ދުޢާގެ ބާރު: އެހެން ރަށެއްގަ ހުރި ޑޮކްޓަރެއް ބަލިމީހާގެ ގެއަށް ފޮނުއްވަވައިދެއްވެވި ގޮތުގެ ވާހަކަ-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 51ސ
ދުޢާގެ ބާރު: އެހެން ރަށެއްގަ ހުރި ޑޮކްޓަރެއް ބަލިމީހާގެ ގެއަށް ފޮނުއްވަވައިދެއްވެވި ގޮތުގެ ވާހަކަ-: މުފްތީ މެންކް

ކުރިއަށް މިދަނީ އަހުރުގެ އެންމެ ބަރަކާތްތެރި ދުވަސްތަކެވެ. ވީހާގިނައިން ހެޔޮ ޢަމަލުތައްކޮށް ދުޢާކުރުން ގިނަކުރަން އޮތް ދުވަސްތަކެވެ. މިފަދަ ފުރުޞަތުތައް ނަގައިނުލާށެވެ! އެމީހަކު ބޭނުންވާ ކަންކަމަށް އެދިގެން ދުޢާކުރަމުން ގެންދާށެވެ. ދުޢާކުރުމުގެ ހުރިބާރު އެއްވެސް މީހަކަށް ތަޞައްވުރުވެސް ނުކުރެވޭނެއެވެ.

ދުޢާކުރުމަށްފަހު އިތުބާރުކުރަން ބައެއް މީހުންނަށް އުނދަގޫކަމަކަށްވެއެވެ. ދުޢާ ޢިޖާބަކުރެއްވެވިކަން އެނގުން ލަސްވުމުން ނުވަތަ އެކަމެއް ހިންމަވައިދެއްވެވެވުން ލަސްވުމުން ކުރި ދުޢާއާއިމެދު އިތުބާރުވެސް އެބަ ކަނޑައިލައެވެ. އެފަދަ މީހުން މިކިޔައިދޭ ވާހަކައިން ޢިބްރަތް ޙާޞިލުކުރާށެވެ! މިވާހަކަ މިހާރުވެސް ވާނީ ކިޔައިދެވިފައެވެ. ގިނައިން މިކިޔައިދެނީ ޙާޞިލުކުރަންޖެހޭ ޢިބްރަތް ބޮޑުކަމުންނެވެ. ކަނުލައި އަޑުއަހާށެވެ!

އެއީ ޕާކިސްތާނުގެ ވަރަށް ޚާއްޞަ ޑޮކްޓަރެކެވެ. އެންމެ މަޤްބޫލް ނިޔުރޮލޮޖިސްޓް ޑޮކްޓަރެވެ. އެހެން ކަމުން ޢާންމުގޮތެއްގައި އޭނާގެ އެޕޮއިންޓްމަންޓެއް ލިބެނީ 6 މަސްދުވަސްވަރު އިންތިޒާރުކޮށްގެންނެވެ.

ޑޮކްޓަރު އެހެން ސިޓީއަކަށް ކުރި ދަތުރެއްގައި ފްލައިޓަށް ކަމެއް ދިމާވެގެން ރަށްފުށު އަވަށެއްގެ އެއާޕޯޓުގައި ޖައްސަން ޖެހުނެވެ. އެއީ ފްލައިޓް މަރާމާތުކުރުމުގެ އެއްވެސް މަސައްކަތެއް ކުރެވޭ އެއާޕޯޓަކަށް ނުވުމުން ފްލައިޓަށް ޖެހުނީ އެހެން ފްލައިޓެއްގައި އިންޖިނޭރުން އަންނަންދެން މަޑުކުރާށެވެ.

ޑޮކްޓަރު ބޭނުންވީ އެ ވަގުތުކޮޅުގައި އަވަށުތެރެއަށް ގޮސް މީހުންގެ ހާލަތު ބަލައިލުމަށެވެ. ކާރެއް ވެސް ލިބެން ނެތުމުން ޑޮކްޓަރު ދަތުރު ފެށީ އޮޓޯ ރިކްޝާއެއްގައެވެ. ދަތުރުކުރަނިކޮށް މޫސުން ގޯސްވެ ވައިގަދަވެ ގުގުރައި ވިދައި ވާރޭ ވެހެން ފެށުމުން ޑޮކްޓަރު ބޭނުންވީ އެހިސާބުގައި ހުރި ގެއަކަށް މަޑުކޮށްލައި ނަމާދުކޮށް ކަންކަން ކޮށްލުމަށެވެ.

