ރާއްޖޭގެ ހުރިހައި ސަރަޙައްދެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ޤާއިމުކުރުމުގެ މަސައްކަތް އަންނަ އަހަރާ އެކު ނިމިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި "ރައްޔިތުންނާއެކު ކުރިއަށް" ނަމަކަށް ކިޔާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، ފިޓްނަސްގެ ދާއިރާއަށް ޚާއްސަ ސަމާލުކަމެއް ދީގެން، މުޅި ރާއްޖޭގެ އެންމެ ރަށެއްވެސް ދޫނުކޮށް، ހުރިހައި ރަށެއްގައި މި ސެންޓަރުތައް ޤާއިމުކުރުމަށް ނިންމާފައިވާ ކަމަށެވެ. މިހާރުވެސް އެތައް ރަށެއްގައި ސެންޓަރުތައް ހެދުމުގެ އެއްބަސްވުންތަކުގައި ސޮއިކުރެވިފައިވާ ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ. "ފިޓްނަސްގެ ދާއިރާއަށްވެސް ސަމާލުކަންދީގެން މުޅި ރާއްޖޭގެ ހުރިހައި ރަށެއްގައި އެންމެ ރަށެއްވެސް ދޫނުކޮށް، ހުރިހައި ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުމަށްޓަކައި ނިންމައި މިހާރު އެތައް ރަށެއްގައި ވަނީ ސޮއިކުރެވިފަ. އަންނަ އަހަރާ އެއްކޮށް ހުރިހައި ރަށެއްގައި ސެންޓަރުތައް ހަދާނަން."
ރާއްޖޭގެ އާބާދީއަކީ ހަށިހެޔޮ ދުޅަހެޔޮ އާބާދީއަކަށް ހެދުމުގެ އަމާޒުގައި މި ސެންޓަރުތައް ޤާއިމުކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މި ވަޢުދާ އެއްގޮތަށް، މި ސެންޓަރުތައް ބިނާކުރުމުގެ މަސައްކަތް މިހާރު ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޢަމަލީ ގޮތުން ފަށާފައެވެ.
މި ސެންޓަރުތައް ފަރުމާކޮށްފައިވަނީ އިންޑޯ ކުޅިވަރުތަކާއި، އެކިކަހަލަ އިންޑޯ ގޭމް ކުޅެވޭނެ ގޮތަށެވެ. މީގެ އިތުރުން، މިތަންތަނުގައި އެރޮބިކްސް ސްޓޫޑިއޯތަކާއި، ހެލްތު ބެލެހެއްޓުމަށް ޚާއްސަ އިންޑޯ ޖިމްތައްވެސް ހިމެނޭނެއެވެ. މި މަޝްރޫޢަކީ ރައްޔިތުންގެ ދުޅަހެޔޮކަން އިތުރުކޮށް، ފިޓްނަސްގެ ޚިދުމަތްތައް މުޅި ރާއްޖެއަށް ފުޅާކުރުމަށް ސަރުކާރުން ދޭ ސަމާލުކަން ބޮޑުކަން ހާމަކޮށްދޭ މަޝްރޫޢެކެވެ.