ދުނިޔޭގައި އެކަލާނގެ އިރާދަކުރެއްވެވި އަޅަކު އިމްތިޙާންކުރެއްވެވުމަށްޓަކައި މަތީ މަޤާމާއި ތަނަވަސްކަމާއި އާރާއި ބާރާއި މަތީ ދަރަޖަ ދެއްވަވައެވެ. އެހިސާބުން ތިމާއަށް ތިމާފެނި ބޮޑާވެގެންފިނަމަ އެހިސާބުން އެމީހަކަށް އެވީ އިބިލީހަށްވީގޮތް ނޫންހެއްޔެވެ؟ އެކުރެވުނީ އިބިލީސް ކުރި ބޮޑުފާފަ ނޫން ހެއްޔެވެ؟ ވީއިރު އިބިލީހަށް ލަޢްނަތް ލެއްވެވި ފަދައިން ތިމާއަށް ލަޢްނަތް ނުލައްވަވާނެކަމަށް ބެލެން އޮތީ ކިހިނަކުން ހެއްޔެވެ؟
މައުޟޫގެ ގޮތުން މިފަށަނީ ވަރަށް ޢާދައިގެ ދެ މިސާލަކުންނެވެ! ތިމާ ދިރިއުޅޭ ސަރަހައްދުގައި އުޅޭ ނުބައި ނުލަފާ އަނިޔާވެރިއަކު މީހަކު ދެކެ ރުޅިއަތުވެއްޖެ ނަމަ އެމީހާއަށް ބިރުން ރައްކައުތެރިކަން ހޯދަން ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުއެވެ. މިމިސްކިތުގެ ބޭރުގައި ސިންގާއެއް އޮތްވާހަކަ މީހަކު ބުނެފިނަމަ ހަމަ އެކަކުވެސް މިސްކިތަކުން ނުނުކުންނާނެއެވެ! ސިންގާއަށް ބިރުންނެވެ!
އެހެންނަމަވެސް ﷲ ތަޢާލާ ނަހީކުރައްވަވާފައިވާ ކަންކަން ކުރުމުން ﷲ ތަޢާލާ ލަޢްނތް ލައްވަވާނެކަން އެނގޭއިރުވެސް އެކަމަށް ބިރެއް ނުގަނެއެވެ. އެމީހަކު ބޭނުންކަމެއް ކުރަނީއެވެ. އެފހަރަކު ކުރަން ހިތަށް އެރި ފާފައެއް ކުރަނީއެވެ.
މިއަދު މީސްތަކުންގެ މެދުގައި ޢާންމުވަމުން މިދާ އެއްކަމަކީ ތިމާގެ މޮޅުކަން ތިމާއަށް ވިސްނި ބޮޑާވެ ކިބުރުވެރިވުމެވެ. އެއީ އިބިލީހަށް ﷲ ތަޢާލާ ލަޢްނަތް ލައްވަވައި ސުވަރުގެއިން ބޭރުކުރައްވަވައި ނަރަކައިގައި ދާއިމަށް އެންމެ ގަދަފަދަ ޢަޛާބުގައި އޮންނަން މިންވަރުކުރެއްވެވި ނުބައި ޢަމަލެވެ. ވީއިރު އެއަށްވުރެ ނުބައި ޢަމަލަކީ ކޮބައިހެއްޔެވެ؟
އިބިލީހަކީ މަލާއިކަތެއްކަމުގައި ނުވި ނަމަވެސް އޭނާކޮށްއުޅުނު ރަނގަޅުކަންކަމުގެ ސަބަބުން އުޑުގައި ލައްވަވައި މަތިވެރި ދަރަޖަ ދެއްވަވައި އެންމެހައި ނިޢްމަތްތައް މިންވަރުކުރެއްވެވިއެވެ. އިބިލީހަށް އެ ހުރިހާ ނިޢްމަތްތަކެއް ގެއްލިގެންދިއައީ އޭނާގެ ހިތުގައި އުފެދުނު ހަސަދަވެރިކަމާއި ކިބުރުވެރިކަމާއި ބޮޑާކަމުންނެވެ. އޭނާއަށް އޭނާގެ ދަތަޖަ މާމަތިވެރި ކަމަށް ވިސްނުނިތީއެވެ.
--މުފްތީ މެންކުގެ ދަރުސަކުން