ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ، ޢަބްދުﷲ ނާޞިރުގެ ލޮބުވެތި މަންމާފުޅު އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އެމަނިކުފާނުގެ ޢާއިލާއަށް ތަޢުޒިޔާ ވިދާޅުވެއްޖެއެވެ. މިނިސްޓަރުގެ މަންމާފުޅު އަވަހާރަވީ ޢުމުރުފުޅުން 83 އަހަރުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގެ ޒަރީޢާއިންނެވެ. އެމަނިކުފާނު ވިދާޅުވީ މިނިސްޓަރ އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، ޢަބްދުﷲ ނާޞިރުގެ ލޮބުވެތި މަންމާފުޅު ޝަރީފާ މުޙައްމަދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާއިއެކުގައި ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ވަނީ މި ހިތާމަވެރި ދަނޑިވަޅުގައި މިނިސްޓަރ ނާޞިރާއި އެމަނިކުފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދިވަޑައިގެން ދުޢާ ކުރައްވާފައެވެ. އަދި މަރުޙޫމާ ޝަރީފާ މުޙައްމަދުއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދިވަޑައިގެންވެސް ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.