ތިލަމާލެ ބްރިޖު ވިލިމާލެއަށް ނިމޭ ސަރަހައްދުގައި ބޮޑު ޕާކިން ބްލޮކެއް ނުވަތަ އިމާރާތެއް އަޅުއްވާނެކަމަށް ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރެއްވީ ވިލިމާލޭ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ޕާކިން ބްލޮކް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދާނީ އިންޑިއާ ސަރުކާރުގެ އެލްއޯސީ (ލައިން އޮފް ކްރެޑިޓް) ގެ ދަށުން ހުށަހަޅައިގެން ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ބްރިޖުގެ މަސައްކަތް ނިމިގެން ވިލިމާލެއަށް އަންނާނެ ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެކެވެ.
މި ޕާކިން ބްލޮކްގެ ސަބަބުން މިހާރު އެތަނުގައި ޕާކުކުރެވޭ އަދަދަށްވުރެ މާ ބޮޑު އަދަދެއްގެ އުޅަނދު ޕާކުކުރުމުގެ ފުރުސަތު ލިބޭނެކަމަށް ޑރ. މުއްޠަލިބު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، "އިންޑިއާ ސަރުކާރުގެ އެލްއޯސީގެ ތެރެއިން އަޅުގަނޑުމެން ހުށަހަޅާނަން އެތަނުގައި ޕާކިން ބްލިންޑިންއެއް އެޅުމަށް. އޭރުން މިހާރު އެތަނުގައި ބެހެއްޓޭ ކާރާއި ސައިކަލަށްވުރެ މާ ބޮޑު އަދަދެއްގެ އުޅަނދު އެތަނުގައި ޕާކްކޮށްފައި ބެހެއްޓުމުގެ ފުރުސަތު ފަހިވެގެންދާނެ. އެހެންމަ އަޅުގަނޑުމެން މި ބްރިޖްތައް ތަރައްޤީކުރާނީ މިރަށުގެ ރައްޔިތުން ބޭނުންވާގޮތަށް."
ޑރ. މުއްޠަލިބު ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަޝްރޫޢުގެ ދުވެލި އަވަސްކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށެވެ. އަދި ވިލިމާލެއަށް ބްރިޖު ނިމިގެން އަންނަ ޓްރެފިކް ބަދަލުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވަޒީރު ހާމަކުރެއްވީ، ވިލިމާލެ ތެރޭގައި އިންޖީނުލީ އުޅަނދު ދުއްވުމަށް ހިތްވަރުދިނުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށެވެ.
ވަޒީރު ވިދާޅުވީ މާލެ، ހުޅުމާލެ، ގުޅީފަޅު އަދި ތިލަފުށިން އަންނަ އުޅަނދުތައް ވިލިމާލެ ތެރެއަށް ވަނުމުގެ ފުރުސަތު ނުދިނުމަށް ސަރުކާރުން ނިންމާފައިވާކަމަށެވެ. އޭގެ ބަދަލުގައި، އުޅަނދުތައް ބްރިޖު ނިމޭ ސަރަހައްދުގައި ޕާކުކޮށް، ރަށު ތެރެއަށް ދަތުރުކުރުމަށްޓަކައި ޢާންމު ދަތުރުފަތުރުގެ ނިޒާމު (ޕަބްލިކް ޓްރާންސްޕޯޓް) ބޭނުންކުރުމަށް އިންތިޒާމު ހަމަޖައްސާނެއެވެ.
"ސަރުކާރުގެ އެއްވެސް ވިސްނުމެއް ނެތް މާލެއިން، ހުޅުމާލެއިން، އަދި ގުޅީފަޅުން އަދި ތިލަފުށިން އަންނަ ވެހިކަލްތައްވެސް ވިލިމާލެ ތެރެއަށް ވަދެގެން ދަތުރުކުރުމުގެ ފުރުސަތު ފަހިކުރުމެއް. އޭގެ ބަދަލުގައި އެއް އޮތް ސަރަހައްދުގައި ޕާކް ކޮށްފައި، ޕަބްލިކް ޓްރާންސްޕޯޓު ބޭނުންކޮށްގެން ރަށު ތެރެއަށް ވަދެވޭނެ ގޮތަށް އިންތިޒާމުތައް ހެދުމަށް ސަރުކާރުގެ ވިސްނުން ހުރީ،" ޑރ. މުއްޠަލިބު ވިދާޅުވިއެވެ.
މިއީ ވިލިމާލޭގެ މަދަނީ ވެށި ހިމާޔަތްކުރުމަށް ސަރުކާރުން އިސްކަންދޭކަން ހާމަކުރާ ކަމެކެވެ.