މަރުވެ ވަޅުލެވުމުން އެމީހަކަށް ކުރެވުނު ފާފަތައް އެމީހާ އަތުލައިގަންނަ ވަޤުތު އެކަމަށް ހުރަސް އަޅުވަން ބޭނުންހެއްޔެވެ؟: ޝައިޚް މުޙައްމަދު ނަޤްވީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
މަރުވެ ވަޅުލެވުމުން އެމީހަކަށް ކުރެވުނު ފާފަތައް އެމީހާ އަތުލައިގަންނަ ވަޤުތު އެކަމަށް ހުރަސް އަޅުވަން ބޭނުންހެއްޔެވެ؟: ޝައިޚް މުޙައްމަދު ނަޤްވީ

ފާފައެއް ކުރެވިއްޖެނަމަ ވިއްދައިގެން ހެޔޮކަމެއް ކުރަން އޮތް ސަބަބާއިމެދު ގިނަ ބައަކު ވިސްނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް ރަނގަޅަށް ވިސްނައިފިނަމަ އެއީ އިންސާނާގެ ޙަޔާތުގައި ކުރަން އޮތް އެންމެ މުހިންމު ކަންތަކެވެ. 

ޞަޙީޙް ޙަދީޘްފުޅުން އެނގެން އޮތް ގޮތުގައި މީހާ މަރުވުމުން ޖަނާޒާގެ ކަންކަން ނިންމާފައި މީހުންދާއިރު އެމީހުންގެ ފިޔަވަޅުގެ އަޑު މައްޔިތާއަށް އިވޭނެއެވެ. އެއިރު މިހާ އެއޮތީ ކައްވަޅުގައި އެކަނިވެފައެވެ. 

އެއީ ކުރިން މިބުނި މަގުން ދުނިޔޭގައި ހެޔޮ ޢަމަލުތައްކޮށް ރަނގަޅު ގޮތުގައި އުޅުނު މީހަކުނަމަ އޭނާ ކުޅަ ހެޔޮ ޢަމަލުތައް އެހިސާބުން އެމީހަކާއި ބައްދަލުކުރާނެއެވެ. ކުރި ނަމާދުތަކާއި ހިފި ރޯދަތަކާއި ދިން ޒަކާތާއި އަދި ދެންވެސް ކުރި ހެޔޮ ޢަމަލުތައް އޭނާގެ ހަތަރުފަރާތުން ހުއްޓޭނެއެވެ. 

ދެން ފެންނާނީ އޭނާއަށް ކުރެވުނު ފާފަތައް އޭނާ އަތުލައިގަންނަން އަންނަ ތަނެވެ. ނަމަވެސް ފާފަތަކަކަށް އޭނާ ޢާއި ހަމައަކަށް ނައުދެވޭނެއެވެ. އޭނާ ކުރި ނަމާދުތަކާއި ހިފި ރޯދަތަކާއި ދިން ޒަކާތާއި ދެންވެސް ކުރި ހެޔޮ ޢަމަލުތައް ހުރަސް އަޅާނެއެވެ. ގާތްވެސް ވިޔަނުދޭނެއެވެ. މިނިޢުމަތް ލިބޭނީ ހެޔޮ ޢަމަލުތައް ކުރި މީހަކަށެވެ. 

ފާފައެއް ކުރެވުމަކީ މައްސަލައެއް ނޫނެވެ. މިހެން މިބުނަނީ ކޮންމެ މީހަކަށްވެސް ފާފަކުރެވޭނެތީއެވެ. މައްސަލައަކަށްވާނީ ތައުބާ ނުވެވުނު ނަމައެވެ. ވިއްދައިގެން ހެޔޮ ޢަމަލެއް ނުކުރެވުނު ނަމައެވެ. ފާފަކުރެވުމުން ވިއްދައިގެން ހެޔޮ ޢަމަލުތައް ކުރާނަމަ މިބަޔާންކުރިމަގުން އޭނާއަށް ރަޙްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ 

- ޝައިޚް މުޙައްމަދު ނަޤްވީގެ ދަރުސަކުން

 

މިއަދު އޮންލައިން