ސްކޫލުންދޭ ރިޕޯޓްފޯމް މުހިންމެވެ! އެންމެ ބޮޑަށް މުހިންމީ އާޚިރަތް ދުވަހު އޭޕްލަސް އޮތް ފަތެއް އަތަށް ލިބޭނެ ކުއްޖެއްގެ ގޮތުގަ ދަރިފުޅު ތަރުބިއްޔަތުކުރުމެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
ސްކޫލުންދޭ ރިޕޯޓްފޯމް މުހިންމެވެ! އެންމެ ބޮޑަށް މުހިންމީ އާޚިރަތް ދުވަހު އޭޕްލަސް އޮތް ފަތެއް އަތަށް ލިބޭނެ ކުއްޖެއްގެ ގޮތުގަ ދަރިފުޅު ތަރުބިއްޔަތުކުރުމެވެ!

ދަރިފުޅަށް ސްކޫލުންދޭ ރިޕޯޓްފޯމް މުހިންމެވެ. މިހެން މިބުނަނީ އެފޯމުގައި އެންމެ މަތިން މާކްސް ލިބިފައި އޮތުމަށް ކޮންމެ ބެލެނިވެރިއަކުވެސް އެދޭނެތީއެވެ. ކުއްޖާގެ މުޅި "ކެރިއަރ" އެކަމާއި ގުޅިފައިވާތީއެވެ. ނަމަވެސް އެއީ ހަމައެކަނި ދުނިޔޭގައެވެ. ދުނިޔަވީ ޙަޔާތުގައެވެ.  

އުޚުރަވީ ޙަޔާތް ނުވަތަ އާޚިރަތް ދުވަހު ކުއްޖާއަށް ފައިދާކުރާނީ ޢަމަލުތަކުގެ ފަތް އޭނާގެ ކޮޅަށް ބުރަކޮށްދޭނެ ގޮތަށް ޢަމަލުކުރަން ކުއްޖާ ތަރުބިއްޔަތުކުރެވިފައިވާނަމައެވެ. ޙަޤީޤީ އޭޕްލަސް ލިބުމަކީ އެއީކަމަށްވާތީއެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ގިނަ ބައްޕައިން ދަރިންގެ ރިޕޯޓްފޯމްތައް ވަރަށް ރަނގަޅަށް ބަލައެވެ. ކިރިޔާވެސް މާއްދާއަކުން ދަށްވެއްޖެ ނަމަ، ކްލާހުން 1 ވަނަ ނުލިބިއްޖެ ނަމަ ގަދައަށް ރުޅިއާދެއެވެ! އެކަމަކު ދަރިފުޅު ގޮވައިގެން މިސްކިތަކަށް ނުދެއެވެ. ގޭގައި ނުހުރެވޭ ވަޤުތުތަކުގައި ދަރިފުޅު ގޭގައި ނަމާދުކުރިތޯއެއް ނުބަލައެވެ. 

އެކަމުން އެނގެނީ ދަރިފުޅަށް އާޚިރަތް ހޯދައިދިނުމަކީ ބައްޕައަށް އެއްވެސް މުހިންމު ކަމެއް ނޫން ކަމާއި ދުނިޔެ ހޯދައިދެވިއްޖެނަމަ ބައްޕައަށް ފުދުނީކަމެވެ. 

ކޮންމެ މީހަކުވެސް ބޭނުންވާނީ އެމީހާގެ ދަރިފުޅަކީ ހުރިހާ ގޮތަކުން އެންމެ މޮޅު ކުއްޖާކަމުގައިވުމަށެވެ! އެނޫން ގޮތަކަށް އެދޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. އެހެންކަމުން ވިސްނައިލުން މުހިންމު ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ. 

ފުރަތަމަކަމަކީ ދަރިފުޅަކީ އެންމެ މޮޅު ކުއްޖާކަމުގައިވުމަށް އެދޭމީހާ އެކަމަށް އެދިގެން މަސައްކަތްކުރާށެވެ! ކިޔަވައިދޭން މަސައްކަތްކުރާށެވެ! ދަރިފުޅަށްޓަކައި ހެޔޮދުޢާކުރާށެވެ! ދަރިފުޅު ކުރާ މަސައްކަތަށް ފާރަވެރިވެ ބަލަހައްޓަމުން ގެންދާށެވެ! 

އެކަންކަން ކުރުމާއިއެކު ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ކުއްޖާގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި އުފެއްދުވުމަށް ގަދައަޅައި މަސައްކަތްކުރުމެވެ. ކުއްޖާގެ ޢުމުރާއި ގުޅޭގޮތުން ދީނުގެ ކަންކަން އޮޅުންފިލުވައިދީ ނަމާދުކުރުވުމެވެ. މިވާޖިބުތައް އަދާނުކުރެވޭ މައިންބަފައިންނަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެ މީހުންނެވެ. ނިޔާކަނޑައެޅުއްވެވުންވަނީ ﷲ ތަޢާލާގެ ޙަޟްރަތަށެވެ! 

ދަރިފުޅުގެ ކަންކަމުގެ ތެރެއިން ބަލަންވީ ހަމައެކަނި ކްލާހުން ހޯދާ މާކްސްއެއް ނޫނެވެ! އެހުރިހާ ކަމެއްގެ ކުރިއަށް ދަރިފުޅުގެ ހިތުގައި ﷲ ތަޢާލާއަށް ލޯބި ޖެއްސުވުމާއި ނަމާދުކުރުވުން ކުރިއަށް ނެރޭށެވެ! ލިބޭ މާކްސްވެސް ގިނަވާނީ އެއިރުންނެވެ! އިން ޝާ ﷲ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން