ޚުޠުބާ: ލަތުވެތިކަން އެ މީހެއްގެ ކިބައިގައި ހުރެއްޖެ މީހާ، ޢިފަތްތެރިކަން އިސްކުރާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 11މ 9ސ
ޚުޠުބާ: ލަތުވެތިކަން އެ މީހެއްގެ ކިބައިގައި ހުރެއްޖެ މީހާ، ޢިފަތްތެރިކަން އިސްކުރާނެ!

މާތް الله ގެ އަޅުތަކުންނޭވެ! އަހުރެންގެ އަމިއްލަ ނަފުސަށާއި ތިޔަ އެންމެ ތަކުންނަށް މާތް اللهއަށް تَقْوَى ވެރިވުމަށް ގޮވައިލައި ނަސޭޙަތްތެރިވެ ވަޞިއްޔަތްކުރަމެވެ! މާތް الله ވަޙީކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން الله އަށް تَقْوَى ވެރިވާށެވެ! އަދި ކޮންމެ ނަފްސެއްމެ، މާދަމާއަށް ޓަކައި އިސްކޮށްފައިވާ ޢަމަލެއް ބަލައިފާހުށިކަމެވެ! އަދި ތިޔަބައިމީހުން اللهއަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން الله އީ، ތިޔަބައިމީހުން ކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ."[1] 

މުސްލިމް އަޚުންނޭވެ! އިސްލާމްދީނަކީ ހުރިހައި ފުރިހަމަކަމަކާއި ރިވެތިކަމެއް އެކުލެވިގެންވާ ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމެވެ. މަތިވެރި އަޚުލާޤުގެ ހުރިހައި ސިފަޔަކަށް މިދީން މަގުދައްކައެވެ. އެ ގޮތުން ލަދުވެތިކަމާ ޢިއްފަތްތެރިކަމަކީ، އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ މަތިވެރި ދެ ސިފައެކެވެ.  ލަދުވެތިކަމަކީ ކޮބައިހެއްޔެވެ؟ ދިވެހިބަހުގެ ރަދީފުގައި ލަދުވެތިކަން މާނަކޮށްފައިވަނީ އެއީ، އަބުރު ގެއްލޭފަދަ ކަމެއް ކުރުމަށް ޖެހިލުންވުމެވެ. ނުވަތަ އެހެން މީހުންނަށް ފާޅުކުރާން ނުކެރޭ ވަކި ސިފައެއް ވަކި ކަމެއް އެހެން މީހުންނަށް ފެނިދާނެތީ ޖެހިލުންވުމެވެ. اَلْإِمَامُ النَّوَوِيْ (رحمه الله) ވިދާޅުވެފައިވެއެވެ. "ޢިލްމުވެރީން ވިދާޅުވާ ގޮތުގައި، ލަދުވެތިކަމަކީ، އެންމެހައި ނުބައިކަންކަމާ ދުރުހެލިވުމަށް ބާރުއަޅާ، އަދި ޙައްޤުގެ ވެރިޔާއަށް އޭނާގެ ޙައްޤު ލިބިދިނުމަށް ހުރަސްއަޅާ ކަންކަމާ ދެކޮޅުވެރިވުމުގެ ރޫޙު އުފައްދައިދޭ ކަމެކެވެ. މާތް اللهُ، އެ ކަލޭގެފާނަށް ރަޙުމަތްލެއްވި، އަބުލްޤާސިމުލްޖުނައިދުގެ ކިބައިން ރިވާވެގެންވާ ގޮތުގައި، "ލަދުވެތިކަމަކީ، (اللهُ ގެ) ނިޢުމަތްތަކުގެ ބޮޑުކަމާއި، ތިމާގެ ކިބައިގައިވާ އުނިކަން (މީހަކަށް) ވަޒަންކުރެވުމެވެ. ފަހެ، (އެ ހިނދު) އެ ދެމެދުން އުފެދިގެންއަންނަ ސިފަޔަކަށް (އެބަހީ: اللهُގެ ގިނަގުނަ ނިޢުމަތްތަކަށް އެކަލާނގެ ޙަޟުރަތަށް ޝުކުރުވެރިވުމުގެ ބަދަލުގައި ނިޢުމަތްތަކަށް ފުރަގަސްދީ، ކުފުރުވެރިވެވިފައިވާކަމުގެ އިޙުސާސްވެ، އެ ކަމުގެ މައްޗަށް ތިމާ ހިތާމަވެރިވެ މޮޅިވުމަށް) ލަދުވެތިކަމޭ ކިޔެއެވެ."[2] 

