ޤައުމީ އެއަރލައިން މޯލްޑިވިއަނުން އިންޑިއާގެ ދެ ސިޓީ ކަމަށްވާ ޓްރިވެންޑްރަމް (ތިރުވަނަންތަޕޫރަމް) އަދި ކޮޗިންއަށް ކުރާ ދަތުރުތައް އިތުރުކޮށް، ހަފްތާއަކު 5 ދަތުރު ކުރުމަށް ނިންމައިފިއެވެ. މި ނިންމުމާއެކު، ދެ މަންޒިލަށް ވެސް ދަތުރުތަކުގެ ޢަދަދު އިތުރުވެ، ދަތުރުފަތުރުގެ ފަސޭހަތައް ބޮޑުވެގެންދާނެއެވެ.
މޯލްޑިވިއަނުން ހާމަކުރި ގޮތުގައި، ޑިސެމްބަރު 19 ވަނަ ދުވަހުން ފެށިގެން މި ދެ މަންޒިލަށް ކުރަމުން އައި ދަތުރުތައް ކޮންމެ މަންޒިލަކަށް ހަފްތާއަކު 5 ދަތުރަށް އިތުރުކުރެވޭނެއެވެ. މިހާރު މި މަންޒިލްތަކަށް ކުރަމުން އަންނަނީ ކޮންމެ މަންޒިލަކަށް ހަފްތާއަކު 4 ދަތުރެވެ. މި އިތުރުކުރުމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިވެ، ވިޔަފާރީގެ ގޮތުންނާއި ފަރުދީ ދަތުރުތަކަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ.
މި އިތުރުކުރެވޭ ދަތުރުތަކަށް ޓިކެޓް ބުކް ކުރުމުގެ ފުރުޞަތު މިހާރު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. ދަތުރުކުރަން ބޭނުންވާ ފަރާތްތަކަށް މޯލްޑިވިއަންގެ ވެބްސައިޓް ނުވަތަ އެޖެންޓުން މެދުވެރިކޮށް ޓިކެޓް ހޯދުމުގެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ.
ޤައުމީ އެއަރލައިން މޯލްޑިވިއަނުން މިވަގުތު ބައިނަލްއަޤްވާމީ ދަތުރުތައް ކުރަމުން އަންނަނީ ޖުމްލަ 2 ޤައުމެއްގެ 5 މަންޒިލަކަށެވެ. އެއީ ޗައިނާގެ 3 ސިޓީއަކަށާއި، އިންޑިއާގެ 2 ސިޓީއަށެވެ. އިންޑިއާގެ ދެ މަންޒިލަށް ދަތުރުތައް އިތުރުކުރުމަކީ އެއަރލައިންގެ ބައިނަލްއަޤްވާމީ ނެޓްވޯކް ފުޅާކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ.