ޙައިޟުގެ ލޭކެނޑުން އެކަން ޔަޤީންކުރަން ބައެއް އަންހެނުން 1 ދުވަސް 2 ދުވަސްވަންދެން ހިނައި ނުގަނެ އެބަތިބެއެވެ. އެހެންވެ ތިބެނީ ނަމާދުވެސް ނުކޮށެވެ. އެއީ އެކަންކުރަން އޮތް ގޮތެއް ނޫނެވެ. އަދި މިވިސްނުން ގެނެސްދިނުމުގައި ޝައިޠޯނާގެ ދައުރެއްވެސްވެއެވެ.
އެއީ ޔަޤީންކުރަން މަޑުކުރުމުގެ ވިސްނުން ގެނެސްދީ\ގެން ނަމާދާއި ދުރުކުރުވުމެވެ. ޙައިޟުގެ ދުވަސްވަރު ނަމާދުނުކޮށް ތިބޭއިރު ޛިކުރުތައް ނުކިޔާނަމަ ޝައިޠޯނާ ދާނީ އެމީހަކާއި ގާތްވަމުންނެވެ. އެދުވަސްވަރު ނަމާދުނުކުރެވޭތީ ގާތްވާން ފަސޭހަވެސްވާނެތީއެވެ.
ޙައިޟުގެ ދުވަސްވަރުވެސް ޛިކުރުތައް ކިޔައި ރައްކައުތެރިކަމަށް ކިޔަވަންޖެހޭ ސޫރަތްތަކާއި އާޔަތްތައް ކިޔަވަމުން ގެންދާނަމަ ޝައިޠޯނާއަށް ހުންނަން ޖެހޭނީ ދުރުގައެވެ. އިން ޝާ ﷲ
ޙައިޟުގެ ލޭކެނޑުމާއިއެކު ލަސްނުކޮށް ހިނައިގަންނަން ޖެހޭނެއެވެ. އަދި ހިނައިގަތުމާއިއެކު ނަމާދު ކުރަން ފަށަން ޖެހޭނެއެވެ.
- މަޢުލޫމާތު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް.