ދުނިޔޭގައި ހުރިހާ ހިނދަކު އޮތީ އަޅުކަންކުރުމުގައި ވަރުބަލިވަމުން ދިއުމެވެ. މާނައަކީ އެމީހަކަށް ކުރެވޭނެ އެންމެ ގިނަ މިންވަރަކަށް އަޅުކަންކުރުމެވެ. މަރުވެ ވަޅުލެވުމުން ކައްވަޅަކީ އަރާމު ތަންމައްޗަކަށްވާނީވެސް އަދި ސުވަރުގޭގައި ދާއިމަށް ދެމިތިބޭނެ އަރާމުތަންމަތިތައް ލިބެންއޮތީވެސް އެއިރުންނެވެ.
އަރާމު ކުރާނީ ކޮންއިރަކު؟
ޢިލްމުވެރިއެއް އާންމު މީހަކާ ބައްދަލުވެގެން ސަލާމް ކޮށްލުމަށްފަހު ސުވާލު ކޮށްލަނީ ހުރިހާ ކަމެއް ރަނގަޅުހެއްޔޭ؟ އޭނާ ޖަވާބުގަ ބުނަނީ ޝެއިޚްއޭ، ހުރިހާ ކަމެއް ރަނގަޅުވަނީ ސުވަރުގޭގަ ނޫންތޯއޭ. ރަނގަޅެއް ނޫންތޯ. އަޅުގަނޑުމެންގެ ދުނިޔޭގެ ޙަޔާތަކީ އަބަދުވެސް އުނިކަން އެކުލެވިގެންވާ ޙަޔާތެއް.
އަޅުގަނޑުމެން ކައިފިކަމުގައި ވާނަމަ އެކަމުގެ އުނދަގޫ އަޅުގަނޑުމެންނާ ކުރިމަތިވޭ. އަޅުގަނޑުމެން ނުކައި ހުރެއްޖެކަމުގައި ވާނަމަވެސް އެކަމުގެ އުނދަގޫވެސް އަޅުގަނޑުމެންނާ ކުރިމަތިވޭ. އަޅުގަނޑުމެންނަށް ދަރިން ދެއްވައިފިކަމުގައި ވާނަމަ ދަރިން ބެލުމުގެ މަސްއޫލިއްޔަތު އަޅުގަނޑުމެން އުފުލަންޖެހޭ. އަދި އެ ދަރިން ނުލިބިއްޖެކަމުގައި ވާނަމަ އަޅުގަނޑުމެން އެކަމުގެ ވޭނާ ހިތާމަ ކުރިމަތިވޭ. އަޅުގަނޑުމެންނަށް މުދަލާއި ފައިސާ ދެއްވައިފިކަމުގަވާނަމަ އެކަމުގަ އަޅުގަނޑުމެން ބިޒީވެގެން ގޮސް އަޅުގަނޑުމެން ވަރުބަލިވެގެންދޭ. އަދި މުދަލާއި ފައިސާ ނުލިބިއްޖެކަމުގައި ވާނަމަ އެ ހޯދުމަށްޓަކާ އަޅުގަނޑުމެން ވަރުބަލިވެގެންދޭ. މީ ދުނިޔޭގެ ޙަޔާތް.
އެހެންވެގެން ނޫންތޯ، އިބްނު އުސެއިމީ ރަޙިމަހުﷲ ވިދާޅުވެފައިވޭ ދުނިޔެ ދަށްތަނެއް ކަމުގަ ﷲ ސުބުޙާނަހޫ ވަތަޢާލާ ލެއްވީ އެއީ ބުއްދިހުރި އެއްވެސް މީހަކު އެ ދުނިޔޭގެ ދަޅަތަކަށް ހެއްލިގެން ނުދިއުމަށްޓަކައެވެ. އެއްވެސް އުނދަގުލެއް ދަތިކަމެއް ކުރިމަތި ނުވާނަމަ އަޅުގަނޑުމެން، އަޅުގަނޑުމެން މިތަނަށް ފޮނުވުނު އަސްލު މަޤްޞަދު މަތިން ހަނދާން ނެތި ހިނގައިދާނެ. އަދި އާޚިރަތްމަތިން އަޅުގަނޑުމެން އެއްކޮށް ހަނދާން ނެތިގެން ހިނގައިދާނެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވޭ --- " ހަމަކަށަވަރުން ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅަކު ދެކެ ލޯބިވޮޑިގެންފި ކަމުގައި ވާނަމަ އެ އަޅަކަށް ބަލާއާއި މުޞީބާތް ކުރިމަތި ކުރައްވައެވެ."
އެހެންވެގެން ނޫންތޯ ދުނިޔެމަތީގަ އެންމެބޮޑެތި އިމްތިޙާނުތަކާއި މުޞީބާތާއި ބަލާ ކުރިމަތިވެ ވަޑައިގެންނެވި ބޭކަލުން ކަމުގައި ރަސޫލުންނާއި ނަބީން ވެވަޑައިގެންނެވި. އިމާމު އަޙްމަދު ރަޙިމަހުﷲ ގެ އަރިހުގައި ދުނިޔޭގެ ކަންތައްތަކުން އަތް ފޮޅާލުމަށްފަހު އަރާމު ކުރުން ވަނީ ކޮން އިރަކުތޯ ސުވާލު ކުރުމުން އެކަލޭގެފާނު ވިދާޅުވަނީ ---- " ސުވަރުގެއަށް އަޅައިލެވޭ ފުރަތަމަ ފިޔަވަޅާއެކުގައޭ އަރާމް ކުރުން ވަނީ." އެހެންމަ މިތާންގަ ދާއިމީ އަރާމްކޮށް އަޅުގަނޑުމެން ހޯދަން އުޅެއްޖެކަމުގައި ވާނަމަ އެއީ ނުވާނެކަމެއް.
އެހެންނަމަވެސް ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހަޒްރަތުން ދާއިމީ ހިތްހަމަޖެހުމާއި އުފާވެރިކަން އެދޭ ކަމުގައި ވާނަމަ އަޅުގަނޑުމެން މިއަދު އެކަލާންގެއަށް އަޅުކަންކުރުމުގަ ވަރުބަލި ވެލަންވީ. މައިންބަފައިންގެ ޙައްޤުތައް އަދާ ކުރުމުގަ އަޅުގަނޑުމެން ވަރުބަލި ވެލަންވީ. އަދި އަޅުގަނޑުމެންގެ ދަރީން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަށްޓަކާ އަޅުގަނޑުމެން ވަރުބަލި ވެލަންވީ. ކޮން ވަޤުތަކާ ޖެހެންދެންތޯ؟ --- " ޔަޤީންވެގެންވާ ކަންތައް، އާދެ މަރު ބައްދަލު ވުމަށް ދާންދެން ކަލޭގެފާނު ކަލޭގެފާނުގެ ވެރި ރަސްކަލާންގެއަށް އަޅުކަން ކުރައްވާށެ."
- ޝެއިޚް އީސާ އަލީގެ ދަރުސަކުން