ދިވެހި ޤައުމަށްޓަކައި ކޮށްދދެވޭނެ އެންމެ އަގުހުރި ޚިދުމަތަކީ އިސްލާމީ ސަޤާފަތާ އެއްގޮތަށް ހެދިބޮޑުވަމުން އަންނަ ޖީލަށް ހެޔޮ ނަމޫނާ ދެއްކުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ސޯޝަލް މީޑިއާގައި ޙިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އަޅުގަނޑުމެންނަކީ ސައްތައިން ސައްތަ މުސްލިމު ޤައުމެއްކަމުން އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭގައި އަޅުގަނޑުމެންގެ އަމަލުތައް ބެހެއްޓުމަކީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އުފަލާއެކު ކުރަންވާނެކަމެއް ކަމަށެވެ. އަދި މުސްލިމުންގެ ސަޤާފަތާއި ޚިލާފު ކަންކަމާ ދުރުހެލިވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިގޮތުން، ޚާއްސަކޮށް ފިލްމާއި މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަރާތްތަކަށް ރައީސް ވަނީ ވަކިވަކިން ގޮވާލައްވާފައެވެ. ރައީސް ވިދާޅުވީ، "ފިލްމާއި މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގެ ބޭފުޅުންގެ އަރިހުން ވެސް އަޅުގަނޑު އެދެނީ އިސްލާމްދީނުގެ ޙުދޫދުން ބޭރުވާ ގޮތައް ކަންކަން ނުކުރެއްވުމަށް."
އެމަނިކުފާނު ވަނީ ޤައުމަށްޓަކައި ކުރެވޭ އެންމެ އަގުހުރި ޚިދުމަތުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވީ، ހެދިބޮޑުވަމުން އަންނަ ޖީލަށް އިސްލާމީ ސަޤާފަތާއެއްގޮތައް ހެޔޮ ނަމޫނާ ދައްކާ ބަޔަކަށް އަޅުގަނޑުމެން ވުމަކީ، މި ޤައުމަށްޓަކައި އަޅުގަނޑުމެންނަށް ކޮށްދެވޭނެ އެންމެ އަގުހުރި ޚިދުމަތް ކަމަށެވެ. މިކަމުގެ ސަބަބުން ދިވެހި މުޖުތަމަޢުގެ ދީނީ އަދި ސަޤާފީ އަސާސްތައް ދެމެހެއްޓުމަށް ވަރަށް ބޮޑު އެހީއަކަށް ވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.