ޞައްޙަ ސުންނަތަކީ މާތް ﷲ ގެ ވަޙީކަން ޤުރްއާނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 56ސ
ޞައްޙަ ސުންނަތަކީ މާތް ﷲ ގެ ވަޙީކަން ޤުރްއާނުން-

الحمد لله رب العالمين والصلاة والسلام على رسولنا وحبيبنا وقدوتنا محمد صلى الله عليه وسلم وعلى آله وأصحابه ومن تبعهم بإحسان إلى يوم الدين.

اسبحانه وتعالى

ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ.

وَمَا يَنْطِقُ عَنِ الْهَوَى * إِنْ هُوَ إِلاَّ وَحْيٌ يُوحَى (سورة النجم:3&4) 

"އަދި އެކަލޭގެފާނު ހަވާ ނަފްސަށް ވާހަކަފުޅު ދައްކަވާ ނުހައްދަވައެވެ. ފަހެ އެކަލޭގެފާނުގެ ބަސްފުޅު ވާކަން ކަށަވަރީ އެކަލޭގެފާނުގެ މައްޗަށް ބާއްވާލެއްވެވޭ ވަޙީ ކަމުގައެވެ." 

އަޅުގަނޑުމެން އެންމެނަށްވެސް އެނގޭނޭ ފަދައިން އިސްލާމްދީނުގެ ދެވަނަ މަޞްދަރު ކަމުގައިވާ ސުންނަތަކީ މިހާރަކަށް އައިސް ވަރަށް ގިނަ މީހުން ބީރައްޓެހިވަމުން އަންނަ ނުވަތަ ބިރައްޓެހިވެފައިވާ އެއްޗެކެވެ. މިކަން މިހެން ވާންޖެހުނު އެންމެ ބޮޑު އެއް ސަބަބަކީ ޒަމާންތަކެއް ވަންދެން މީސްތަކުންނަށް، ޝަރީޢަތުގައި ސުންނަތް ބޭނުން ކުރެވޭ މަފްހޫމްތައް ރަނގަޅަށް ބަޔާންކޮށްދެވިފައި ނުވުމެވެ. 

އަޅުގަނޑުމެންނަށް ސުންނަތް އެނގިފައި އޮންނަނީ، ސުންނަތުގެ އެއް މަފްހޫމް ކަމުގައިވާ “މުސްތަޙައްބު” ގެ ގޮތުގައެވެ. އާދެ އެއީ ކުރުމުން ޘަވާބު ލިބޭ އަދި ނުކޮށް ދޫކޮށްލިނަމަވެސް ޢަޛާބު ނުލިބޭ ކަންކަމެވެ. އަޅުގަނޑުމެން ރާއްޖޭގެ އިހުގެ ޢިލްމުވެރިން ޢާއްމު ގޮތެއްގައި ސުންނަތުގެ މާނަ ބަޔާންކޮށްދީފައިވަނީ މިފަދައިންނެވެ. އަދި މީސްތަކުންނަށްވެސް ދީނީ މާގިނަ އެއްޗެއް އެނގިފައި ނެތުމުން އެކަމާއިމެދު އިހްމާލުވެވިފައި ވަނީއެވެ. 

މިކަމުގެ ސަބަބުން، ޙަޤީޤަތުގައި ސުންނަތަކީ ކޮބައިކަން މީސްތަކުންނަށް ބަޔާންކޮށްދިނުން މިހާރު ވެފައިވަނީ ވަރަށް ދަތިކަމަކަށެވެ. އެއީ ދިވެހިން ކުރީގައި ދެކެމުން އައި ގޮތް ބަދަލުކުރަން މިހާރު އުނދަގޫ ކަމަކަށް ވާތީއެވެ. އެހެންނަމަވެސް މުއުމިނުންގެ ގޮތަކީ ﷲ އާއި އެއިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلمގެ ކިބައިން ހަމަ އެއްވެސް އެންގެވުމެއް އައުމާއިއެކު އެއަށް ބޯލަނބައި ކިޔަމަންވުމެވެ. 

ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ. 

"إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَنْ يَقُولُوا سَمِعْنَا وَأَطَعْنَا وَأُولَئِكَ هُمُ الْمُفْلِحُونَ" (النور:51) 

"ﷲ އާއި އެއިލާހުގެ ރަސޫލާއަށް ޙުކުމް ކުރުމަށް މުއުމިނުތަކުންނަށް ގޮވާލެވިއްޖެހިނދު، އެމީހުންގެ ބަހެއްކަމުގައި ވާކަން ކަށަވަރީ އަހަރުމެން އަޑުއަހައި ކިޔަމަން ވެއްޖައީމެވެ. ދަންނައެވެ. ކާމިޔާބު ލިބިގެންވާ ބަޔަކީ ހަމަ އެއީއެވެ." 

ކޮންމެއަކަސް ކީރިތި ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ސުންނަތުގެ ތެރޭގައި ހިމެނޭ ބައެއް ކަންތައްތަކަށް ބަލާލައިފިނަމަ، އެކަންކަމީ އަޅުގަނޑުމެން މިބޭނުންކުރާ ސުންނަތުގެ މާނައިގާ ހަމައެއްގޮތަކަށްވެސް ނެގޭނޭ ކަންކަމެއް ނޫނެވެ. މިޘާލަކަށް ބަލާލަމާތޯއެވެ. ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވަނީ ނަމާދު ކުރުމަށެވެ. އެހެންނަމަވެސް އެނަމާދު ކުރަންވީ ގޮތް އެޤުރުއާނުގައި ވަޙީ ކުރައްވާފައެއް ނުވެއެވެ. ހަށަމް ބަނުމާއި ރުކޫޢު ކުރަންވީ ގޮތާއި ސަޖިދަ ކުރާ ގޮތާއި އައްތަޙިއްޔާތާއި އަދި މުޅި ނަމާދުގައި ކިޔާ ހުރިހާ ދުޢާއެއްވެސް އެނގެން އޮތީ ކީރިތި ނަބިއްޔާގެ ސުންނަތުންނެވެ. އެހެންކަމުން މިކަމުގައި ކީރިތި ނަބިއްޔާގެ ސުންނަތަށް ތަބާވުމަކީ އަޅުގަނޑުމެން މިބުނާ ސުންނަތުގެ މާނާގައި ބުނެވިދާނޭ ހެއްޔެވެ؟ 

ނޫނެކެވެ. މިިކަމުގައި އެކަލޭގެފާނުގެ ސުންނަތައް ތަބާވުން ވާކަން ކަށަވަރީ ވާޖިބެއް ކަމުގައެވެ. ފަހެ މިފަދަ އެތައް ކަމެއް އެކަލޭގެފާނުގެ ސުންނަތުގައި ބަޔާންވެގެންވެއެވެ. ކޮންމެއަކަސް އެކަލޭގޭފާނުގެ ސުންނަތުގެ ތެރޭގައި ވާޖިބު ކަންތައްތަކާއި ޙަރާމް ކަންތައްތަކާއި، މުސްތަޙައްބު (މަންދޫބު) ކަންތައްތަކާއި، މަކްރޫހަ ކަންތައްތަކާއި މުބާޙް ކަންތައްތައް ހިމެނެއެވެ. ﷲ ތަޢާލާގެ އިރާދަފުޅައިއެކު މީގެ އިތުރު މިޘާލުތައް މިލިޔުމުގެ އެހެން ބައިތަކުގައި ގެނެސްދެވޭތޯ މަސައްކަތް ކުރާނަމެވެ. 

- ޝައިޚް އާދަމް ނިޝާން ޢަލީ

 

 

މިއަދު އޮންލައިން