މުސްލިމް އަޚުންނޭވޭ! ލަދުވެތިކަމުގެ މި މާތް ސިފައިގެ މުހިންމުކަމުން ކީރިތި މާތް ނަބިއްޔާ  z މި ސިފަ ގެންނަވައިފައި ވަނީ އީމާންކަމުގެ ތެރެއިންނެވެ. އިތުރު އެކަލޭގެފާނު ޙަދީޘްކުރައްވައިފައި ވެއެވެ. (وَالْـحَيَاءُ شُعْبَةٌ مِنَ الْإِيْـمَانِ)[3] މާނައީ: "ލަދުވެތިކަމަކީ އީމާންކަމުގެ ތެރެއިންވާ ކަމެކެވެ." ހަމަކަށަވަރުން ލަދުވެތިކަމުގެ ސިފަ މީހެއްގެ ކިބައިގައި ހުރެއްޖެ ނަމަ، އެ ސިފައިގެ ސަބަބުން އޭނާ ފާފަތަކަށް އަރައިގަތުން މަނާކުރާނެއެވެ. އަދިވެސް ޙަދީޘްކުރައްވައިފައި ވެއެވެ. (اَلْـحَيَاءُ لَا يَأْتِيْ إِلَّا بِـخَيْرٍ)[4] މާނައީ: " ހެޔޮކަމާއިގެން މެނުވީ ލަދުވެތިކަން ނާންނާތެވެ". އެ މީހެއްގެ ކިބައިގައި ލަދުވެތިކަން ހުރެއްޖެ މީހާ، ފާޖިރުކަމާއި، މާތް ﷲ ޙަރާމްކުރައްވައިފައިވާ ކަންތައްތަކާ ދެމެދު ހުރަހެއް ޤާއިމުކޮށްފިއެވެ. އެންމެހައި ނޭއްގާނީ ޢަމަލުތަކުން އެ މީހަކު ދުރުވާނެއެވެ. އަދި އެ ފަދަ މީހަކަށް، މަކާރިމުލްއަޚްލާޤުގެ ރިވެތި ފޭރާމުން ޒީނަތްތެރިވެވެއެވެ. އިބްނުލްޤައްޔިމް ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. "ލަދުވެތިކަމަކީ އިންސާނުންނަށް މާތް ދެއްވި ޚާއްޞަ ސިފައެކެވެ. ފަހެ ލަދުވެތިކަން ނެތް މީހަކަށް އިންސާނީ ސިފަތަކުގެ ތެރެއިން އޭނާގެ ގައިގައި ޖަހައިފައިވާ މަހާއި، ހަށިގަނޑުގައި ދައުރުވާ ލެޔާއި، ބޭރުފުށުގެ އިންސާނީ ސޫރަ ފިޔަވައި އެހެން ކަމެއް ނުވެއެވެ. އަދި ލަދުވެތިކަން ނެތް މީހެއްގެ ކިބައިގައި އެއްވެސް ހެވެއް ނުވެއެވެ."[5]  

މުސްލިމް އަޚުންނޭވެ! ލަތުވެތިކަން އެ މީހެއްގެ ކިބައިގައި ހުރެއްޖެ މީހާ، ޢިފަތްތެރިކަން އިސްކުރާނެއެވެ. އޭނާގެ ވެރި ރަސްކަލާނގެއަށް ބިރުވެތިވެ އޭނާގެ ހަވާނަފްސުގެ އެދުންތައް މައިތިރިކުރާނެއެވެ. يُوْسُفُ عَلَيْهِ ٱلسَّلَامُ އަށް ކުރިމަތިކުރެއްވުނު އިމްތިޙާނުން އެކަލޭގެފާނު ފާސްވެވަޑައިގަތީ އެކަލޭގެފާނުގެ ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ ސަބަބުންނެވެ. މި ޙާދިޘާގެ ވާހަކަ ބަޔާންކުރައްވައި މާތް ﷲ ވަޙީކުރައްވައިފައި ވެއެވެ. ---  މާނައީ: "އަދި އެކަލޭގެފާނު އެކަނބުލޭގެ ގޭގައި ހުންނެވި ކަނބުލޭގެ، އެކަލޭގެފާނުގެ އަރިހުން ނުބައިކަމަކަށް އެދުނެވެ. އަދި ދޮރުލައްޕައި، އެކަނބުލޭގެ ދެންނެވިއެވެ. ކަލޭގެފާނު (ތިމަންނާގެ ގާތަށް) ވަޑައިގަންނަވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. [مَعَاذَ اللَّهِ] އެވެ. (އެބަހީ: الله ގެ ރައްކާތެރިކަމަށް އެދެމެވެ. خيانة ތެރިވުމަށް ކަނބުލޭގެ ތިޔަ އެދޭ މީހާ) އެއީ ހަމަކަށަވަރުން، ތިމަންގެ ސާހިބު މީހާއެވެ. އޭނާ ތިމަންކަލޭގެފާނު ބަހައްޓައިފައިވަނީ، މާތް ރަނގަޅު ގޮތަށެވެ. ހަމަކަށަވަރުން، އަނިޔާވެރީން ނުދިންނަވާނެތެވެ." يُوْسُفُ عَلَيْهِ ٱلسَّلَامُގެ އީމާންކަމާއި، ލަދުވެތިކަމާއި، ޢިއްފަތްތެރިކަން ނިކަން ދެކޭށެވެ! މާތް އަޅަމެންނަށް މިފަދަ އީމާންކަމާއި، ޢިއްފަތްތެރިކަމާއި، ތަޤުވާވެރިކަން މިންވަރުކުރައްވާށިއެވެ! އާމީން! 

މުސްލިމް އަޚުންނޭވެ! އެ މީހެއްގެ ހަވާނަފުސުގެ އެދުންތަކުގެ މައްޗަށް ގަދަވެގަނެ، ނަފުސު މައިތިރިކޮށްފި މީހަކަށް އޮތީ ކޮން ފަދަ އުފާވެރިކަމެއްހެއްޔެވެ؟ މާތް ﷲ ވަޙީކުރައްވައިފައިވެއެވެ. ---- މާނައީ: "އަދި އެމީހާގެ ވެރިރަސްކަލާނގެ حَضْرَةُ ގައި ހުންނާން ޖެހޭ ހުރުމަށް ބިރުވެތިވެ، އެ މީހެއްގެ نَفْس އަމިއްލަ އެދުންތަކުން ދުރުކޮށްފި މީހާ ދަންނާށެވެ! ފަހެ، ހަމަކަށަވަރުން، އެ މީހާ އުޅޭނެ ތަނަކީ، ސުވަރުގެއެވެ. " އަދި ހަމައެފަދައިން، މަޙްޝަރު ދުވަހުގައި، މާތް ﷲ ދެއްވާ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި، އެކަލާނގެ އެ މީހަކަށް ހިޔާވަހިކަން ދެއްވާނެ ހަތް މީހުންގެ ތެރޭގައި، ދުނިޔެ މަތީގައި ޢިއްފަތްތެރިކަން އިސްކުޅަމީހާ ހިމެނޭކަން ބަޔާންކުރައްވައި ކީރިތި ރަސޫލުﷲ صلّى اللّـه عليه وسلّم ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ހަސަބާއި މަޤާމުގެ ގޮތުންނާއި، ރީތިކަމުގެ ގޮތުން އަރައި ހުރި އަންހެނަކު، ފާޙިޝްކަމަކަށް ގޮވައިލުމުން އަހުރެން ﷲއަށް ބިރުވެތިވަމޭ ބުނެ އެ ކަމުން ދުރުހެލިވި މީހާއެވެ."[6]  

މުސްލިމް އަޚުންނޭވޭ! ހިތާމައަކީ މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި ޢިއްފަތްތެރިކަމުގެ މި ރިވެތި ސިފައިން ބޭރުވެފައިވާ ތަން ފެނުމެވެ. ހެދުން އެޅުމާއި، މުޢާމަލާތުކުރުމާއި، ދިރިއުޅުމުގެ ކަންކަމުގެ ތެރެއިން މި މާތް ސިފަ ނެތެމުންދާ ތަން ފެނުމެވެ. މީސް މީޑިއާގެ އެކިއެކި މަންސަތަކުގައި މީސްތަކުން ޙަރަކާތްތެރިވަމުން އެ ދަނީ ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއް ފަރާތް ކުރުމަށްފަހުއެވެ. އެކިއެކި ފާޙިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހިއްސާކުރަމުން އެ ދަނީ ހިތުގައި ކުޑަ ވެސް ބިރުވެތިކަމެއް ނެތިއެވެ. މާތް ﷲ ވަޙީކުރައްވައިފައިވެއެވެ.  ----[7]  މާނައީ: "ހަމަކަށަވަރުން، إيـْمَانވި މީހުންގެ ތެރޭގައި ހުތުރުކަން ބޮޑު ފާފައިގެ ވާހަކައާއި، عمل، ފެތުރިގެންދިއުމަށް ލޯބިކުރާ މީހުން (ދަންނާށެވެ!) ދުނިޔެއާއި آخرةގައި ވޭންދެނިވި عذاب އެ މީހުންނަށް ހުށްޓެވެ. اللَّه ދެނެވޮޑިގެންވެތެވެ. އަދި ތިޔަބައިމީހުންނަކަށް ނޭނގެތެވެ." ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންނީ އީމާންކަމާއި ޢިއްފަތްތެރިކަމަށް ރައްކާތެރިވާ ލަދުވެތި ބަޔަކުކަމުގައި ލައްވާނދޭވެ!   

ޙަމްދުހުރީ މާތް الله އަށެވެ. الله ގެ މަތިވެރިކަމާއި މާތްކަން އެހެން ހުރިހައި އެއްޗަކާއި ކަމަކަށް ވުރެ ބޮޑެވެ. މާތް الله ފިޔަވައި ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ. އަދި މުޙައްމަދުގެފާނީ އެކަލާނގެ އަޅާކަމަށާއި، އެންމެ ފަހުގެ ނަބިއްޔާކަމަށާއި ރަސޫލާކަމަށް އަޅު ހެކިވަމެވެ. އެކަލޭގެފާނުގެ މައްޗަށް ޞަލަވާތާއި، ސަލާމާއި، ބަރަކާތްލައްވާނދޭވެ! އަދި މި ޞަލަވާތާއި، ސަލާމާއި، ބަރަކާތުގައި އެކަލޭގެފާނުގެ އިތުރު އާލުންނާއި، މިތުރު ޞަޙާބީންނާއި، ތާބިޢީން ޝާމިލްކުރައްވާނދޭވެ! 

