އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ބަލަނީ

މާލެއިން އަންހެނަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ ސީރިއަސް މައްސަލައެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަން ފަށައިފިއެވެ. މި މައްސަލަ ފެންމަތިވެފައިވަނީ މިމަހުގެ 16 ވަނަ ދުވަހު، މަގުމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނެއްގެ ފަރާތުންނެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވި ގޮތުގައި، އެދުވަހުގެ ހަވީރުގެ ވަގުތެއްގައި މާލެ މަގެއްމަތިން ފުލުހުންގެ އެހީތެރިކަމަށް އެދުނު އަންހެނަކު ވަނީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް ގެންގޮސްދީފައެވެ. އޭނާއަށް ފަރުވާ ދިނުމަށްފަހު، ޖިންސީ އަނިޔާ ލިބިފައިވާކަމަށް ތުހުމަތު ކުރެވޭތީ، ހަމަ އެދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންނަށް މައުލޫމާތު ދީފައިވެއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި، އަނިޔާ ލިބިފައިވަނީ 24 އަހަރުގެ ދިވެހި އަންހެނަކަށެވެ. މި މައްސަލައާ ގުޅިގެން ތުހުމަތުކުރެވޭ ފަރާތެއް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ.

ފުލުހުން ވިދާޅުވީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އަނިޔާ ލިބުނު ފަރާތަށް ބޭނުންވާ ޞިއްހީ ފަރުވާއާއި، ސައިކޯސޯޝަލް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ އިތުރަށް ހާމަކުރައްވާފައެވެ. މި މައްސަލަ ތަހުގީގު ކުރިއަށްދާ ގޮތުގެ މައުލޫމާތު ފަހުން ހާމަކުރާނެ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މިއަދު އޮންލައިން