މި ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ތެރޭގައި، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ފަސް އައިސްޕްލާންޓެއްގެ މަސައްކަތް ފަށައި، އޮޕަރޭޝަނަށް ގެނެސްފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މި ފަސް އައިސްޕްލާންޓުގެ ޖުމްލަ ސްޓޯރޭޖް ކެޕޭސިޓީ 280 ޓަނަށް އަރާއިރު، ދުވާލަކު 165 ޓަނުގެ އައިސް އުފެއްދުމުގެ ޤާބިލުކަން ލިބިފައިވެއެވެ. މި މަސައްކަތަކީ މަސްވެރިންނަށް ދިމާވާ އެންމެ ބޮޑު އެއް ދަތިކަމަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކުރިއަށް ގެންދިޔަ މަސައްކަތެކެވެ.
އޮޕަރޭޝަނަށް ގެނެސްފައިވާ އައިސްޕްލާންޓުތައް ހިމެނެނީ ގއ. ގެމަނަފުށި، ގއ. ދެއްވަދޫ، ށ. ފުނަދޫ، ދ. މީދޫ އަދި ދ. ބަނޑިދޫގައެވެ. މި ތަންތަން ޤާއިމްކޮށްފައިވަނީ މަސްވެރިކަން ބޮޑު ސަރަހައްދުތަކަށް އަމާޒުކޮށް، މަސްވެރިންނަށް ބޭނުންވާ އައިސް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށެވެ.
މި ޕްލާންޓުތަކުގެ ތަފްސީލަށް ބަލާއިރު، ގއ. ގެމަނަފުށީގައި ޤާއިމްކުރި ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ އައިސް އުފައްދާ، 100 ޓަނުގެ އައިސް ރައްކާކުރެވޭ އެންމެ ބޮޑު ޕްލާންޓެވެ. މީގެ އިތުރުން ށ. ފުނަދޫ، ދ. މީދޫ އަދި ދ. ބަނޑިދޫގައި ޤާއިމްކުރި ޕްލާންޓުތަކަކީ ދުވާލަކު 30 ޓަނުގެ އައިސް އުފައްދާ، 50 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ ހުންނަ ޕްލާންޓުތަކެވެ. އަދި ގއ. ދެއްވަދޫގައި ޤާއިމްކުރި ޕްލާންޓަކީ ދުވާލަކު 25 ޓަނުގެ އައިސް އުފައްދާ، 30 ޓަނުގެ ސްޓޯރޭޖް ކެޕޭސިޓީ ހުންނަ ޕްލާންޓެކެވެ.
މަސްވެރިންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އައިސް ހޯދުމަށް ދިގު ދަތުރުތައް ކުރަން ޖެހުމެވެ. މި ފަސް އައިސްޕްލާންޓު އޮޕަރޭޝަނަށް ގެނެސްފައިވުމުގެ ސަބަބުން، މި ސަރަހައްދުތަކުގެ މަސްވެރިންނަށް އައިސް ހޯދުމަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ލުއިފަސޭހައެއް ލިބި، މަސްވެރިކަމުގެ މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެއެވެ.
މި މަސައްކަތްތަކަށް އިތުރު ކުރިއެރުން ދިނުމުގެ ގޮތުން، އިތުރު އައިސްޕްލާންޓުތަކުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވީ، މިހާރުވެސް 6 އައިސްޕްލާންޓެއްގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށާއި، އަދި އިތުރު 8 އައިސްޕްލާންޓު އިމާރާތްކުރުމަށް ނިންމާފައިވާ ކަމަށެވެ.
މި މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާވެ، މަސްވެރިންގެ އާމްދަނީ ރަނގަޅުވުމަށް މަގުފަހިވެގެންދާނެއެވެ.