އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް 55 ކައުންސިލް އިމާރާތުގެ މަސައްކަތް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ސިޓީތަކާ އިދާރީދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން މައުލޫމާތު ދީފިއެވެ.
މި މަސައްކަތަކީ ބާވެ ވީރާނާވެފައިވާ ކައުންސިލް އިމާރާތްތައް ތަރައްގީކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޚާއްސަ ސިޔާސަތެއްގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މި މަޝްރޫޢު ހަވާލުކުރެވިފައިވަނީ ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއެވެ. މިއީ ޖުމްލަ 55 ކައުންސިލް އިމާރާތް އަލުން ބިނާކުރުމުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނިންމުމަށް ވަނީ އަމާޒުކުރެވިފައެވެ.
މި މަޝްރޫއުގެ ދަށުން ޢިމާރާތްކުރާ 55 ކައުންސިލް ޢިމާރާތް ނިމޭއިރު، އެ އިމާރާތްތަކުގެ ގޯތީގެ ވަށާފާރު ރާނައި ނިންމާނެއެވެ. އަދި އޮފީހަށް ބޭނުންވާ ފަރުނީޗަރުވެސް ފޯރުކޮށްދެވިފައި ހުންނާނެ ކަމަށް ސިޓީތަކާބެހޭ ވުޒާރާއިން މައުލޫމާތުދެއްވައެވެ. މީގެ އިތުރުން، ބާވެ ވީރާނާވެފައިވާ ކައުންސިލް އިމާރާތްތަައް އަލުން ޢިމާރާތްކުރުމަށް ހިންގާ މި މަޝްރޫޢުގެ ދަށުން، މިހާތަނަށް 42 ރަށެއްގައި އިމާރާތްކުރާ ކައުންސިލްތައް ވަނީ މޮބިލައިޒްކުރެވިފައެވެ. އަދި 38 ރަށެއްގައި ކައުންސިލް އިމާރާތްތައް އެޅުމަށް ބޭނުންވާ ސާމާނު ސައިޓަށް ފޮނުވާފައިވާކަމަށްވެސް ވުޒާރާއިން ވިދާޅުވެއެވެ.
ފާހަގަކޮށްލަންޖެހޭ ކަމަކީ، އަތޮޅުތެރޭގެ 55 ކައުންސިލްގެ އައު އިމާރާތުގެ މަސައްކަތް ސަރުކާރުން ފުރަތަމަ ހަވާލުކުރީ މެލޭޝިއާގެ ހެކްސްޓަރ ގްލޯބަލް ކުންފުންޏާއެވެ. ނަމަވެސް ކައުންސިލްތަކުން ހުށަހެޅި ބަދަލުތައް މަޝްރޫއަށް ގެނައުމަށް އެ ކުންފުނިން ބޭނުން ނުވުމުގެ ސަބަބުން އެ އެއްބަސްވުން ވަނީ ބާތިލުކުރެވިފައެވެ. އެހެންކަމުން، މިހާރު މި މަސައްކަތް ހަވާލުކުރެވިފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ އާރުސީސީއާއެވެ.