ތިމާއަށް އެނިޢުމަތެއް ލިބުމުން ހުރިހާ އުފަލެއް ލިބޭނެ ނިޢުމަތަށް އެދިއްޖެ ކޮންމެ މީހަކަށްވެސް އެކަން މިންވަރު ކުރައްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ތިމާއަށް އެނިޢުމަތެއް ލިބުމުން ހުރިހާ އުފަލެއް ލިބޭނެ ނިޢުމަތަށް އެދިއްޖެ ކޮންމެ މީހަކަށްވެސް އެކަން މިންވަރު ކުރައްވަވާނެ! އިން ޝާ ﷲ

އިންސާނުންނަކީ ﷲ ތަޢާލާގެ ޙަޟްރަތުން އަބަދުވެސް ގިނަ ކަންތައްތަކަކަށް އެދެން ޖެހިފައިވާ ބައެކެވެ. ކޮންމެ މީހަކީވެސް އަބަދުވެސް ގިނަ ކަންތައްތަކަކަށް އެދެމުންވެސް ދާ މީހެކެވެ. 

ނަމަވެސް އެދޭ ކަންތައްތަކުގެ ތެރެއިން މިދުނިޔޭގައި ފުރިހަމަ ވަނީ މަދު ކަމެއް ކަމަށްވެސް ބުނެވިދާނެއެވެ. އެހެން އެވަނީ ލިސްޓު ދިގުވުމުންނެވެ. އަދި ލިސްޓުގައި ހުންނަ ބައެއް ކަންކަމަކީ އެކަމެއް ޙާޞިލުވުމުން އަހަރެމެންނަށް ގެއްލުން ހުރި ކަންކަން ކަމުގައިވާތީއެވެ. 

މިސާލަކަށް ތަނަވަސްކަން، މަތީ މަޤާމްތައް، ޢިއްޒަތާއި ޝަރަފް، އެންމެ އަގު ބޮޑު ކާރު، އެންމެ ރީތި ގެ، އެއްވެސް ބައްޔެއް ނުވުން މިހެން ގޮސް އެތައް ބައިވަރު ކަންކަމަށް އަހަރެމެން އެދެމުއެވެ. ކުރިން ބުނި ފަދައިން އެދޭ ކަންކަމުގެ ތެރެއިން ޙާޞިލުވަނީ ލިސްޓުން ބައެކެވެ. 

ކަން މިހެން އޮތް ނަމަވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އިޚްލާޞްތެރިކަމާއިއެކު އެދިއްޖެ ހަމަ އެއްވެސް މީހަކަށް ނުދެއްވަވައި ދޫކޮށް ނުލައްވަވާނެ ނިޢްމަތެއް ވެއެވެ. އަޅެ ނިކަން ވިސްނައިލަބަލާށެވެ! އެއީ ކޮން ނިޢްމަތެއްކަމާއިމެދުގައެވެ. 

އެ ނިޢްމަތަކީ ހިދާޔަތު ދެއްކެވުމެވެ. ތެދުމަގު ދެއްކެވުމެވެ. ތެދުމަގު ދެއްކެވުމަށް އެދި އިޚްލާޞްތެރިކަމާއިއެކު ﷲ ތަޢާލާގެ ޙަޟްރަތުގައި އެދިއްޖެ ކޮންމެ މީހަކަށް އެ ނިޢްމަތް މިންވަރު ކުރައްވަވާނެތެވެ. އިން ޝާ ﷲ. އެއީ ހަމަ ޒައްރެއްގެ މިންވަރަށްވެސް ޝައްކުކުރަންޖެހޭ ކަމެއް ނޫނެވެ! އެއީ ﷲ ތަޢާލާގެ ވަޢުދު ބަސްފުޅެކެވެ. ވީމާ އިތުރަށް ވިސްނާކަށްވެސް ނުޖެހޭނެއެވެ. 

މީސްތަކުންނޭވެ! އިންސާނަކަށް އެންމެ މުހިންމުވާނީ، އަދި އެންމެ ފައިދާކުރާނެ ކަމަކަށްވާނީ ތެދުމަގު ފެނުމެވެ. ހިދާޔަތު ލިބުމެވެ. އެ މަތިވެރި ނީޢްމަތް ލިބިއްޖެ ނަމަ ހުރިހާ ނިޢްމަތްތަކައް ލިބުނީއެވެ. ފުދި އިތުރުވީއެވެ. އެހެންކަމާއިއެކުވެސް އިޚްލާޞްތެރިކަމާއިއެކު ތެދުމަގު ދައްކަވައި ދެއްވެވުން އެދެވެނީ ވަރަށް މަދު މީހަކަށެވެ. އަބަދުހެން އެދިދަންނަވަމުން ގެންދެވެނީ ދުނިޔަވީ ބޭނުންތަކުންނެވެ! 

އެންމެ ރަނގަޅެވެ. ނިކަން ބުނެބަލާށެވެ! ދުނިޔެއިން ތިބާ އެދުނު ހުރިހާ ނިޢްމަތްތަކެއް ﷲ ތަޢާލާ ދެއްވެވީއެވެ. މުއްސަނދިކަމާއި އާރާއި ބާރާއި މިހެންގޮސް ހުރިހާ ކަމެއް ލިބުނީއެވެ. ނަމަވެސް ތެދުމަގު ނުހިފުނީއެވެ. ހިދާޔަތު ނުލިބުނީ އެވެ. ދެން ވާނީ ކިހިނަކުން ހެއްޔެވެ؟ ފިރުއަޢުނާއި ޤާރޫނަށް ވީގޮތް ނޫން ހެއްޔެވެ؟ އެކަމުން އޮތީ ކޮން ފައިދާއެއް ހެއްޔެވެ؟ ވީމާ ކޮންމެ މީހަކީވެސް ގިނަގިނައިން ތެދުމަގު ދެއްކެވުން އެދި ދުޢާކުރާ މީހަކަށް ވާން އެބަ ޖެހެއެވެ.

 

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން