އައިނު ހެދުމަށް އެންސްޕާއިން 47.4 މިލިޔަން ރުފިޔާގެ އެހީ ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
އައިނު ހެދުމަށް އެންސްޕާއިން 47.4 މިލިޔަން ރުފިޔާގެ އެހީ ދީފި

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން އައިނު ހެދުމުގެ ޚިދުމަތް ހޯދުމަށް ޖުމްލަ 47.4 މިލިޔަން ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފައިވާ ކަމަށް އެ އޭޖެންސީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ، ރައްޔިތުންނަށް ލުއިފަސޭހަ ގޮތެއްގައި ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ދެމުންދާ އެހީއެކެވެ.

އެންސްޕާގެ ތަފާސްހިސާބުތަކަށް ބަލާއިރު، އައިނު ހެދުމަށް 17،117 މީހަކަށް އަމިއްލަ ތަންތަނުން ޚިދުމަތް ހޯދުމަށް މާލީ އެހީ ފޯރުކޮށްދީފައިވެއެވެ. މިކަމަށް ޖުމްލަ 32.6 މިލިޔަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. މީގެ އިތުރުން، ސަރުކާރުގެ ހޮސްޕިޓަލުތަކުން އައިނު ހެދުމުގެ ޚިދުމަތް ހޯދި 7،382 މީހަކަށް ޖުމްލަ 14.7 މިލިޔަން ރުފިޔާ ވަނީ ޚަރަދުކުރެވިފައެވެ.

އައިނު ހެދުމުގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އާއި ހުޅުމާލެ ހޮސްޕިޓަލުގައި ވަނީ އައިނު ފިހާރަ ހުޅުވާ، އެ ޚިދުމަތްތައް ދޭން ފަށާފައެވެ. މިއީ، ސަރުކާރުގެ ހޮސްޕިޓަލްތަކުން ވެސް ރައްޔިތުންނަށް ބޭނުންވާ އައިނު ފަސޭހަކަމާއެކު ހޯދޭނެ މަގު ފަހިކޮށްދިނުމަށް އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ، މިއަހަރުގެ ޖޫން މަހުން ފެށިގެން އައިނު ހައްދަން ދޭ އެހީގެ މިންވަރު 2000 ރުފިޔާއަށް ބޮޑުކުރައްވާފައެވެ. މި ބަދަލާއެކު، އައިނު ހެދުމަށް އެހީ ހޯދާ ފަރާތްތަކަށް ލިބޭ މާލީ އެހީގެ މިންވަރު އިތުރުވެ، ޚިދުމަތް ހޯދުމަށް އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން