ޚުޠުބާ: އިސްލާމީ ޝަރީޢަތާ ބީރައްޓެހިކުރުވަން ކުރާ މަސައްކަތްތަކަށް މުސްލިމުން ފިސާރި ހުޝިޔާރުވެ ހޭލައި ތިބެން ޖެހޭ! ނޭނގި ތިއްބައި މަޅީގައި ބެދުމަކީ ދުރުކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 17ސ
ޚުޠުބާ: އިސްލާމީ ޝަރީޢަތާ ބީރައްޓެހިކުރުވަން ކުރާ މަސައްކަތްތަކަށް މުސްލިމުން ފިސާރި ހުޝިޔާރުވެ ހޭލައި ތިބެން ޖެހޭ! ނޭނގި ތިއްބައި މަޅީގައި ބެދުމަކީ ދުރުކަމެއް ނޫން!

ކީރިތި ޤުރްއާނަކީ، މާތް اللهގެ ކަލާމްފުޅެވެ. އެއީ ޖިބުރީލުގެފާނު މެދުވެރިކުރައްވައި، އެންމެ ފަހުގެ ނަބިއްޔާ مُحمَّدٌ zގެ މައްޗަށް الله تَعَالَى ބާވައިލެއްވި މުޢުޖިޒާތެކެވެ. އޭގެ ލަފުޒާއި މާނަ އައިސްފައިވަނީ اللهُ سُبْحَانَهُ وَتَعَالَىގެ ޙަޟްރަތުންނެވެ. އެއީ سُوْرَةُ الْفَاتِـحَةއިން ފެށިގެން سُوْرَةُ النَّاسِ ގެ ނިޔަލަށް ކިޔެވުން އަޅުކަމެއްކަމުގައި ލައްވައި، الله تَعَالَى ބާވައިލައްވައިފައިވާ އެކަލާނގެ ޝަރީޢަތެވެ. އެ ފޮތް އަހަރެމެންނާ ހަމައަށް އައިސްފައި ވަނީ ތަވާތުރުކޮށެވެ. ކަލިމަތަކާއި އަކުރުތައް، ރިވާވެފައިވާ ގޮތަށާއި، އަކުރު އަދާކުރުމުގައި ލުއިކުރުމާއި ބަރުކުރުމަށް، އެއްވެސް ބަދަލެއް ނައިސް، ސަނަދު ގުޅިގެންނެވެ. އަދި ކީރިތި ރަސޫލާ zގެ ޒަމާނުން ފެށިގެން، މި އަދާ ހަމައަށް، ކީރިތި ޤުރްއާން އަހަރެމެންނާ ހަމައަށް އައިސްފައިވަނީ، ދޮގުކުރުން މުސްތަޙީލުވާ ހައި ގިނަ ޢަދަދެއްގެ ރާވީން ސަނަދުގައި ހިމެނިގެން މުތަވާތިރުކޮށެވެ. އެހެންވީމާ، އެ ފޮތް އަހަރެމެންނާ ހަމައަށް އައިސްފައި ވަނީ ބާވައިލެއްވި ގޮތަށްކަން ކަށަވަރެވެ. 

ކީރިތި ޤުރްއާނަކީ، اللهގެ ކަލާމްފުޅުކަމާއި، އަދި އެ ފޮތް އަހަރެންނާ ހަމައަށް އައިސްފައިވާ ގޮތާއި، އަދި އެ ފޮތުގައި ކުށެއް ނެތްކަމާ މެދު ޝައްކެއް ނެތަސް، މި ކަންކަމުގައި ޝައްކުތަކާއި ޝުބުހަތައް އުފައްދަން ބަޔަކު މަސައްކަތްކުރެއެވެ. އެ ފޮތް ބާވައިލައްވަން ފެއްޓެވުމާހަމައިން، މިއަދާ ހަމައަށް ވެސް އެ ކަން ދެމި އެބަ އޮތެވެ. އޭގެ ބޭނުމަކީ، މުސްލިމުން اللهއާއި އެކަލާނގެ ފޮތާއި، ނަބީންނާއި ރަސޫލުންގެ މައްޗަށް ވާ އީމާންކަމުގައި، އެއުރެން ބައިބައިކޮށްލައި، އީމާންކަމާއި މަތިވެރި ޢަޤީދާއާ އެއުރެން ދުރުކުރުމެވެ. މުސްލިމުން އިސްލާމީ ޝަރީޢަތާ ބީރައްޓެހިކުރުމެވެ. މިއީ މުސްލިމުން ފިސާރި ހުޝިޔާރުވެ ހޭލައި ތިބެން ޖެހޭ ކަމެކެވެ. މަޢުލޫމާތު ފެތުރުމުގެ ވަސީލަތްތައް ގިނަ މި ޒަމާނުގައި، ނޭނގި ތިއްބައި، އެ ފަދަ މީހުންގެ ދަލުގައި ޖެހި، މަޅީގައި ބެދުމަކީ ދުރުކަމެއް ނޫނެވެ. 

ކީރިތި ޤުރްއާނާ މެދު ޝައްކު އުފައްދާން އެންމެ ފުރަތަމަ ކުރި މަސައްކަތަކީ، އެއީ اللهގެ ކަލާމްފުޅު ނޫންކަމަށް ހަދާން ކުރި ނާކާމިޔާބު މަސައްކަތެވެ. އެ ކަމަށް ޓަކައި، އެ މީހުން ހަދައިގެން ތަފާތު ވާހަކަ ދެއްކިއެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ، ކީރިތި ޤުރްއާނަކީ ހުވަފެނުގެ ހާސަރުތަކެކޭ ބުނުމެވެ. ނުވަތަ އެއީ މުޙައްމަދުގެފާނު އަމިއްލަފުޅަށް ހެއްދެވި އެއްޗެކޭ ބުނުމެވެ. ނުވަތަ އެ ކަލޭގެފާނަކީ ޅެންވެރިއެކޭ ބުނުމެވެ. الله تَعَالَى ވަޙީކުރައްވައިފައި ވެއެ. ---- މާނައީ: "އަދި ކިއެއްތަ! އެއުރެން ބުނޫއެވެ. (އެއީ) ހުވަފެނުގެ ހާސަރުތަކެކެވެ. އަދި ކިއެއްތަ! އެއީ އެކަލޭގެފާނު އަމިއްލަޔަށް ހެއްދެވި އެއްޗެކެވެ. އަދި ކިއެއްތަ! އެކަލޭގެފާނަކީ، ޅެންވެރިޔެކެވެ. ފަހެ (معجزات ތަކާއިގެން) ކުރީގެ رسولން ފޮނުއްވެވި ފަދައިން، އެ ކަލޭގެފާނު ވެސް، ތިމަންމެންނަށް معجزة އެއް ގެނެސްދެއްވަ ބައްލަވާށެވެ!" 

ކީރިތި ޤުރްއާނަކީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަމިއްލަފުޅަށް އުފައްދަވައިގެން ގެންނަވާ ފޮތެއްކަމަށް މައްކާގެ މުޝްރިކުން ދަޢުވާކުރުމުން، الله تَعَالَى އެ މީހުންނަށް ރައްދު ދެއްވައި އެންގެވީ، އެ މީހުން އެ ކުރަނީ ތެދު ދަޢުވާއެއް ކަމުގައި ވަނީ ނަމަ، އެ މީހުން ވެސް އެފަދަ ޤުރްއާނެއް ގެނެސްގަތުމަށެވެ. الله تَعَالَى ވަޙީކުރައްވައިފައި ވެއެވެ.---- މާނައީ: "ފަހެ، އެއުރެންނީ، ތެދު ބުނާބަޔަކުކަމުގައިވާ ނަމަ، އެ ފަދަ قرآنއަކާއިގެން އައިސްބަލާށެވެ!" މި މޭރުމުން އެފަދަ މީހުންނަށް ގޮންޖައްސަވައި، الله تَعَالَى އެތައް އާޔަތެއް ބާވައިލެއްވިއެވެ. ހޫދު ސޫރަތުގެ ތޭރަވަނަ އާޔަތުގައި ކީރިތި ޤުރްއާނާ އެއްފަދަ ދިހަ ސޫރަތް ގެނައުމަށް ވަޙީކުރެއްވިއެވެ. އެ ކަމަށް ކުޅަދާނަ ނުވުމުން އަލްބަޤަރާ ސޫރަތުގެ ތޭވީސްވަނަ އާޔަތުގައި، ކީރިތި ޤުރްއާނާ އެއް ފަދަ އެންމެ ސޫރަތެއް ގެނައުމަށް ވަޙީކުރެއްވިއެވެ. ނަމަވެސް އެބައިމީހުންނަށް އެފަދަ އެންމެ އާޔަތެއް ހެދުމަށް ވެސް ކުޅާދާނައެއް ނުވިއެވެ. އެންމެ ފަހުން ކީރިތި ޤުރްއާނާ އެއްފަދަ ފޮތެއް ގެނެސްގަތުމަކީ އިންސީންނާއި ޖިންނީން ގުޅިގެން މަސައްކަތް ކުރިޔަސް ކުރެވޭނެ ކަމެއް ނޫންކަމުގައި އެންގެވިއެވެ. الله تَعَالَى ވަޙީކުރައްވައިފައި ވެއެވެ. ----[1] މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި قرآنއާ އެއް ފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވި ނަމަވެސް، އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް ވާގިވެރީންކަމުގައިވީ ނަމަވެސް މެއެވެ." މި އާޔަތްތަކުން އެނގި ހާމަވީ ގޮތުގައި، ކީރިތި ޤުރްއާނަކީ އިންސާނެއްގެ އުފެއްދުމެއްކަމަށް ބުނެ ކުރި ދަޢުވާތައް ވަނީ ނާކާމިޔާބުވެ، ބާޠިލުވެފައެވެ. އަދި އެއީ ދުވަހަކު ވެސް ކާމިޔާބުވާނެ ކަމެއް ނޫނެވެ. 

ކީރިތި ޤުރްއާނަކީ މާތް ﷲގެ ކަލާމްފުޅުކަން ކަށަވަރުވާ ގިނަގުނަ ޢިލްމީ ހެކިތައް، ކީރިތި ޤުރްއާނުގައި އެބަހުއްޓެވެ. އޭގެ ތެރެއިން އެއް ހެއްކަކީ، މައިމީހާގެ ބަނޑުގައި ދަރިފުޅު ގަރުބަގަތީއްސުރެ، ފުރިހަމަ އިންސާނަކަށް ވުމާ ހަމައަށް އަންނަ ބަދަލުތަކުގެ ވާހަކަ ކީރިތި ޤުރްއާނުގައި ތަފުޞީލުކޮށް ބަޔާންކުރައްވައިފައި ވުމެވެ. الله تَعَالَى ވަޙީކުރައްވައިފައި ވެއެވެ. ---- މާނައީ: "ދެން ތިމަންރަސްކަލާނގެ އެ މަނިތިކި، ގަނޑުލޭކޮޅަކަށް ހެއްދެވީމެވެ. ދެން އެ ގަނޑުލޭކޮޅު، މަސްކޮޅަކަށް ހެއްދެވީމެވެ. ދެން އެ މަސްކޮޅު، ކަށްޓަށް ހެއްދެވީމެވެ. ދެން އެ ކަށީގައި މަސްލެއްވީމެވެ. ދެން އެހެން އުފެއްދެވުމަކުން އެ އިންސާނާ އުފެއްދެވީމެވެ. ފަހެ، އެންމެ ފުރިހަމައަށް ތަކެތި ހައްދަވާ الله، މަތިވެރިވެވޮޑިގެންވެއެވެ." މިއީ އެ ޒަމާނުގައި އިލާހީ ވަޙީގެ ޒަރީޢާއިން ނޫން ގޮތަކަށް، އެއްވެސް މީހަކަށް އެނގޭނެ މަޢުލޫމާތެއް ނޫނެވެ. އެހެންކަމުން މި ޒަމާނުގެ ޢިލްމީ ދިރާސާތަކަށް ބަލާ އިރު، މި މިސާލުން އެކަނި ވެސް، ކީރިތި ޤުރްއާނަކީ، الله تَعَالَىގެ ކަލާމްފުޅުކަން ކަށަވަރުވެއެވެ. 

ކީރިތި ޤުރްއާނަކީ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޝާމުކަރަޔަށް ކުރެއްވި ދަތުރުފުޅުގައި، ނަޞްރާނީ ދީނުގެ ރާހިބެއް ކަމުގައިވާ ބަޙީރާ ގާތުން އުނގެނިވަޑައިގަތް ތަކެތިކަމަށް ބައެއް މުސްތަޝްރިޤުން ދަޢުވާކުރެއެވެ. އެ މީހުން އެހެން ބުނާ ސަބަބަކީ، ކީރިތި ޤުރްއާނުގައި ހުރި ބަސްފުޅުތަކާއި ތައުރާތާއި އިންޖީލުގައި ހުރި ބައެއް ވާހަކަތަކާ، އެއް ގޮތްކަމެއް ހުރީމައެވެ. އެ ގޮތަށް އެ ކަން އެ ދިމާވަނީ، މިއަދު އަޞްލު ގެއްލިފައި ވީނަމަވެސް ތައުރާތާއި އިންޖީލަކީ ބާވައިލެއްވި ފޮތްތަކަކަށް ވާތީއެވެ. ނަމަވެސް ކީރިތި ޤުރްއާނަކީ ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ އެކަލޭގެފާނުގެ ބޮޑުބޭބޭފުޅު އަބޫޠާލިބު އަރިހުގައި ކުރެއްވި ދަތުރުފުޅުގައި، ކުޑަ ވަގުތުކޮޅަކަށް ބައްދަލުވި ރާހިބުގެ ގާތުން އުނގެނިވަޑައިގަތް ތަކެތި ކަމުގައި ވުމަކީ، މުސްތަޙީލު ކަމެކެވެ. 

އިސްލާމް ދީނުގެ ޢަދާވާތްތެރިން އަބަދާއި އަބަދު އަންނަނީ اللهގެ ނޫރުފުޅު ނިއްވައިލުމަށް މަސައްކަތް ކުރަމުންނެވެ. ކާފިރުން ކިތަންމެ ބޭނުންވިޔަސް އެ ގޮތަށް އެ ކަން ނުވާނޭކަން ވަނީ، ކީރިތި ޤުރްއާނުގައި އަންގަވައިފައެވެ. الله تَعَالَى ވަޙީކުރައްވައިފައި ވެއެވެ. ---- "އެއުރެން އެދެނީ، الله ގެ ނޫރުފުޅު (އެބަހީ: އިސްލާމްދީން) އެއުރެންގެ އަނގަތަކުން ފުމެ، ނިއްވައިލުމަށެވެ. ނަމަވެސް، ކާފިރުން ކިތަންމެ ނުރުހުނަސް، الله، އެކަލާނގެ ނޫރުފުޅު ފުރިހަމަކުރެއްވުމަށް މެނުވީ، އެކަލާނގެ އިރާދައެއް ނުކުރައްވަތެވެ."

މިއަދު އޮންލައިން