ތިމާގެ އަނބިދަރިންނާ ޢާއިލާގެ މީހުންގެ އިތުރުން މުވައްޒިފުންފަދަ ތިމާގެ ބެލުމުގެދަށުގައިވާ މީހުންގެ ހިތުގަ ޖެއްސުވުމަކީވެސް ކުރެވޭ ވަރަށް ބޮޑު ފާފައެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ތިމާގެ އަނބިދަރިންނާ ޢާއިލާގެ މީހުންގެ އިތުރުން މުވައްޒިފުންފަދަ ތިމާގެ ބެލުމުގެދަށުގައިވާ މީހުންގެ ހިތުގަ ޖެއްސުވުމަކީވެސް ކުރެވޭ ވަރަށް ބޮޑު ފާފައެއް!

[ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި އެމީހެއްގެ ބެލުމުގެދަށުގައި ތިބޭ ޢާއިލާގެ މީހުންނާއި މުވައްޒިފުން ހިތުގައި ޖެއްސުމަކީ ފާފައެއް ނޫނެވެ. އެއީ އޭނާއަށް ކުރުން ހުއްދަ ކަމެކެވެ. އެމީހުންގެ ހިތުގައި ޖެއްސުވުމަކީ އޭނާއަށް އިޚްތިޔާރުލިބިގެންވާ ކަމެކެވެ.

އެކަން ފާފައަކަށް ނުވާނެ އެއްވެސް ގޮތެއް ނިކަން ދައްކައިބަލާށެވެ! ހަމައެކަނި ތިމާގެ ބެލުމުގެދަށުގައި ތިބި މީހުން އެކަންޏެއް ނޫނެވެ. އެއްވެސް އިންސާނެއްގެ ހިތުގައި ޖެހޭފަދަ އެއްވެސް ކަމެއް ކުރުމަކީ ފާފައެކެވެ. އެއީ އިސްލާމް ދީން ހުއްދަކުރާ ކަމެއް ނޫނެވެ.

މީސްތަކުންގެ ހިތުގައި ޖެހޭ ފަދަ އެއްވެސް ކަމެއް ކުރުން ރަސޫލް (ﷺ) ވަނީ މަނާ ކުރައްވަވައިފައެވެ. ހަމައެކަނި މުސްލިމުންގެ އެއް ނޫނެވެ. އެހެން ދީނެއްގެ މީހެއް ނަމަވެސްމެއެވެ. އެންމެންނާއިމެދުވެސް އަމަލުކުރަން ޖެހޭނީ އޯގާތެރިކަމާއިއެކުގައެވެ. ޚިޔާލުތަފާތުވާ ޙާލަތުގައިވެސް މުޢާމަލާތުކުރަން ޖެހޭނީ އޯގާތެރިކަމާއިއެކުގައެވެ. އަމުރެއް ކުރާނަމަ އެކަންވެސް ކުރަން ޖެހޭނީ އޯގާތެރިކަމާއިއެކުގައެވެ.

އެކަން ރަސޫލް (ﷺ) އަމަލުފުޅުތަކުން ނަމޫނާ ދައްކަވައި ދެއްވަވައިފައެވެ. އަހަރެމެންނަށް އޮތީ އެކަން ބަލައިގަތުމެވެ. އެކަން އެގޮތަށް ތަންފީޒުކުރުމެވެ. ޢާއިލާގެ ވެރިކަން ނަމަވެސް އަދި މުޖުތަމައުގެ ވެރިކަން ނަމަވެސް ﷲ ތަޢާލާ ވެރިކަމެއް ދެއްވެވުމަކީ އެހެން މީހުންގެ ކަރާމާތަށް އަރައިގަތުން ހުއްދަވާ ސަބަބެއް ނޫނެވެ. އަދި ބާރެއް ދެއްވެވުމަކީވެސް ގަދަބަދަވިކަން ދައްކަން ލިބޭ ހުއްދައެއް ނޫނެވެ.

އިސްލާމް ދީނަކީ ކޮންމެ ބާވަތެއްގެ ނަމަވެސް އަޅުވެތިކަން މަނާކުރާ ދީނެވެ. ވީމާ ކުރީ ޒަމާނުގައި މީސްތަކުން އަޅުވެތިކޮށް މީސްތަކުންނާއިމެދު އަމަލުކުރި ގޮތަށް އަމަލުކުރުން އިސްލާމް ދީނުގައި ވަނީ މަނާ ކުރައްވަވައިފައެވެ. އިސްލާމް ދީނުގައި ހުއްދަ ނޫން ކޮންމެ ކަމެއް ކުރުމަކީވެސް ފާފައެކެވެ. ފާފައިގެ މިން ކަނޑައެޅުމަކީ އެއްވެސް މީހަކަށް ހުއްދަ ކަމެއް ނޫނެވެ. އަދި ކުރެވޭނެ ކަމެއްވެސް ނޫނެވެ. ފާފައިގެ މިނާއި ދެއްވަވާނެ ޢަޛާބާއި ހެޔޮ ޢަމަލުކުރުމުން ދެއްވަވާނެ ޘަވާބު ކަނޑައެޅުއްވެވުމަކީ ﷲ ތަޢާލާއަށް ޚާއްޞަވެގެންވާ ކަމެކެވެ.

އިސްލާމް ދީން ބާވައި ލައްވަވައި މީސްތަކުން މިނިވަން ކުރެއްވެވުމުން ވެސް މީސްތަކުން އަޅުވެތިކުރަނީތޯ ޢުމަރުގެފާނު ކުރެއްވެވި ސުވާލުން މިކަންކަން އިތުރަށް އެނގިގެންދެއެވެ. ވީމާ ފާފަ ޢާއިމެދު މިހާރަށްވުރެ ބޮޑަށް ވިސްނާށެވެ! ނުވިސްނައިފިނަމަ ފާފައެއް ކަމަށް ޤަބޫލު ނުކުރެވި ކުރެވޭ ފާފަތައް އިންތިހާއަށް ގިންވެގެން ހިނގައިދާނެއެވެ. އެކަމުގެ ސަބަބުން ކިތަންމެ ބޮޑު ހިތާމައެއްވެސް އުފުލަން ޖެހިދާނެއެވެ.

ބައެއް މީހުން ވަރަށް ފަޚުރުވެރިވެލާފައި ތިމާ އެއްވެސް ފާފައެއް ނުކުރާ ކަމަށް ބުނެއެވެ. އެހެންބުނާއިއރު އޭނާއަކީ އޭނާގެ އަނބިދަރިންނާއި ޢާއިލާގެ މީހުންނާއި ގެންގުޅޭ މުވައްޒިފުންގެ ހިތުގައި ޖައްސައި ރޮއްވާ މީހަކަށްވެދާނެއެވެ. އެފަދަ މީހުން އެގޮތަށް ބުނާއިރު ފާފައަކީ ކޮބައިކަން ކަނޑައަޅައި ފާފައިގައި މިން އަޅަނީ ނުވަތަ ފާފައެއް ކަމަށް އެ ބަލަނީ ކޮން މިންގަނޑަކުން ކަމެއް ނުއެނގެއެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން