މުޅި ރާއްޖެއަށް ޢުމްރާނީ ގޮތުން ތަރައްޤީ ގެނެސް، އެކި ދާއިރާތަކުން ކުރިއެރުން ހޯދައިދިނުމަށް މި ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމް ވިދާޅުވެއްޖެއެވެ. ޑރ. އަނާރާ މިހެން ވިދާޅުވީ ގުޅީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ނިމުން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޑރ. އަނާރާ ނަޢީމް ވަނީ މި ސަރުކާރުން ފަށްޓަވައި އަދި ނިންމެވި މުހިންމު މަޝްރޫޢުތަކުގެ ތެރޭގައި ގުޅީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ހިމެނޭކަން ފާހަގަކުރައްވާފައެވެ. އަދި މި މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްގެންގޮސް ނިންމަވައިދެއްވިކަމަށްޓަކައި، މަސައްކަތް ކުރެއްވި ފަރާތްތަކަށް ޑރ. އަނާރާ ވަނީ ޝުކުރު ދަންނަވާފައެވެ.
ގުޅީގައި ސަރުކާރުން ހިންގަވާ އެހެން މަޝްރޫޢުތައް ވެސް ވަރަށް ބާރަށް ކުރިއަށްދާކަން ފާހަގަކުރައްވައި ޑރ. އަނާރާ ވިދާޅުވީ، ހަމައެކަނި ގުޅި ނޫން އެހެން ރަށްރަށުގައިވެސް ތަރައްޤީގެ މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށްދާ ކަމަށެވެ. މިއީ ރާއްޖޭގެ ރައްޔިތުންނަށް އެދެވޭ ކުރިއެރުންތަކެއް ގެނެސްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ޑރ. އަނާރާގެ ވާހަކަފުޅުގައި އިތުރަށް ފާހަގަކުރެއްވީ، ޢުމްރާނީ ތަރައްޤީގެ އިތުރުން އިންސާނީ ދާއިރާ އަށް ވެސް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާ ކަމަށެވެ. އެގޮތުން އިންސާނުން ބިނާކޮށް، އިންސާނީ ތަރައްޤީއާއި ޞިއްޙީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން މެންބަރު ފާހަގަކުރެއްވިއެވެ.
މި ހުރިހާ މަޝްރޫޢުތަކެއްގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއަށް ލިބޭނެ ކުރިއެރުމުގެ މައްޗަށް އަލިއަޅުވާލައްވަމުން ޑރ. އަނާރާ ވިދާޅުވީ: "ހުރިހާ މަޝްރޫޢުތަކެއްގެ ސަބަބުން ޢުމްރާނީ ގޮތުން ވަރަށް ބޮޑު ކުރިއެރުމެއް ރާއްޖެއަށް ލިބޭނެ" އެވެ.