ނުވިސްނާ ތިއްބާ ފޯނަކީ ދަރިން ނަރަކައަށް ދަމާ އެންމެ ގަދަ ބާރަށްވެ ނިމިއްޖެ! ގެދޮރު ޝައިޠާނާގެ ކިއްލާއަކަށްވެސް ވެއްޖެ! ބެލެނިވެރިންނަށް ސަލާމަތެއް ނުވެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 59ސ
ނުވިސްނާ ތިއްބާ ފޯނަކީ ދަރިން ނަރަކައަށް ދަމާ އެންމެ ގަދަ ބާރަށްވެ ނިމިއްޖެ! ގެދޮރު ޝައިޠާނާގެ ކިއްލާއަކަށްވެސް ވެއްޖެ! ބެލެނިވެރިންނަށް ސަލާމަތެއް ނުވެވޭނެ!

މިއަދު އަތުގައި އޮންނަ ފޯނަކީ ފިލްމް ބަލައިލެވޭ ސްމާޓް ފޯނަކަށް ނުވާނަމަ އެއީ ފޯނަކަށް ނުވެއެވެ. ސްމާޓް ފޯނެއް އަތުގައި ނެތް ނަމަ އެއީ މީހަކަށް ވެސް ނުވެއެވެ. މިކަން އޮތީ ހަމައެކަނި ބޮޑެތި މީހުންނަކަށްވެސް ނޫނެވެ. ކުޑަކުދިންވެސް ބޭނުންވަނީ އެންމެ ފަހުގެ ފޯނެވެ.

ތަނަވަސްކަން ހުރިނަމަ އެންމެ ފަހުގެ ފޯނު ގެންގުޅުމަކީ މައްސަލައެއް ނޫނެވެ. އަދި އެމީހެއްގެ ކިބައިގައި ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ޒަމާނީ ފޯނު ގެންގުޅުމަކީވެސް މައްސަލައެއް ނޫނެވެ. ނމަވެސް އެއިގެ ބޭނުން ހެޔޮގޮތުގައި ހިފާނަމައެވެ.

ހިތާމައަކީ އެ ފޯނުގެ ބޭނުން ހިފެމުންދާ ގޮތެވެ. އަހަރަކު ޓްރިލިއަން ޑޮލަރުގެ ވިޔަފާރި ކުރެވެމުން އަންނަ ބަރަހަނާ ވިޔަފާރިތައް މީސްތަކުންނަށް އެންމެ ފަސޭހައިން ފޯރުކޮށްދޭ ވަސީލަތަކީ ކޮންމެ މީހެއްގެ އަތުގައި އޮންނަ ފޯނުކަމަށްވެފައިވާއިރު އެކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވޭ ކަމެވެ.

ނިކަން ވިސްނައިލަބަލާށެވެ! ފޯނުގެ ސަބަބުން ގޭގެ ކޮންމެ ކޮޓަރިއަކީ ޝައިޠާނާގެ ކިއްލާއަކަށް ހަދައިފިއެވެ. ތިމާގެ ކުދި ދަރިން ނަރަކައަށް ދަމައި ގެންދާ އެންމެ ގަދަ ބާރަށް ވެއްޖެއެވެ. ކަންކަން މިހިސާބަށް ދިއައިރުވެސް މައިން ބަފައިން އަދިވެސް ތިއަ ތިބެނީ ޣާފިލުކަންމަތީގައެވެ. ތިއަ ޣާފިލުކަމުން ހޭލަން ބޭނުންވަނީ އާޚިރަތް ދުވަހު ތިބާ އާއި ސުވާލުކުރެއްވުމާއި ހަމައިން ހެއްޔެވެ؟ އެފަދައިން މެދުވެރިވެއްޖެ ނަމަ ހުރި ހިތާމައެއްގެ ބޮޑުކަމާއިއެވެ!

ބައެއް މީހުން ބުނެއެވެ. އެފަދަ ފިލްމުތަކާއި މަންޒަރުތައް ބެލުމަކީ އެހައި ބޮޑުކަމެއް ނޫނެވެ. އެކަމުން އެހެން މީހަކަށް ލިބޭ އެއްވެސް އުނދަގުލެއް ނެތެއް ނޫން ހެއްޔެވެ؟

ތެދެކެވެ. އެމީހަކު ކުރި ފާފައަކަށް ޢަޛާބު ދެއްވަވާނީ އެމީހަކަށެވެ. އެކަމުގެ ސަބަބުން އެންމެ ބޮޑު ގެއްލުމެއް ލިބެނީ އެމީހަކަށެވެ. އެމީހެއްގެ ހިތަށެވެ. އެމީހެއްގެ އާޚިރަތަށެވެ. ނަރަކައަށް ވަނުމަށް މަގުފަހިކޮށްދޭ އެންމެ ޢާންމު ވަސީލަތަކީ ފޯނުކަމަށް މިއަދު މިވަނީ ވެފައެވެ.

މީސްތަކުންނޭވެ! ބަރަހަނާ މަންޒަރު ބެލުމަކީ ލޮލުން ކުރެވޭ ޒިނޭއެކެވެ. އެކަމުގެ ސަބަބުން މީހާގެ ހިތުގެ ބޭރުން ބޯ ތޮށްޓެއް ލެވިގެންދާ ކަމެކެވެ. އެ ތޮށީގެ ސަބަބުން އީމާންކަމާއި ދުރުހެލިކުރުވައެވެ. ފުރިހަމަ ގޮތުގައި ނަމާދުކުރަން އުނދަގޫވެއެވެ. އެ ހިސާބުން އެމީހަކީ އެއްވެސް ބިރެއް ނެތި ފާހިޝް އަމަލުތަކަށް އަރައިގަންނަމުންދާ މީހަކަށް ބަދަލުވެއެވެ. އިންސާނާގެ ދިރިއުޅުން ޖަނަވާރުންނަށްވުރެވެސް ދަށު ދަރަޖައަށް ވެއްޓިގެން ދެއެވެ.

މިއީ އެންމެންނަށްވެސް ވަރަށް ރަނގަޅަށް އެނގޭ ކަންކަމެވެ. ހިތާމައަކީ އެނގިތިބެ ތިބާގެ އާޚިރަތާއިމެދު ޣާފިލުވެވޭ ކަމެވެ.

މިއީ މިއަދު މުސްލިމުންނަށް ކުރިމަތިވެފައިވާ އެންމެ ނުރައްކައުތެރިކަން ބޮޑު ހަނގުރާމައެވެ. ހަމަލާ ދޭން އަޅާބޮން ކޮންމެ މީހެއްގެ ގެދޮރަށް ވަދެއްޖެއެވެ. އަމިއްލަ ޖީބަށް ވަދެއްޖެއެވެ. އެ ހަތިޔާރުން ދޭ ހަމަލާތަކުގެ ސަބަބުން މުސްލިމުން އާޚީރަތް ހޯދަން ކުރާ މަސއްކަތްތައް މިދަނީ ފުނޑުފުނޑުވަމުންނެވެ.

ލޮބުވެތި ބެލެނިވެރިންނޭވެ! ސަމާލުވާށެވެ! މިކަމުގައި ހުރި ނުރައްކައުތެރިކަން ދަރިންނަށް އަންގައިދޭށެވެ! އަމިއްލަ ދަރިފުޅު އަތަށް ސްމާޓް ފޯނެއް ނުދިންނަމަވެސް ކްލާހުގެ ކޮންމެވެސް ކުއްޖަކު އެދަރިފުޅަށް ބަރަހަނާ މަންޒަރުތައް ނުދައްކާ ދުވަހެއް ނައުދެއެވެ. ދަރިންގެ އަޚްލާޤަށް ލިބެމުންދާނެ ގެއްލުމަށް ވިސްނާށެވެ! ޞިއްޙަތު ރަނގަޅު ނަމަ އުމުރުން އެންމެ 10، 12 އަހަރުގައި ފާހިޝް އަމަލުތައް ކުރަން ފަށަނީ ކީއްވެގެން ކަމާއިމެދު ވިސްނާށެވެ! ތިމާގެ ދަރިން ނަރަކައިން ސަލާމަތްކޮށް ނުދެވޭނަމަ ދަރިން ސްކޫލްތަކަށް ފޮނުވައިގެން ތައްލީމް ދިނުމުގެ ބޭނުމަކީ ފަހެ ކޮބައި ހެއްޔެވެ؟

ބައެއް މީހުން ބުނަނީ ކައިވެނިކުރުމަށްފަހު އެފަދަ މަންޒަރުތައް ނުބަލާނެ ކަމަށެވެ. ނަމަވެސް އެއީ ކިހިނަކުން ކުރެވޭނެ ކަމެއް ހެއްޔެވެ؟ ކައިވެނީގެ ކުރިން އެކަމަށް ދެވިހިފާފައި ހުރި މީހަކަށް ކައިވެނީގެ ފަހުން އެކަން ކުރުން ހުއްޓައިލެވިދާނެ ކަމަށް ހީކުރުމަކީ ކޮންފަދަ މޮޔަ ވިސްނުމެއް ހެއްޔެވެ؟

މިއަދު އުމުރުން 12 ވަރަކަށް އަހަރުގެ ކުދިން ތިބީ މިފަދަ ފިލްމްތައް ބަލަން ދެވި ހިފައިފައެވެ. ދެވި ހިފީ މައިންބަފައިންނަށް ސިއްރުން ބަލަމުން ގޮހެވެ. މައިން ބަފައިންނަށް އެނގުމުން އެކަމަށް ހުރަސް އެޅުމުން އެކުދިން ތިބީ އަމިއްލައަށް ދަންޖެހޭ ވަރުވެފައެވެ. އެހާލަތަށް ކުދިންނަށް އެދެވުނީ މައިންބަފައިންގެ ސަބަބުން ނޫން ހެއްޔެވެ؟ އެމީހުންގެ ފަރުވާކުޑަކަމުން ނޫން ހެއްޔެވެ؟

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ފާހިޝް އަމަލުތަކާއި ދުރުހެލިވާން އަންގަވާފައި އޮތް އޮތުމުގެ މާނައަކީ ހަމައެކަނި ޒިނޭ ކުރުމުން ދުރުހެލިވުމެއް ނޫނެވެ. އެ އަމުރުފުޅުގެ ތެރޭގައި ފާހިޝް އެންމެހައި ކަންތައްތަކާއި ފާހިޝް އަމަލުތައް ކުރަން މަގުފަހިވެދާނެ ހުރިހާ ކަމެއްވެސް ހިމެނެއެވެ.

ސޯޝަލް މީޑިއާ ބޭނުން ނުކުރަން ބުނުމަކީ މިއަދު ކުރެވެން އޮތް ކަމެއް ނޫނެވެ. ސޯޝަލް މީޑިއާ މިއަދު ވެފައި މިވަނީ ދިރިއުޅުމަށް ބޭނުންވާ އޮކްސިޖަން ފަދަ އެއްޗަކަށެވެ. ވީމާ ކުރަން އޮތް ކަމަކީ އެއިގެ ބޭނުން ހެޔޮ ގޮތުގައި ހިފުމެވެ. އެންމެ ފުރަތަމަ މައިން ބަފައިން އެކަމަށް ސަމާލުކަން ދިނުމެވެ. އެއަށްފަހު ދަރިންނަށް ވިސްނައިދީ ހޭލުންތެރި ކުރުވުމެވެ.

--ޝައިޚް ނޫމާން ޢަލީ ޚާންގެ ދަރުސަކުން

މިއަދު އޮންލައިން