އާމްދަނީ ހޯދަން މަސައްކަތްކުރަން އަނބިންނަށް މަޖުބުރެއް ނުކުރެވޭނެ! އާމްދަނީ ހޯދާނަމަ އެއީ އެކަނބަލުންގެ ރަނގަޅުކަން! ޚިދުމަތުގެ އަގުވަޒަންކުރަންޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 43ސ
އާމްދަނީ ހޯދަން މަސައްކަތްކުރަން އަނބިންނަށް މަޖުބުރެއް ނުކުރެވޭނެ! އާމްދަނީ ހޯދާނަމަ އެއީ އެކަނބަލުންގެ ރަނގަޅުކަން! ޚިދުމަތުގެ އަގުވަޒަންކުރަންޖެހޭނެ!

ކައިވެންޏަށްފަހު ދެމަފިރިންގެ ޚަރަދުތަކާއި އަދި ދަރިން ލިބުމުން ދަރިންގެ ޚަރަދުތައް ބެލެހެއްޓުމަކީ ފިރިންގެ މައްޗަށް އޮތް ވާޖިބެކެވެ. ނަމަވެސް އަނބިމީހާ ހެޔޮ ހިތުން އާމްދަނީ ހޯދަން މަސައްކަތްކޮށްދޭނަމަ އެއީ މައްސަލައެއް ނޫނެވެ. 

އެކަމުގައިވެސް މިހާރު މިވަނީ މުޅިން ތަފާތު އޮއިވަރެއް ފެށިފައެވެ. އެއީ އާމްދަނީ ހޯދަން ފިރިން މަސައްކަތްނުކޮށް ތިބެ އަނބިން ލައްވައި މަސައްކަތްކުރުވައި އޭނާއަށް ލިބޭ އާމްދަނީ ދިރިއުޅުމުވެ. މިއީ ވިސްނާލަން ޖެހޭނެ ކަމެކެވެ. 

ފިރިންގެ މަޤާމަކީ ހަމައެކަނި އަނބިދަރިންނަށް އަމުރުކުރުމެއް ނޫނެވެ. ފިރިންގެ މައްޗަށް އޮތް ފުރަތަމަ ވާޖިބަކީ ދިރިއުޅެން ޚަރަދުކުރާނެ ފައިސާ ހޯދަން މަސައްކަތްކުރުމެވެ. ގަދަވެ ސަލާމަތުން ތިބެ އެވާޖިބު އަދާނުކުރާނަމަ އެއޮތީ މަސްއޫލިއްޔަތު އަދާކުރުމުން ފޭލްވެފައެވެ. 

ދެމަފިރިން އެކުގައި ވަޒީފާއަދާކުރާނަމަ އެންމެ ރަނގަޅު ގޮތަކީ ގޭގެ ޚަރަދުތައް ކުރާނެ ފައިސާ ހިއްޞާކުރުމުގައި ދެމީހުން މަޝްވަރާކޮށް އެކަމަށް ރުހުމެވެ. އެއީ އަނބިމީހާ ވަޒީފާއަދާކުރިނަމަވެސް ގޭގެ ޚަރަދުތައްކުރަން އަނބިމީހާގެ މައްޗަށް މަޖުބޫރުނުކުރެވޭނެތީއެވެ. އެކަން ފާހަގަކުރައްވައި ބައެއް ޢިލްމްވެރިން ވިދާޅުވެފައިވަނީ ގޭގެ ޚަރަދުތަކާއި އަނބިމީހާގެ ޚަރަދުތައް ފިރިމީހާ ބެލެހެއްޓުމަކީ އަނބިމިހާއަށް ފިރިމީހާގެ ފަރާތުން ލިބެންޖެހޭ ޙައްޤެއް ކަމަށެވެ. އަދި އަނބިމީހާ މަސައްކަތްކޮށްގެން ހޯދާ ފައިސާއަކީވެސް އަނބިމީހާގެ ޙައްޤެއް ކަމަށެވެ. 

މަސައްކަތްކުރާ ގިނަ އަނބިން ފާހަގަކުރާ ގޮތުގައި އެމީހުން ކަންބޮޑުވަނީ އާމްދަނީ ހޯދަން މަސައްކަތްކުރަންޖެހޭތީއެއް ނޫނެވެ. އެމީހުންނަށް ކުރަން ނުޖެހޭ މަސައްކަތެއްކޮށް، އުފުލަން ނުޖެހޭ ބުރަ އުފުލައިގެން ހޯދާ އާމްދަނީން ކުރަން ނުޖެހޭ ޚަރަދުތަކެއް އެތައް އަހަރެއްވަންދެން ކުރުވާފައި ކުރި ޚިދުމަތުގެ އަގު ވަޒަންނުކޮށް ވަރިކޮށްލައި ބާކީކުރާކަމެވެ. ޒުވާން ޢުމުރު ބޭކާރުވެ ގައިބާރުދެރަވާފަހުން ނިކަމެތިވާންޖެހޭ ކަމެވެ. 

މިފަދަ ވާހަކަތަކުންވެސް އެނގެނީ ކައިވެންޏަށްފަހު ޢުމުރަށް އެކުގައި ދިރިއުޅެން މަސައްކަތްކުރުމުގެ މުހިންމު ކަމެވެ. އެކުގައި ޢުމުރަށް ދިރިއުޅެވޭނީ އެކަކު އަނެކެއްގެ އަގު ފުރިހަމައަށް ވަޒަންކޮށްގެންނެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ވަފާތެރިވެގެންނެވެ. 

- އަލަފް / މިއަދުނޫސް   

މިއަދު އޮންލައިން