ދެމަފިރިންކުރެ އެކަކުވެސް ބައިވެރިޔާގެ ރަނގަޅު ކަމުގެ ހުރިހާ ވާހަކަތައް ހަމައެކަކަށްވެސް ކިޔައި ނުދޭށެވެ! އެއީ އެސްފީނާލުމުގެ އިތުރުން ޖަހައިގަތުންވެސް ކައިރި ކަމެކެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ދެމަފިރިންކުރެ އެކަކުވެސް ބައިވެރިޔާގެ ރަނގަޅު ކަމުގެ ހުރިހާ ވާހަކަތައް ހަމައެކަކަށްވެސް ކިޔައި ނުދޭށެވެ! އެއީ އެސްފީނާލުމުގެ އިތުރުން ޖަހައިގަތުންވެސް ކައިރި ކަމެކެވެ!

އަނބިމީހާގެ ނަމަވެސް ފިރިމީހާގެ ނަމަވެސް ރަނގަޅު ކަމުގެ ހުރިހާ ވާހަކަތަކެއް ހަމައެކަކަށްވެސް ކިޔައި ނުދޭށެވެ. މުހިންމު 2 ސަބަބަށްޓަކައެވެ. 

ފުރަތަމަ ސަބަބަކީ އެސްފީނާއެވެ! ހަސަދަވެރިކަމެވެ. ދެވަނަ ސަބަބަކީ "ޖަހައިގެންފާނެ" ކަމެވެ.  

ދުނިޔޭގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ހެޔޮލަފާ، ރަނގަޅު އަނބިންވެސް އަދި ފިރިންވެސް ވަރަށް މަދެވެ. ގިނަ ބައަކު ދިރިއުޅެމުން ގެންދަނީ ހިތާމަ އާއި ހިތްދަތިކަމުގައެވެ. ވީމާ ތިމާއަށް އުފާވެރިކަން ލިބިދޭ ފަދަ ބައިވެރިއަކު ލިބިފައިވަނީ ވަރަށް މަދު މީހަކަށެވެ.  

ތިބާއަށް ލިބިފައިވަނީ އެފަދަ ބައިވެރިއަކުކަން އެނގުމުން ތިބާއަށްޓަކައި ހެޔޮ ދުޢާކުރާނީ މަދު މީހެކެވެ. ގިނަ މީހުން އެކަމަށް ވާނީ ހަސަދަވެރިއެވެ. ލާނީ އެސްފީނާ އެވެ. އަދި ޖަހައިގަންނަން ވެސް މަސައްކަތްކުރާނެއެވެ. މިކަންކަމަކީ ކިތަންމެ ނުބައި ކަންކަން ނަމަވެސް ގިނަ މީސްތަކުންގެ އަމަލުތައް މިއަދު ހުންނަނީ މިފަދަ ގޮތަކަށެވެ.  

ރަނގަޅަށް ވިސްނައިލާށެވެ! ހެޔޮ ގޮތުގައި ދިރިއުޅޭ ގިނަ ދެމަފިރިންނަށް މައްސަލަތައް ކުރިމަތިވެފައި ހުންނާނީ އެންމެ ގާތް މީހުންގެ ސަބަބުންނެވެ. މުސްލިމުންނަށް އޮތީ އަނެކާއަށްޓަކައި ހެޔޮކޮށް ހިތުމާއި ހެޔޮދުޢާކުރުމެވެ. ނަމަވެސް އަމިއްލަ އެދުމުގެ ކުރިމަތީގައި އެކަން ހަނދާން ހުންނަ މީހުން ވަރަށް މަދެވެ.  

ވީމާ ކިތަންމެ ގާތް މީހަކަށް ނަމަވެސް ބައިވެރިޔާގެ ހުރި ހުރިހާ ރަނގަޅު ސިފަތައް ކިޔައި ނުދޭށެވެ! ސުވާލުކުރި ނަމަވެސް ކިޔައި ނުދީ ހިފަހައްޓަން ޖެހޭ ކަންތައްތަކެއް ހުންނާނެއެވެ! ދިރިއުޅުމުގެ މިބާވަތުގެ ކަންކަމުގައި އިސްކުރަން ޖެހޭނީ ތިމާގެ މަޞްލަޙަތެވެ. ވީމާ މިކަންކަމަށް ހޭލުންތެރިވާށެވެ!  

ރަނގަޅަށް ވިސްނާށެވެ! ތިމާގެ ބައިވެރިޔާޢަކީ ވަރަށް ރަނގަޅު މީހަކު ކަމުގައި ދައްކައިގެން އުޅޭ ގިން މީހުންގެވެސް ޙަޤީޤީ ޙާލަތަކީ އެއާއި މުޅިން އިދިކޮޅެވެ. ވީމާ ތިމާއަށް ނުލިބޭ އުފާތަކެއް އަނެކާއަށް ލިބޭކަން އެނގުމުން ޙަސަދަލެވެނީއެވެ. އަދި އެކަމުގެ ތެރެއިން ބައިވެރިޔާ ޖަހައިގަންނަންވެސް ބޭނުންވަނީއެވެ. ޝައިޠޯނާ ދޭ ވަސްވާސްތަކުގެ ސަބަބުން ދަހިވެތިކަން ބޮޑުވަނީއެވެ.  

ވީމާ އުފަލުގައި ދިރިއުޅެން ބޭނުންނަމަ މިއީ ވަރަށް ބޮޑަށް ސަމާލުކަންދޭންޖެހޭނެ ކަންކަމެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން