީހާއަކީ އިސްލާމްދީނުން ބޭރުވެ، މުރުތައްދުވެފައިވާނެ ކާފިރެކެވެ. އެހެނީ، އޭނާ އެ އިންކާރުކުރީ މާތްﷲ ޝަރުޢުކުރައްވާފައިވާ ޙުކުމްފުޅަކާމެދުގައެވެ. 

މާތްﷲ ވަޙީކުރައްވާފައި ވެއެވެ.

(ذَٰلِكَ بِأَنَّهُمْ كَرِهُواْ مَآ أَنزَلَ ٱللَّهُ فَأَحْبَطَ أَعْمَٰلَهُمْމުޙައްމަދު: 9

މާނައީ "އެއީ އެއުރެން، ﷲ ބާވައިލެއްވި ފޮތަށް ނުރުހުމުގެ ސަބަބުންނެވެ. ދެން އެކަލާނގެ އެއުރެންގެ ޢަމަލުތައް ބާޠިލު ކުރެއްވިއެވެ." 

މާތްﷲ ބާވައިލައްވާފައިވާ ޙުކުމްފުޅަކާމެދު ނަފުރަތުކޮށްފި މީހާގެ ޢަމަލުތައް އެކަލާނގެ ބާޠިލުކުރައްވާނެތެވެ. އިސްލާމްދީނުގައި ދެ އަތްނބަށް ކާވެނިކުރުން ޝަރުޢުކުރައްވާފައިވާ ކަމީ، އަންހެނުންގެ މައްޗަށް އޮތް އަނިޔާވެރިކަމެއް ކަމުގައި ދެކެފި މީހާއާއި، އެއީ އިސްލާމްދީނުގައިވާ އުނިކަމެއް ކަމުގައި ދެކެފި މީހާއާއި، އިސްލާމީ ޝަރުޢާ ޚިލާފަށް ނަޞާރާދީނުގެ ޤައުމުތަކުގައި ޢަމަލުކުރާ ގޮތް މާ ރަނގަޅު ކަމަށް ދެކެފި މީހާއަކީ، އިސްލާމްދީނުން ބޭރުވެ މުރުތައްދުވެފައިވާނެ މީހެކެވެ. 

އޭނާގެ މިސާލަކީ، އިސްލާމްދީނުގައި ނަމާދާއި ރޯދައާއި ޒަކާތާއި ޙައްޖު ފަރުޟުކުރެއްވުމާމެދު އިންކާރުކުރާ މީހާގެ މިސާލެވެ. އެ އިން ކޮންމެ ކަމެއް ފަރުޟުކުރެއްވުމަށްވުރެ، ފަރުޟު ނުކުރެއްވުން ރަނގަޅު ކަމަށް ބުނެފި މީހާ އިސްލާމްދީނުން ބޭރުވެ މުރުތައްދުވާނެއެވެ. 

ހަމައެހެންމެ، މާތްﷲ ބާވައިލައްވާފައިވާ ޙުކުމްފުޅުގައިވާ ގޮތް ނޫން އެހެން ގޮތަކަށް ޢަމަލުކުރުން ހުއްދަވާނެ ކަމަށް ނުވަތަ މާރަނގަޅުވާނެ ކަމަށް ބުނެފި މީހާ ވެސް އިސްލާމްދީނުން ބޭރުވެ މުރުތައްދުވާނެއެވެ. 

ޚުލާޞާއަކީ، މާތްﷲ ޝަރުޢުކުރައްވާފައިވާ ކަމަކާ ދެކޮޅުވެރިވެ، އެ ކަމަށް ނަފުރަތުކޮށްފި މީހާ، އިސްލާމްދީނުން ބޭރުވެ މުރުތައްދުވާނެއެވެ. ހަމައެހެންމެ، މާތްﷲ ޙަރާމްކުރައްވާފައިވާ (ޒިނޭކުރުމާއި ވައްކަންކުރުން ފަދަ) ކަންކަމަކާމެދު ރުހި ޤަބޫލުވެ އެ ކަންކަމަށް ލޯބިކޮށް، އެ ކަންކަން ކޮށްފި މީހާ ވެސް އިސްލާމްދީނުން ބޭރުވެ މުރުތައްދުވެ ކާފިރުވާނެއެވެ. 

ޖަވާބުދެއްވީ: ސަމާޙަތުއްޝައިޚު އިބްނު ބާޒު (ރަޙިމަހުﷲ)

ތަރުޖަމާ ޢަބްދުލް މުޢީދު ޙަސަން 

(މިބަސްފުޅަކީ ފަހުގެ ދީނީ ޢިލްމްވެރިންގެ ތެރެއިން އަރާހުންނެވި ސަޢުދިޢަރަބިޔާގެ ކުރީގެ އިސް މުފްތީ ސަމާޙަތުއްޝައިޚު އިބްނު ބާޒު (ރަޙިމަހުﷲ) ވިދާޅުވެފައިވާ ބަސްފުޅެއްގެ ތަރުޖަމާއެވެ. ވީމާ ބަޔާންކުރައްވާފައިވާ ޙުކުމަށް ފާޑުކިޔުމަކީ ކުރަން ހެޔޮވާނެ ކަމެއް ނޫނެވެ.)

 

 

މިއަދު އޮންލައިން