"އޮޕަރޭޝަން ހަމަމަގު"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
"އޮޕަރޭޝަން ހަމަމަގު"ގެ ނަމުގައި ޚާއްސަ ޕްރޮގްރާމެއް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފި

ބިދޭސީންނާ ގުޅުންހުރި ކަންކަން ބެލެހެއްޓުމަށް ޚާއްސަކޮށްގެން، މޯލްޑިވްސް އިމިގްރޭޝަނުން "އޮޕަރޭޝަން ހަމަމަގު" ގެ ނަމުގައި ޕްރޮގްރާމެއް ރަސްމީކޮށް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ މާލޭ ސަރަހައްދުގައި ބިދޭސީންގެ ކަންކަން ގާތުން ބަލައި، ގަވާއިދާ ޚިލާފަށް އުޅޭ ފަރާތްތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ފަށާފައިވާ މަސައްކަތެކެވެ.

މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިހުސާނާއި، ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އަޙްމަދު ފަސީޙްއެވެ. މި ޕްރޮގްރާމް ފެށުމުގެ މައިގަނޑު މަޤްސަދަކީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް، ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތް އިތުރަށް ހަރުދަނާކުރުމެވެ.

މި ޕްރޮގްރާމުގެ ދަށުން، އިމިގްރޭޝަން އޮފިސަރުން މާލޭ ސަރަހައްދުގައި ހަރަކާތްތެރިވާނީ ސައިކަލުތަކުގައި ޕެޓްރޯލް ކުރާ އުސޫލުންނެވެ. އިމިގްރޭޝަނުން ވިދާޅުވީ މީގެ ކުރިން ވަކި ސަރަހައްދުތަކެއްގައި އޮފިސަރުން ހަރަކާތްތެރިވަމުން ދިޔަ ނަމަވެސް، މި ޕްރޮގްރާމުގެ ސަބަބުން މުޅި މާލޭ ސަރަހައްދުގައި ބިދޭސީން އުޅޭ ސަރަހައްދުތައް ޕެޓްރޯލް ކުރެވޭނެ ކަމަށެވެ. މިއީ ބިދޭސީންގެ ކަންކަން މޮނިޓަރ ކުރުމަށް އިމިގްރޭޝަނުން ގެނައި މުހިންމު ބަދަލެކެވެ.

އިމިގްރޭޝަނުން އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ޚާއްސަ ޕްރޮގްރާމް ފެށި ނަމަވެސް، ރައްޔިތުންގެ ފަރާތުން އިމިގްރޭޝަން ވޮޗަށް ލިބޭ މަޢުލޫމާތާއި، އެނޫންވެސް ގޮތްގޮތުން އޮފިސަރުންނަށް ލިބޭ މައުލޫމާތުތަކަށް ފުލުހުންނާ ގުޅިގެން ކުރިންވެސް ހިންގަމުން އައި އުސޫލުން ރެއިޑް އޮޕަރޭޝަންތައް ކުރިއަށް ގެންދާނެއެވެ. އަދި މި ޕްރޮގްރާމް ކާމިޔާބު ކުރުމަށްޓަކައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށް އިމިގްރޭޝަނުން ވަނީ ފާހަގަކުރައްވާފައެވެ. މި ޕްރޮގްރާމަށް ރައްޔިތުންގެ އެއްބާރުލުން ބޭނުންވާނެ ކަމަށް އިމިގްރޭޝަނުން ވިދާޅުވެއެވެ.

މިއަދު އޮންލައިން