ކ. ގުޅީގައި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި މަޝްރޫޢަކީ ގުޅީގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ރަނގަޅުކުރުމަށްޓަކައި ވަރަށް މުހިއްމު މަޝްރޫޢެކެވެ.
މި ރަސްމިއްޔާތުގައި ކެބިނެޓު މިނިސްޓަރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއ،ި ގުޅީ ކައުންސިލް މެންބަރުން އަދި ސަރުކާރުގެ އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މަސައްކަތުގެ ނިމުން ފާހަގަކުރުމުގެ ގޮތުން، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުالله މުއްޠަލިބް ވަނީ ގުޅީ ކައުންސިލަށް ހަނދާނީ ފިލައެއް ހަވާލުކޮށްދެއްވާފައެވެ.
މި މަޝްރޫޢުގެ ދަށުން ގުޅީއަށް 10.15 ހެކްޓަރުގެ ބިން އިތުރުކުރެވިފައިވެއެވެ. މީގެ އިތުރުން، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 749 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމަންޓަކާއި، 325 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓަކާއ،ި 77 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންސް ޖެހުމުގެ މަސައްކަތް ވެސް ވަނީ ނިންމާފައެވެ. މި މަޝްރޫޢަކީ ޖުމްލަ 89.63 މިލިއަން ރުފިޔާގެ މަސައްކަތެކެވެ.
1015 މީހުންގެ އާބާދީއެއް އޮންނަ ގުޅިއަކީ ބިމުގެ ޖާގައިގެ ގޮތުން ކުޑަ ރަށެކެވެ. މާލެއަތޮޅުގެ ގިނަ ރަށްތައް ފަދައިން ގުޅިއަކީ ވެސް ފަތުރުވެރިކަން ކުރިއަރަމުން އަންނަ ރަށެކެވެ. މިހާރުވެސް ރަށުގައި 15 ވަރަކަށް ގެސްޓްހައުސް އެކި ފަންތީގައި ހިންގަމުންދެއެވެ. ބިންކޮޅު ކުޑަވުމުގެ ސަބަބުން ރަށުގައި ދިރިއުޅުމަށާއި ވިޔަފާރިކުރުމަށް އިތުރު ޖާގަ ނެތުމަކީ ރައްޔިތުންނަށް އޮތް އެންމެ ބޮޑު ދައްޗެވެ. ވީމާ، މި ބިން ހިއްކުމުގެ މަސައްކަތް ނިމުމާއެކު، ރައްޔިތުންގެ ބޯހިޔާވަހިކަމާއި އިޤްތިސާދު ފުޅާކުރުމުގެ ދަތިކަމަށް ބޮޑުތަނުން ހައްލު ލިބި، ރައްޔިތުންގެ ހުވަފެންތަކުގައި މިވަނީ ކުލަޖެހިފައެވެ.