އަންނަ ހައްޖުން ފެށިގެން ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުން ކުރިއަށް ގެންދާނީ ސައުދީ ހައްޖު މިނިސްޓްރީގެ ބެލުމުގެ ދަށުން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
އަންނަ ހައްޖުން ފެށިގެން ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުން ކުރިއަށް ގެންދާނީ ސައުދީ ހައްޖު މިނިސްޓްރީގެ ބެލުމުގެ ދަށުން

އަންނަ ހައްޖު މޫސުމުން ފެށިގެން، ހައްޖުވެރިންގެ ހަދްޔު ކަތިލުމާއި އުޟްޙިޔާ ކަތިލުމުގެ ކަންކަން ސީދާ ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީގެ ބެލުމުގެ ދަށަށް ބަދަލުކޮށްފިކަމަށް ރާއްޖޭގެ އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މި ބަދަލާއެކު، ހައްޖު މޫސުމުގައި މި އަޅުކަން ކުރިއަށް ގެންދިއުމުގައި ހަރުދަނާ އިންތިޒާމުތަކެއް ޤާއިމުކުރެވިގެންދާނެއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި ބަދަލުގެ ދަށުން ހަދްޔު އަދި އުޟްޙިޔާ ކަތިލުމަށް ފައިސާ ދައްކަން ޖެހެނީ ވެސް ޑިޖިޓަލް ޕޯޓަލްގެ ތެރެއިން އެ ޤައުމެއްގެ ހައްޖު މިޝަން މެދުވެެރިކޮށް ސީދާ ހައްޖު މިނިސްޓްރީއަށެވެ. ކުރިން މިކަން ކުރަމުންދިޔައީ ހައްޖު ޖަމާޢަތްތަކުން ސައުދީގެ ޕްރައިވެޓް ކުންފުނިތައް މެދުވެރިކޮށެވެ. ނަމަވެސް މިހާރު މިކަން ކުރިއަށްދާނީ ހައްޖު މިނިސްޓްރީގެ ބެލުމުގެ ދަށުން އުޟްޙިޔާއާއި ހަދްޔާ ބެހޭ ޚާއްޞަ ކޮމިޝަނަކުންނެވެ.

ސައުދީ ސަރުކާރުން މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ މި އަޅުކަން ހެޔޮ ގޮތުގައި ތަންފީޒުވުން ކަށަވަރު ކުރުމާއި، ކޮރަޕްޝަންގެ އަމަލުތަކަށް ޖާގަ ނުދިނުމަށްޓަކައެވެ. ކަތިލުމަށް ފަހު މަސް ބެހުމުގެ ކަންތައް ވެސް ފަޤީރުންނަށް ވާސިލުކޮށްދިނުމަށް ޚާއްސަ ކޮމިޝަނުން މަސައްކަތް ކުރާނެއެވެ.

މި އިންތިޒާމުގެ ދަށުން، އެ ޤައުމެއްގެ ހައްޖުވެރިންގެ ހަދްޔާއި އުޟްޙިޔާ ކަތިލުމުގެ ވީޑިއޯ ވެސް މިޝަނުން ބޭނުން ނަމަ ޙިއްސާކުރާނެއެވެ. އަދި ހައްޖުވެރިން ކާން ބޭނުންކުރުމަށް މިޝަނުން އެދިއްޖެނަމަ، މަސް ވެސް ފޯރުކޮށްދިނުމުގެ އިންތިޒާމު މިނިސްޓްރީގެ ފަރާތުން ހަމަޖައްސާނެއެވެ.

މި ބަދަލާ ގުޅޭގޮތުން ސައުދީގެ ހައްޖު މިނިސްޓްރީން ވަނީ އިއްޔެ ގައުމުތަކުގެ ހައްޖު މިޝަންތަކުގެ ވެރިންނާ ބައްދަލުކޮށްފައެވެ. މި ބައްދަލުވުމުގައި ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއާއި ހައްޖު ކޯޕަރޭޝަން ބައިވެރިވިއެވެ. ރާއްޖޭގެ ހައްޖު މިޝަނުން ވަނީ މިކަމަށް މަރުހަބާ ކިޔައި، މި ބަދަލަކީ ވަރަށް ރަނގަޅު ބަދަލެއްކަމުގައި ހާމަކޮށްފައެވެ.

މިއަދު އޮންލައިން