އެއް ދަރިފުޅު މައިންބަފައިންގެ ކަންކަން ކޮށްދޭތީ ދެން ތިބި ދަރިން އަޅައިވެސް ނުލާ ތިބޭކަމާއި މައިންބަފައިން ކަމަކު ބުނެފާނެތީ އެމީހުންގެ ލޮލަށް ނުފެނި އުޅެން މަސައްކަތްކުރާ ދަރިންގެ ވާހަކައަކީ ވަރަށް ގިނައިން ދެކެވޭ ވާހަކައެވެ. ހަމައެއާއިއެކު ޢުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވެދޭން ފަސްޖެހޭ މީހުންގެ ވާހަކައަކީވެސް ވަރަށް ގިނައިން ދެކެވޭ ވާހަކައެވެ.
އެގޮތަށް އެކަންކަން މެދުވެރިވަނީ އެމީހުންގެ ހިތުގައި މައިންބަފައިންނަށާއި ޢުމުރުން ދުވަސްވީ މީހުންނަށް ލޯބިނެތުމުންނެވެ. އެއިގެ މާނައަކީ އެމީހެއްގެ ހިތުގައި ހަމައެކަނި އެމީހުންނަށް ލޯބިނެތުމެއް ނޫނެވެ. އެމީހުންގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަމެއްވެސް ނެތީއެވެ. އެމީހުންނަށް ހެޔޮކޮށް ހިތުން ﷲ ތަޢާލާ ލައްވަވާނެ ރަޙްމަތަށް ދަހިވެތިވުމުގެ ބަދަލުގައި އަތުގައި ހުރި ފައިސާއަށް ދަހިވެތިކަން ބޮޑުވަނީއެވެ.
ނުވަތަ އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކަށް މައިންބަފައިންނަށާއި ޢުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވުމުންނާއި އެމީހުންނާއި ގުޅުންބާއްވަންވީ މިންވަރު ނުވިސްނެނީއެވެ. އެމީހުންނަށް އެހީތެރިވުމަކީ ކޮންފަދަމަތިވެރިކަމެއްކަން ނުއެނގެނީއެވެ.
އެފަދަ މީހުން ތިރީގައިވާ ލިޔުން ވިދާޅުވެލައްވާށެވެ! ވިސްނުން ބަދަލުވުމަކީ ވަރަށް ގާތް ކަމެކެވެ. އިން ޝާ ﷲ
"އަޅުގަނޑުމެންގެ މަންމަ އާއި ބައްޕައަކީވެސް ޢުމުރުން 70 އަހަރުން މަތިވެފައިވާ ދެމީހުންނެވެ. އެދެމީހުން ބެލުމުގައި އިސްކޮށް މިހުރީ އަޅުގަނޑެވެ. އެދެމީހުންގެ ކޭޝް ކާޑު ދުވަހަކުވެސް ނުދެކެމެވެ. ދެކޭކަށް ބޭނުމެއްވެސް ނެތެވެ. އެކާޑު ގެންގުޅެނީ ދޮންބެއެވެ. ދެމަފިރިން ޢުމުރާއަށް ފޮނުވުން ނޫން އެއްވެސްކަމަކަށް ދޮންބެވެސް އެއްވެސް ފައިސާއެއް އެކައުންޓަކުން ނުނަގައެވެ.
އަޅުގަނޑު ގާތުގައި ބުނެފައި އޮންނަނީ އެއްވެސް ކަމަކު ބޭނުންވެއްޖެނަމަ މެސެޖުކޮށްލުމަށެވެ. ދެމަފިރިން އެކުގައި ބަލިވެގެން ހޮސްޕިޓަލަށް ގެންދަން ޖެހި އަޅުގަނޑަށް ނުކުރެވޭ ވަރުގެ ބޮޑު ޚަރަދެއްކުރަން ޖެހުން ފަދަ ޚާއްޞަ ޙާލަތެއްގައި ނޫނީ އެބާވަތުގެ އެހީތެރިކަމަކަށް އެދި އަޅުގަނޑުވެސް ނުގުޅަމެވެ.
އެކަމަކުވެސް މަންމަ އާއި ބައްޕަގެ ލޮލަށް ފެނިއްޖެނަމަ އެއިން މީހަކު ކަމަކު ކިޔައިފާނެކަމަށް ހީވާތީ އަހަރުވާއިރުވެސް މަންމައާއި ބައްޕައަށް ފެނިވެސްނުލާ ދަރިން އެބައުޅެއެވެ. މިއީ ހަމަ އެންމެ ރަނގަޅު ގޮތްތޯއެވެ؟ އަޅުގަނޑާއި ދޮންބެ ހުރިހާ ކަމެއް ކުރާތީ ދުރުގަ ތިބެފަ އަދި މައިންބަފައިންނަށް ފެނިވެސް ނުލައި ތިބުން ދިނީ ގޮތުން ހުއްދަވާނެތޯއެވެ؟
-- މިއަދުނޫހުގެ ކިޔުންތެރިއެއް
ﷲ ތަޢާލާ އަންގަވާފައިވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އެމީހުންގެ ޙާލުބަލައި އެމީހުންނަށް އެހީތެރިވުމަށެވެ. ވީމާ އެކަން ނުކުރާނަމަ އެމީހަކު ނުކިޔަމަންތެރިއެވަނީ ﷲ ތަޢާލާގެ އަމުރުފުޅަކަށެވެ.
މައިންބަފައިންގެ އިތުރުން ހިލޭ މީހުންގެ ތެރެއިން މުސްކުޅިންނަށް އެހީތެރިވުމަކީވެސް އެކަމުގެ ފައިދާ ދުނިޔޭގައިވެސް ލިބިގެންދާ ކަމެކެވެ. އިން ޝާ ﷲ
--ޝައިޚް ނަވައިދު ޢަބްދުލްޢަޒީޒް ވިދާޅުވެފައިވެއެވެ.
ދެވަނަ ޚުޠުބާގައި އަހަރެން މިކިޔައިދެނީ ﷲ ތަޢާލާއަށްޓަކައި މުސްކުޅި އަންހެނަކަށް އެހީތެރިވުމުން އޭނާކުރި ދުޢާއިން ޖެހިޖެހިގެން 20 އަހަރު އަމިއްލަ އަތުން އެއްވެސް ޚަރަދެއް ނުކޮށް އެހެން މީހުންގެ އެހީގައި ޙައްޖަށް ދެވުނު މީހެއްގެ ވާހަކައެވެ.
އޭނާ ނިޞްބަތްވަނީ މިޞުރަށެވެ! ޙައްޖަށް އައިސް އުޅުމުގެ ތެރޭގައި މަދީނާއިން މައްކާއަށް އޭނާ ދަތުރުކުރީ ބަހެއްގައެވެ. ދަތުރުގެ ވަކިހިސާބަކުން އޭނާއަށް މަގުމަތިން ފެނުނީ ކޮންމެވެސް ސަބަބެއް މެދުވެރިވެގެން ފައިމަގުގައި މައްކާއަށް ދިއަ އަންހެނެކެވެ. އެވަގުތު އޭނާގެ ހިތަށް އެރިއެވެ. އެކަނި ޙާލަށް ހިނގަންވެސް އުނދަގޫ މިއަންހެންމީހާއަށް ފައިމަގުގައި މައްކާއަށް ދިއުން ވާނީ ވަރަށް ބޮޑު ތަކްލީފަކަށެވެ. އަހަރެންނަކީ ޒުވާނެކެވެ. އަހަރެންނަށް ފައިމަގުގައި ދެވިދާނެއެވެ.
ބަސްތައް ގިނަވެ މަގުމަތި ފުރިބާރުވެފައި އޮތުމުގެ ސަބަބުން ބަސް މަޑުކޮށްލި ވަގުތު ބަހުން ފުންމާލައިގެން ގޮސް އެ އަނހެން މީހާ ގާތު ޒުވާނާ ބުންޏެވެ. "މަންމާއެވެ! ބަހުގައި ހުރި އަހަރެންގެ ސީޓުގައި މަންމަ މައްކާއަށްދާށެވެ! އަހަރެން ހިނގާފައި ހިނގައިދާނަމެވެ!"
އެވަގުތު އެއަންހެންމީހާއަށް އުފަލުން ރޮވުނެވެ. ކާކުކަންވެސް ނުއެނގޭ ޒުވާނަކު އޭނާއަށް ރަޙުމްކުރީތީއެވެ! ޒުވާނާގެ އެހީތެރިކަމާއިއެކު ބަހަށް އަރަމުން އެއަންހެން މީހާ ދުޢާކުރިއެވެ! އެޒުވާނާއަށް އަންނަ އަަހރުވެސް ޙައްޖުވުމުގެ ފުރުޞަތު ދެއްވެވުން އެދިއެވެ. އަދި އޭނާއަށް ހެޔޮ ރަޙްމަތް ލެއްވެވުން އެދިއެވެ.
އެ ޒުވާނާ ދާދިފަހުން ބުނެފައިވެއެވެ. "އެއީ ކީއްވެގެންކަން ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ! އަހަރެންނަށް އެނގޭ ކަމަކީ ފާއިއތުވި 20 އަހަރު ކޮންމެ އަހަރަކުވެސް ކޮންމެވެސް މީހަކު އަހަރެން ޙައްޖަށް ގެންދާ ކަމެވެ. އަހަރެން އެދިގެނެއް ނޫނެވެ. އެމީހުން އަމިއްލައަށް އެކަން ބޭނުންވެގެންނެވެ! އެމީހުންނަށް މަގުދައްކައި އެހީތެރިވާ މީހެއްގެ ގޮތުގައވެ!"
--ޝައިޚް ނަވައިދު ޢަބްދުލްޢަޒީޒް މީގެ 5 އަހަރުކުރިން ދެއްވާފައިވާ ހުކުރު ޚުޠުބާއަކުން