ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކުރިއަށް އޮތް 5 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް!

ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފިއެވެ.

މާދަމާއިން ފެށިގެން މި ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރެވޭތީ، ހުރިހާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މޫސުން ގޯސްވާނެ ކަމަށް ލަފާކުރައްވާފައިވަނީ ރާއްޖޭގެ ހުޅަނގު ދެކުނުގެ ދެ ސަރަހައްދެއްގައި ދެ ކޮޅިގަނޑެއް އުފެދިފައިވާތީ ކަމަށެވެ. މި ކޮޅިގަނޑުތަކުގެ ސަބަބުން ރާއްޖެ ސަރަޙައްދުގައި ބޯ ވިއްސާރަ ވިލާ އުފެދުމުގެ ފުރުޞަތު ބޮޑުވާނެ ކަމަށް މެޓް އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

މި ލަފާކުރައްވާފައިވާ މުއްދަތުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވެއެވެ. އަދި އެ މުއްދަތުގައި ބައެއް ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހިގެންދާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި ދުވަސްތަކުގައި ކަނޑުތައް ގަދަވާނެ ކަމަށް ވެސް ބެލެވޭ ކަމަށެވެ.

މިފަދަ މޫސުމެއްގައި ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި، ވިއްސާރައިގެ ސަބަބުން ގެއްލުން ލިބިދާނެފަދަ ތަންތަނުގައި ދިރިއުޅޭ ފަރާތްތަކުން އިތުރަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ކަނޑުދަތުރުފަތުރުގެ ހަރަކާތްތައް ރޭވުމުގައި މޫސުމަށް ސަމާލުކަން ދިނުމަށް އިދާރާއިން އިރުޝާދު ދެއްވައެވެ.

މިއަދު އޮންލައިން