ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
މި ބައްދަލުވުން އޮންނާނީ 2025 ނޮވެމްބަރު 23 ވާ އާދީއްތަ ދުވަހުގެރޭ 20:30 ގައި ވިލިމާލޭ މުޙްޔިއްދީން ސްކޫލްގައެވެ.
ތަރުޖަމާނު ހީނާ ވަލީދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ވިދާޅުވީ، ރައީސް މުޢިއްޒު ވަނީ ރައްޔިތުންނާ ގާތުން ބައްދަލުކުރައްވައި އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯއްދެވުމަށް، މާލެ ސަރަޙައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް އިޢުލާނުކުރައްވާފައި ކަމަށެވެ. މި އިޢުލާނާ އެއްގޮތްވާ ގޮތުގެމަތީން، ވިލިމާލޭގައި ދިރިއުޅުއްވާ ރައްޔިތުންނާ ބައްދަލުކޮށްލެއްވުމަށް މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
މި ބައްދަލުވުމުގެ މަޤްސަދަކީ ރައްޔިތުންގެ ކަންބޮޑުވުންތަކާއި، ހިޔާލުތައް ސީދާ ރައީސާ ހިއްސާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. ވިލިމާލޭގައި ދިރިއުޅުއްވާ ހުރިހާ ރައްޔިތުންނަށް މި ބައްދަލުވުމުގެ ދަޢުވަތު އަރުވާފައިވާ ކަމަށް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.
ރައީސްގެ މިފަދަ ބައްދަލުވުންތަކަކީ ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް ކުރައްވާ މުހިންމު މަސައްކަތެކެވެ.