ހަނދުމަކޮށްދިނުމެއް!: ކީރިތިކުރައްވަވަމުން ގޮސް ބިންގަނޑު ތެމެންދެން ކަރުނަފޮދު އެޅުއްވެވުމަށްފަހު ރަސޫލް ޞޢޥ 3 ފަހަރު ކުރެއްވެވި އިލްތިމާސް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
ހަނދުމަކޮށްދިނުމެއް!: ކީރިތިކުރައްވަވަމުން ގޮސް ބިންގަނޑު ތެމެންދެން ކަރުނަފޮދު އެޅުއްވެވުމަށްފަހު ރަސޫލް ޞޢޥ 3 ފަހަރު ކުރެއްވެވި އިލްތިމާސް

މީސްތަކުން މިއަދު އެންމެ ބޮޑަށް ޣާފިލުވެފައިވާ އެއްކަމަކީ މަރުހަނދާންކުރުމެވެ. ކޮންމެ ވަޤުތަކުވެސް ތިމާ މަރުވެދާނެކަމަށް ވިސްނައި އެކަމަށް ތައްޔާރުވެގެން ހުރުމެވެ. ހަމައެއާއިއެކު ޖަނާޒާތަކުގައި ބައިވެރިވުމަށްވެސް ގިނަ ބއަކު ފަރުވާކުޑަކުރެއެވެ. އެއީ އުހުދުފަރުބަދައިގެ 2 ފަރުބަދަހައި ގިނަ ޘަވާބު ދެއްވަވާ ކަމެއް ނަމަވެސް އެމީހެއްގެ ގާތް މީހަކު މަރުވުމުން ނޫނީ ޖަނާޒާތަކުގައި ބައިވެރިވަނީ މަދު މީހެކެވެ. ވީމާ ވިސްނާށެވެ!  

އެއްދުވަހަކު ޞަޙާބީންނާއިއެކުގައި ހުންނަވަނިކޮށް ބައަކު އެއްވެގެން އުޅޭތަން ފެނިވަޑައިގަތުމުން އެއީ ކޮންކަމަކު އެއްވެގެން އުޅޭ ބައަކުތޯ ރަސޫލް ސުވާލުކުރެއްވެވިއެވެ. ޖަވާބުގައި އެއީ މީހަކު މަރުވެގެން ވަޅުލަން އުޅޭ ބައަކު ކަމުގައި ދެންނެވުމުން ހިންގަވައިވަޑައިގަތީއެއް ނޫނެވެ. ދުވެވަޑައިގެންނެވެނީއެވެ.  

އެތަނުގައި ދެކަކޫ ބިންމަތީގައި ޖައްސަވައިގެން އިންނަވައި ލޯފުޅުން ފޭބި ކަރުނަފޮދުން ބިންގަނޑު ތެމިގެންދާވަރަށް ކީރިތިކުރެއްވެވުމަށްފަހު ޙަދީޘްފުޅު ކުރެއްވެވިއެވެ. "ތައްޔާރުވާންވީ މިކަމަށެވެ." އެގޮތަށް 3 ފަހަރު ތަކުރާރުކުރެއްވެވިއެވެ.  

ނިކަން ވިސްނައިލަބަލާށެވެ! މީހެއްގެ ލޮލުން ފައިބާ ކަރުނައިން ތުނބުޅި ތެމި ބިމަށް ކަރުފައިބައި ބިންގަނޑު ތެމޭނީ މީހަކަށް ކިހައިވަރަކަށް ރޮވުމުންނެވެ. ކިހައި ގިނަ ކަރުތަކެއް އޮހޮރުމުން ހެއްޔެވެ؟ މިބަޔާންކުރީ އެހައި ބޮޑަށް ރަސޫލް ކީރިތި ކުރައްވަވައި ކަރުނަފޮދު އެޅުއްވެވި ވާހަކައެވެ.  

ދެން ނިކަން ވިސްނައިލަބަލާށެވެ! އެކަމަކަށް ސަމާލުކަންދީ ތައްޔާރަށް ތިބެން ވިދިވިދިގެން ރަސޫލް 3 ފަހަރަށް ކަމެއްގެ ވާހަކަ ޙަދީޘްފުޅު ކުރައްވަވާނީ އެއީ ކިހައި މުހިންމުކަން ބޮޑު ކަމަކަށްވުމުން ހެއްޔެވެ؟  

މިބަޔާންކުރީ އަހަރެމެން ތައްޔާރުވާން ސަމާލުކަންދޭންޖެހޭ މިންވަރެވެ. މިވާހަކަ ކިތަންމެ ދިގުކޮށްވެސް ދެއްކިދާނެއެވެ. ވިސްނޭނީ އެމީހަކު އެކަމަށް ސަމާލުކަން ދިނީމައެވެ. ވިސްނައި ފިކުރުކުރާ މީހަކަށް މިވަރުންވެސް ފުދޭނެއެވެ.

 

- ޝައިޚް ޢަބްދުލްމަޖީދު މަޙްމޫދުގެ ދަރުސަކުން

މިއަދު އޮންލައިން