ފޮރިން އިންވެސްޓްމެންޓް ޤާނޫނަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ލިބެމުންދާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ، މި ބަދަލުތަކުގެ ސަބަބުން ޤައުމީ އިޤްތިޞާދު ކުރިއެރުވުމަށް މަގުފަހިވާނެކަމަށް ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ފާހަގަކުރެއްވުމުގެ އިތުރުން، އިޤްތިޞާދު އިތުރަށް ކުރިއެރުވުމަށް އެސްއީޒެޑް (ސްޕެޝަލް އިކޮނޮމިކް ޒޯން) ޤާނޫނުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތްތަކަށް އަލިއަޅުވާލެއްވިއެވެ. ރައީސް މުޢިއްޒު ވިދާޅުވީ، އެސްއީޒެޑް ޤާނޫނުގެ ތެރެއިން ކުރަމުންދާ މަސައްކަތުގެ ނަތީޖާއަކަށްވެގެންދާނީ ޤައުމުގެ އިޤްތިޞާދު އެތައް ގުނައަކުން ކުރިއެރުންކަމަށާއި، އަދި އެކަމުގެ ސަބަބުން އިގްތިޞާދު ސިންދަފާތުވެގެންދާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އެސްއީޒެޑްގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ މިސާލުތައް ދެއްވާފައެވެ. އެގޮތުން ނ.އަތޮޅުގެ ޓައުންޝިޕް ޕްރޮޖެކްޓަކަށް އެސްއީޒެޑް ޤާނޫނުގެ ތެރެއިން ފުރުސަތު ދީފައިވާކަން ފާހަގަކުރައްވައި ވިދާޅުވިއެވެ: "ނ.އަތޮޅުގެ ޓައުންޝިޕް ޕްރޮޖެކްޓަކަށް އެސްއީޒެޑް ޤާނޫނުގެ ތެރެއިން ފުރުސަތު ދީފައި އެވަނީ. މިހެން ގޮސް އެކި ދިމާލުން ޕްރޮޖެކްޓް ގެނެސް އިންވެސްޓް ކުރުން ވެގެންދާނީ އިޤްތިޞާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭ. ޑައިވާސިފިކޭޝަން ލިބޭ ވަރަށް މުހިންމު މަސައްކަތްތަކެއް."
ފޮރިން އިންވެސްޓްމެންޓް ޤާނޫނަށް ގެނެވުނު ބަދަލުތަކުގެ ސަބަބުން ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ބޮޑުވެފައިވާކަމުގެ ހެއްކެއްގެ ގޮތުގައި ރައީސް ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ކުންފުންޏެއް ކަމަށްވާ ގޫގުލްއިން ރާއްޖޭގައި ސަބްމެރިން ކޭބަލް ސްޓޭޝަނެއް ޤާއިމްކުރަން އިންވެސްޓްކުރަން ނިންމާފައިވާކަން ފާހަގަކުރައްވާފައެވެ. މިފަދަ ބޮޑެތި ބްރޭންޑްތަކުން ރާއްޖޭގައި އިންވެސްޓްކުރުމަށް ނިންމުމަކީ ޤާނޫނީ އަދި އިޤްތިޞާދީ މާހައުލަށް އައިސްފައިވާ ހެޔޮ ބަދަލުތަކުގެ ނަތީޖާކަމަށް ރައީސް ވިދާޅުވިއެވެ.