މުސްލިމް އަޚުންނޭވެ! ލަދުވެތިކަމާއި ޢިއްފަތްތެރިކަމަކީ، ކޮންމެ މުސްލިމެއްގެ ކިބައިގައި ވެސް ކޮންމެހެން ހުރުން ލާޒިމު ސިފައެކެވެ. އެހެނީ އެ މުޖުތަމަޢެއްގެ އަޚްލާޤީ މިންތަކާއި އިޖްތިމާޢީ ފޭރާން ބިނާވެފައިވާ މައިގަނޑު އެއް ސިފައަކީ ލަދުވެތިކަމުގެ ސިފައެވެ. أُمُّ الْمُؤْمِنِيْنَ عَائِشَة رَضِيَ اللهُ عَنْهَاގެ އަރިހުން ރިވާވެގެން އައިސްފައިވެ އެވެ. އެ ކަމަނާ ވިދާޅުވިއެވެ. ރަސޫލުz އެކަލޭގެފާނުގެ މާކަޅުވާމަސްގަނޑު ނުވަތަ ކަށިމަތިފުޅު  ކަޝްފުކުރައްވައި ތިމަންކަމަނާގެ ގެކޮޅުގައި އޮށޯވެވަޑައިގެން އޮންނެވިއެވެ. ފަހެ އަބޫބަކުރުގެފާނު އެތެރެއަށް ވަދެވަޑައިގަންނަވާން އެދިވަޑައިގަތުމުން އެކަލޭގެފާނަށް އިޛުނަދެއްވިއެވެ. އޭރު ވެސް އެކަލޭގެފާނު އޮންނެވީ އެ ގޮތަށެވެ. (އެބަހީ: ކުރީން ވެސް އޮންނެވި ގޮތަށެވެ.) ފަހެ އެބޭކަލުން ވާހަކަފުޅުދެއްކެވިއެވެ. އެއަށް ފަހު ޢުމަރުގެފާނު އެތެރެއަށް ވަދެވަޑައިގަންނަވާން އެދިވަޑައިގަތުމުން އެކަލޭގެފާނަށް އިޛުނަދެއްވިއެވެ. އޭރު ވެސް އެކަލޭގެފާނު އޮންނެވީ އެ ގޮތަށެވެ. (އެބަހީ: ކުރީން ވެސް އޮންނެވި ގޮތަށެވެ.) އެބޭކަލުން ވާހަކަފުޅުދެއްކެވިއެވެ. ދެން ޢުޘްމާނުގެފާނު އެތެރެއަށް ވަދެވަޑައިގަންނަވާން އެދިވަޑައިގަތުމުން، ރަސޫލު އިށީނދެވަޑައިގެން އެކަލޭގެފާނުގެ ހެދުންކޮޅު ރަނގަޅުކޮށްލެއްވިއެވެ. (ޢުޘްމާނުގެފާނު) އެތެރެއަށް ވަދެވަޑައިގެން ވާހަކަފުޅުދެއްކެވިއެވެ. އެބޭކަލުން ނުކުމެވަޑައިގަތުމުން ތިމަންކަމަނާ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އަށް ދެންނެވިއެވެ. "އަބޫބަކުރުގެފާނު ވަދެވަޑައިގަތްއިރު ކަލޭގެފާނު އޮންނެވި ގޮތަށް ހަމަ އޮންނެވީމުއެވެ. ދެން ޢުމަރުގެފާނު ވަދެވަޑައިގަތްއިރު ވެސް ކަލޭގެފާނު އޮންނެވި ގޮތަށް އޮންނެވީމުއެވެ. އެއަށްފަހު ޢުޘްމާނުގެފާނު ވަދެވަޑައިގަތުމުން ކަލޭގެފާނު އިށީނދެވަޑައިގެން ފޭރާންކޮޅު ވެސް ރީތިކުރެއްވީމުއެވެ؟ ރަސޫލު z ޙަދީޘް ކުރެއްވިއެވެ. (أَلَا أَسْتَحْيِيْ مِنْ رَجُلٍ تَسْتَحْيِيْ مِنْهُ الْمَلَائِكَةُ) [8]މާނައީ: "އެބޭކަލަކު ދެކެ މަލާއިކަތުން ލަދުވެތިވެވަޑައިގަންނަވާ ބޭކަލަކު ދެކެ، ތިމަންކަލޭގެފާނު ލަދުވެތިވެ... 

މުސްލިމް އަޚުންނޭވެ! މާތް الله އަހަރެމެންނަށް ވަރަށް މަތިވެރި އަމުރަކުން އަމުރު ކުރައްވައިފައިވެއެވެ. އެކަލާނގެ ވަޙީކުރައްވައިފައި ވެއެވެ. ---މާނައީ: "ހަމަކަށަވަރުން اللهއާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ޞަލަވާތްލައްވަތެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން އެކަލޭގެފާނުގެ މައްޗަށް ޞަލަވާތްލެއްވުން އެދި ދުޢާކުރާށެވެ! އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމްލެއްވުން އެދި ތިޔަބައިމީހުން ގިނަގިނައިން ދުޢާކުރާށެވެ!"

اَللّٰهُمَّ اغْفِرْ لِلْمُؤْمِنِيْنَ وَالْمُؤْمِنَاتِ، وَالْمُسْلِمِيْنَ وَالْمُسْلِمَاتِ، اَلْأَحْيَاءِ مِنْهُمْ وَالْأَمْوَاتِ، إِنَّكَ سَـمِيْعٌ قَرِيْبٌ مـُجِيْبُ الدَّعَوَاتِ يَا رَبَّ الْعَالَمِيْنَ

މިއަދު އޮންލައިން