ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓު ޙާއްސަ ކުރެވިގެންދާނީ އެރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިރޭ ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. މި މަޝްރޫޢަކީ ރައީސްގެ ރިޔާސީ ވައުދުތަކުގެ ތެރެއިން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ވެވަޑައިގެންނެވި ވައުދެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށްޓަކައި 300 ހައުސިން ޔުނިޓުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ހަމަޖެހިފައި ކަމަށާއި، ފައިސާގެ އެއްވެސް ދަތިކަމެއް މި މަސައްކަތުގައި ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ، "ވިލިމާލޭގައި އަޅާ 300 ހައުސިން ޔުނިޓު ޙާއްސަ ކުރެވިގެންދާނީ ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް. މިމަޝްރޫޢު މިއަހަރުގެ ތެރޭގައި ކޮންޓްރެކްޓަކާއި ހަވާލުކުރެވި މަސައްކަތް ފެށިގެންދާނެ. މިމަސައްކަތަށް ބޭނުންވާ ފައިސާ ވަނީ ހަމަޖެހިފައި، ފައިސާގެ އެއްވެސް ދަތިކަމެއް މިމަސައްކަތުގައި ނެތް." މި މަޝްރޫޢުގައި ހިމެނެނީ 3 ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ 300 ހައުސިން ޔުނިޓުގެ މަޝްރޫޢެއް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ މުޅި ރާއްޖޭގައި ޒުވާނުންނަށް ކުޅިވަރުގެ ވަސީލަތްތައް ގާއިމުކޮށްދެއްވުމަކީ ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއްކަމަށެވެ. އަދި ވިލިމާލޭގައި ބޮޑު އާބާދީއެއް ދިރިއުޅޭއިރު ކުޅިވަރު ކުޅެވޭނެ ވަސީލަތްތައް ބިނާވެފައި ހުންނަން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
"މި ފެށޭ އަހަރުގެ ތެރޭގައި ހިންގޭނެ އެންމެ މުހިންމު އެންމެ ބޮޑު މަޝްރޫއަކަށްވާނީ ސްޕޯޓްސް ކޮމްޕްލެކްސްއެއް ގާއިމުކުރުން، އެއީ ބާރަސަތޭކަ މީހުންގެ ޖާގައިގެ ސީޓިން ކެޕޭސިޓީ ހިމެނޭގޮތަށް އިންޑޯ ކުޅިވަރުތައް ކުޅެވޭގޮތަށް ތަރައްޤީ ކުރެވޭނެ މަރުކަޒެއް" ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވިލިމާލޭގައި މިހާރު އޮތް ފުޓްބޯޅަ ދަނޑު އަޕްގްރޭޑްކުރުމާއެކު ފީފާ ފެންވަރުގެ ސްޓޭޑިއަމަކަށް މިހާރު އޮތް ދަނޑު ބަދަކުުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްދެއްވާނެކަމަށެވެ.
"ފުޓްބޯޅަ ދަނޑު ފީފާ ސްޓޭންޑަޑް ދަނޑަކަމަށް ހެދުންވެސް ހަމަ އޮތީ ކުރިޔަށް މިކަހަލަ ގިނަ ކަންތަތައްތަކެ އެބަހުރި ބަޖެޖުގައި އަޅުގަނޑުމެން ހިމަނާފަ ކުޅިވަރުގެ ދާއިރާއިންވެސް ވަރަށް ގިނަކަންކަން" ރައީސް ވިދާޅުވިއެވެ.