އެހެންކަމުން އެ ސަރަހައްދުގައި ހުރިގެއަކަށް މަޑުކޮށް މެހްމާން ދާރީ އަށް އެދުމުން އެގެއިން މަރުހަބާކިއެވެ. ޑޮކްޓަރު ނަމާދުކޮށް ނިމިގެން ބަލައިލިއިރު ވަރަށް ބަލި ކުއްޖަކު އޮތެވެ. އެ ކުއްޖާ އާއިމެދު ސުވާލުކުރުމުން އެގެއިން މަރުޙަބާކީ މުސްކުޅި އަންހެން މީހާ ރޮމުން ބުންޏެވެ.

"ސާހިބާއެވެ! ތިއައީ ޔަތީމް ކުއްޖެކެވެ. ތިއަ ކުއްޖާ ވަރަށް ގިނަ ޑޮކްޓަރުންނަށް ދައްކައިފީމެވެ. ރަނގަޅުވާނެ ގޮތެއް އަދި ނުވެއެވެ. ޑޮކްޓަރުން ބުނަނީ އޭނާއަށް ފަރުވާ ކުރެވޭނެ ހުރީ އެންމެ ޑޮކްޓަރެއް ކަމަށެވެ. އެ ޑޮކްޓަރު އުޅެނީ ވަރަށް ދުރުގައެވެ. އެހެންކަމާއިއެކުވެސް އެޕޮއިންޓްމަންޓެއް ހަދައިފީމެވެ. ނަމަވެސް ލިބުނީ 6 މަސް ދުވަސް ފަހަށެވެ. އެހެންވެ އެދުވަހުން ފެށިގެންދަނީ އެކަން ލުއި ފަސޭހަކޮށް ދެއްވެވުން އެދި ﷲ ތައާލާއަށް ދުޢާ ކުރަމުންނެވެ."

އެއީ ކޮން ޑޮކްޓަރެއްތޯ ޑޮކްޓަރު ސުވާލުކުރުމުން ބުނީ އެއީ ޑޮކްޓަރު އިޝާން ކިޔާ ޑޮކްޓަރެއް ކަމަށެވެ. އަންހެން މީހާގެ ޖަވާބާއިއެކު ޑޮކްޓަރަށް ރޮވެން ފެށިއެވެ. ޑޮކްޓަރު ބުންޏެވެ. "ދައްތަގެ ދުޢާ ﷲ ތައާލާ އިޖާބަ ކުރައްވަވައިފިއެވެ. އަހަރެންނަކީ ތިއަ ބުނާ ޑޮކްޓަރު އިޝާން އެވެ. އަހަރެން ދަތުރުކުރި ފްލައިޓަށް މައްސަލަ ދިމާވެ މި އަވަށުގައި ޖައްސަން ޖެހުމާއި އޮޓޯ ރިކްޝާއެއްގައި މިހިސާބަށް އައިތަނާ މޫސުން ގޯސްވެ މިގެއަށް ވަންނަން މެދުވެރި ކުރެއްވެވީ ދައްތަ ކުރި ދުޢާގެ ސަބަބުން ﷲ ތަޢާލާއެވެ."

މިފަދަ ހާދިސާތަކުން އެނގިގެންދަނީ ﷲ ތައާލާއަށް ކުރާ ދުޢާ އިޖާބަ ކުރައްވަވާނެ ކަމެވެ. ބައެއް ޙާލަތްތަކުގައި އާދައާއި ޚިލާފް ގޮތްގޮތަށްވެސް ކަންކަން މެދުވެރިކުރައްވަވާ ކަމެވެ. އަހަރެމެންނަށް ކުރަންޖެހޭ ކަމަކީ ﷲ ތަޢާލާއަށް އިޚްލާޞްތެރިވުމާއިއެކު ﷲ ތަޢާލާގެ ޙައްޤުތައް ފުރިހަމައަށް އަދާކުރުމާއިއެކު އަދި ފުރިހަމަ ޔަޤީންކަމާއިއެކު ﷲ ތައާލާއަށް ދުޢާކުރުންމަތީގައި ދެމިތިބުމެވެ!

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން