ކ. ގުޅި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 27ސ
ކ. ގުޅި ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

މާލެއަތޮޅު ކ. ގުޅި ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު، ދިވެހިރާއްޖޭގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނި ކަމުގައިވާ އެމްޓީސީސީ (މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު މިއަދު ގުޅީގައި ބާއްވާފައިވާއިރު، މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއ،ި ގުޅި ކައުންސިލްގެ މެންބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަނ،ް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުالله މުއްޠަލިބްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީއެވެ. މި މަޝްރޫޢަކީ 85.81 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އެމްޓީސީސީއާ މި މަސައްކަތް ހަވާލުކޮށްފައިވަނީ 510 ދުވަސްތެރޭ ނިންމާ ގޮތަށެވެ.

މި މަޝްރޫޢުގެ ދަށުން ގުޅީ ބަނދަރުގެ ޖާގަ އިތުރުކުރުމަށްޓަކައި 56،295 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކުރުމުގެ މަސައްކަތް ކުރެވޭނެއެވެ. އުމްރާނީ މަސައްކަތްތަކުގެ ތެރޭގައި 324 މީޓަރުގެ ބޭރުތޮށި ލުމާއި، 8 މީޓަރުގެ ފެނުއަޑީގައި ބޭރުތޮށި ލުމާއި، 270 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. އަދި 283 މީޓަރުގެ އެއްގަމުތޮށި ލުމާއި، 280 މީޓަރުގެ އެއްގަމުތޮށި މަރާމާތު ކުރުމުގެ މަސައްކަތްވެސް ކުރެވޭނެއެވެ. އުޅަނދުފަހަރު އެޅުމަށްޓަކައި 100 މީޓަރު ދިގު އަދި 2 މީޓަރު ފުޅާ ކޮންކްރީޓް ޖެޓީއެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. ބަނދަރު ސަރަހައްދުގައި 3,170 އަކަމީޓަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ.

ގުޅިއަކީ 1015 މީހުންގެ އާބާދީއެއް އޮންނަ، ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެކެވެ. މިހާރުވެސް ރަށުގައި 15 ވަރަކަށް ގެސްޓްހައުސް ހިންގަމުންދާއިރު، އިޤްތިޞާދީ ހަރަކާތްތައް އިތުރުވުމާއެކު، މިހާރު އޮތް ބަނދަރުގެ ޖާގައިގެ ދަތިކަން އޮޑިފަހަރާއި ލޯންޗުތައް ގެންގުޅޭ ފަރާތްތަކުން އަންނަނީ ތަޙައްމަލު ކުރަމުންނެވެ. ނަމަވެސް، މި މަޝްރޫޢުގެ މަސައްކަތް ނިމުމުން، އުޅަނދުތައް އަޅާފައި ބާއްވާނެ ފުޅާ ޖާގައެއް ގުޅި ރައްޔިތުންނަށް ލިބިގެންދާނެއެވެ. އަދި މުދާ ބަރުކުރުމާއި ލަފާ ފުރުމަށްވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ.

އެމްޓީސީސީއަކީ 1980 ވަނަ އަހަރު އުފެދުނު ކުންފުންޏެކެވެ. ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވަނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގައި މުހިންމު ދައުރެއް އަދާކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.

މިއަދު އޮންލައިން