މިވެނި ޢަމަލެއްކުރުމުން ސީދާ ސުވަރުގެ ދެއްވަވާނެ ކަމަށް ބުނެވޭކަށް ނެތެވެ. ސަބަބަކީ ސުވަރުގެ ލިބުން ވަނީ ކުރާ ޢަމަލަކުން ނޫނެވެ. ﷲ ތަޢާލާ އެމީހަކަށް ރުހިވޮޑިގަތުމުންނެވެ. ވީމާ ސުވަރުގެ ލިބުން އެދޭ މީހާ މަސައްކަތްކުރަންވީ ތިމާއަށް ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ހުރިހާ ކަންކަން ކުރުމަށެވެ. ރުހިވޮޑިނުގަންނަވާނެ އެއްވެސް ކަމެއް ނުކޮށް ހުންނަން މަސައްކަތްކުރުމަށެވެ.
އެއްވެސް މީހަކަށް އަނެކާއަކީ ސުވަރުގެ ލިބޭނެ މީހެއްކަން ނުވަތަ މިވެނި މީހަކު ދާނީ ނަރަކައަށްކަމެއް ނުއެނގޭނެއެވެ. އެކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ އެއްވެސް މީހަކާއި ދިމާއަށް އެމީހާ ދާނީ ސުވަރުގެއަށްކަމަކަށް ނުވަތަ ނަރަކައަކަށް ކަމަކަށްވެސް ނުބުނެވޭނެއެވެ.
އެގޮތަށް ކަނޑައަޅައި (މިވެނި މީހަކު ދާނީ ނަރަކައަށް ކަމަށް) ބުނި އަޅުވެރިއަކު ނަރަކައަށް ލެއްވެވި ވާހަކަ ޙަދީޘްފުޅުގައި އޮވެއެވެ. އެހެންބުނީވެސް ފައުޅުގައި ފާފަކުރަމުން އައި މީހަކަށެވެ. ވީމާ އެކަމުން އެނގެނީ އެއްވެސް މީހަކާއި ދިމާއަށް ކުރިން މިބުނު ފަދަ ބަހެއް ބުނުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެން ނުވާކަމެވެ.
އެހެންކަމާއިއެކުވެސް ސުވަރުގެ ދެއްވަވާނެ ބައެއް ސިފަތައް ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމް ވަނީ ޙަދީޘްފުޅު ކުރައްވަވައިފައެވެ. އެއިގެ ތެރޭގައި މީހަކަށް ދަތިޙާލެއް ޖެހިފައިވާކަން އެނގުމުން އަމިއްލައަށް ގޮސް އެހީތެރިވާ މީހުން ހިމެނެއެވެ. މީހަކު ބަލިވެ އުޅޭކަން އެނގުމުން އަމިއްލައަށް އިސްނަގައިގެން ގޮސް އޭނާގެ ޙާލު ބަލައި އުޅޭ މީހުންވެސް ހިމެނެއެވެ. އެމީހާގެ ކިބައިގައި ހުންނަ އެފަދަ ރަނގަޅު ސިފަތަކުގެ ސަބަބުން މީސްތަކުންގެ ތަޢްރީފް ލިބޭ މީހުން ހިމެނެއެވެ.
ހަމައެފަދައިން އެމީހެއްގެ ކިބައިގައި ހުންނަ ނުބައި ސިފަތަކެއްގެ ސަބަބުން މީސްތަކުން އެމީހަކަށް ނަފްރަތުކުރާ މީހުންގެ ކިބައިގައި އެވަނީ ނަރަކަވަންތަވެރިންގެ ސިފައެއްކަންވެސް އެނގެން އެބައޮތެވެ.
ވީމާ އަހުރެން އެދޭނީ ސުވަރުގެ ލިބުން ޙައްޤުވާ މީހުންގެ ކިބައިގައި ހުންނަންޖެހޭ ސިފަތައް ހުންނަ މީހަކު ކަމުގައިވުމަށެވެ. އެހެން މީހުންގެ ޙާލު ބެލުމާއި އެހީތެރިވުމުގައި އަމިއްލައަށް އިސްނަގާ މީހަކަށްވުމަށެވެ.
މިސާލަކަށް ބުނާނަމަ ދަތިޙާލުގައި ހުރި މީހަކަށް މާބޮޑު އެހީތެރިކަމެއް ފޯރުކޮށް ނުދެވުނަސް އެމީހެއްގެ ފެންވަރުން އެހީތެރިވާށެވެ. ކޮށްދެވެން އޮތްކަމެއް ކޮށްދޭށެވެ. އެމީހަކަށް ދޭނެ އެއްޗެއް އަތުގައި ނެތްނަމަ އެމީހަކަށް ހިތްވަރުދޭށެވެ. ހިނިތުންވުމަކީވެސް ޞަދަޤާތެކެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން