މީހަކަށް ތިމާ ހިތްހަމަނުޖެހޭ ކަމެއް ކުރެވޭއިރަށް ރުޅިއައިސް ތިމާގެ ގައިގަ ބާރުހުރިކަން ދައްކާ މީހުންނަކީ ޙަޤީޤީ މުސްލިމުންނެއް ނޫން!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
މީހަކަށް ތިމާ ހިތްހަމަނުޖެހޭ ކަމެއް ކުރެވޭއިރަށް ރުޅިއައިސް ތިމާގެ ގައިގަ ބާރުހުރިކަން ދައްކާ މީހުންނަކީ ޙަޤީޤީ މުސްލިމުންނެއް ނޫން!: މުފްތީ މެންކް

މުސްލިމުންނަށް އޮތީ ތިމާއަށް ރުޅި އައުދެވިދާނެކަމަށް ބިރުންތިބުމެވެ. މަސައްކަތް ކުރަންވީ ރުޅި ނައުމަށެވެ. ރުޅި އަންނަންޖެހޭ ފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ރުޅި ކޮންޓްރޯލްކުރުމަށެވެ. ސަބަބަކީ ތިމާގެ މައްޗަށް ބާރުހިންގުމުގެ ފުރުޞަތު ރުޅިއަށް ދީފިނަމަ ހުރިހާ ކަމެއް ގޯހުންގޯހަށް ގޮސް ފަހުން ހިތާމަކުރަންޖެހޭނެ ޙާލަތަށް ކަންކަންދާނެތީއެވެ.

އެހެންކަމާއިއެކުވެސް ބައެއް މީހުން ތިބެނީ ރުޅި އަންނަން ފުރުޞަތަކަށް ބަލަބަލައެވެ. ރުޅި އައިސް ތިމާގެ ބާރު ދައްކައިލާނެ ފުރުޞަތަކަށެވެ. އެމީހުންނަށް ހީވަނީ ކަމެއް ދިމާވާއިރަށް ބާރަށް އަޑުގަދަކޮށްފައި ދޮރުގައި ނުތަ ސޯފާގައި ނުވަތަ އެނޫންވެސް ތަނެއްގައި ބާރަށް ފައިން ޖެހުނުވަރަކަށް އޭނާގެ ޤަދަރާއި ބާރުވެރިކަން މަތިވެގެންދާނެ ކަމަށެވެ.

މިސާލަކަށް ބުނާނަމަ ފަހަރީގެ އަތުން ބިއްލޫރިތަށްޓެއް ތެޅުމުން ރުޅިގަދަވެ އެބަ މިބުނި ފަދަ ކަންކަން ކުރެއެވެ. ކާތަކެތީގެ ރަހަ ހުންނަން ބޭނުންވާ ފެންވަރުގައި ނެތުން ފަދަ ކުދިކުދި ކަންކަމުގައިވެސް މެއެވެ.

މިފަހަރު ތަށިވެއްޓުނީ ފަހަރީގެ އަތުންނެވެ. ތިބާގެ އަނބިމީހާގެ އަތުންވެސް ވެއްޓިދާނެއެވެ! ހަމަ އެހައި ފޯރި ދައްކައިވެސް ލެވިދާނެއެވެ! ނިކަން ބުނެބަލާށެވެ! ތިބާގެ އަތުން ހަމަ ތަށްޓެއް ނުވެއްޓެނީހެއްޔެވެ؟ ނޫނީ ނުތެޅޭނީ ހެއްޔެވެ؟

ހަމަތެދަށް ބުނަމެވެ! މިފަދަ ކަންކަމުގައި ރުޅިގަދަކޮށް އަތްއިސްކޮށް، ބާރަށް ބަސްބުނެ އެމީހުންގެ ބާރުހުރިކަން ދައްކާ މީހުންނަކީ "ޓްރޫ" (ޙަޤީޤީ) މުސްލިމެއް ނޫނެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން