ދައުލަތުގެ ދަރަނި ދެއްކުމަށްޓަކައި ޤާއިމުކޮށްފައިވާ ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) މިހާރު ވަނީ 126 މިލިޔަން ޑޮލަރަށް އިތުރުވެފައި ވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ސަރުކާރަށް ދެ އަހަރު ފުރުމާއި ގުޅިގެން ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުޢިއްޒު ވަނީ މާލީ ހާލަތު ރަނގަޅުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާ ފާހަގަކުރައްވާފައެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ފުޅާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ނަތީޖާވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ދައުލަތުން ބޮޑެތި ލޯނު ދައްކަން ޖެހޭއިރު ދަރަނި ދެއްކުމަށް ހަދާފައިވާ ސޮވެރިން ޑިވެލޮޕްމެންޓު ފަންޑުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ހުރީ އެންމެ 2 މިލިޔަން ޑޮލަރާއި 2.7 މިލިޔަން ރުފިޔާ ކަމަށެވެ. ނަމަވެސް، މި ސަރުކާރުގެ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން މިއަހަރު މިހާތަނަށް އައިއިރު އެ ފަންޑުގައި 126 މިލިޔަން ޑޮލަރު އެބަހުރިކަން ރައީސް ފާހަގަކުރެއްވިއެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ކުރީ ސަރުކާރުގެ ދަރަނި ނެގުމުގެ ސިޔާސަތަށް ވަނީ ފާޑުވިދާޅުވެފައެވެ. ރައީސް މުޢިއްޒު ވިދާޅުވީ، ކުރީ ސަރުކާރުން ބޮޑެތި ދަރަނިތައް ނަގާފައި ހުރީ ޤައުމަށް ގެއްލުންވާ ގޮތަށް ކަމަށާއި، ބޮޑު އިންޓްރެސްޓުގައި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭހެން ބައެއް ތަންތަން މޯގޭޖްކޮށް ދަރަނި ނަގާފައިވާކަމަށެވެ. ރައީސް ވިދާޅުވީ، އެއީ ޑިފޯލްޓްވެއްޖެނަމަ އަޅުގަނޑުމެންގެ އެއްޗެއްސެއް ނޫން ކަމަށާއި، ޤައުމު އޮތީ އެހާ ނުރައްކާތެރި ހާލަތަކަށް ވައްޓާލާފައި ކަމަށެވެ.
މާލީ ގޮތުން ގޮންޖެހުންތައް ހުރި ނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ ބަޖެޓު މެނޭޖްކުރަމުން ދަނީ ބޭނުންވާ މަޤްޞަދު ހާސިލްކުރަމުން ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވިއެވެ: "ބޮޑު އިންޓްރެސްޓުގައި ދަރުމަވަންތަ ހޮސްޕިޓަލް ހިމެނޭހެން ބައެއް ތަންތަން މޯގޭޖްކޮށް ދަރަނި ނަގާފައިވޭ. އަޅުގަނޑުމެންގެ އެއްޗެއްސެއް ނޫން އެއީކީ ޑިފޯލްޓްވެއްޖެއިއްޔާ. އެހާ ނުރައްކާތެރި ހާލަތަކަށް ޤައުމު ވައްޓާލާފައި އޮތީ. އެހެން ނަމަވެސް ބަޖެޓު މެނޭޖް ކުރަމުން މިދަނީ ބޭނުންވާ މަޤްޞަދު ހާސިލްކުރަމުން. ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެސްދޭނަން."