މަތީ ތަޢުލީމަށް ވޭތުވެދިޔަ 2 އަހަރު 1.9 ބިލިޔަން ރުފިޔާ ޚަރަދުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
މަތީ ތަޢުލީމަށް ވޭތުވެދިޔަ 2 އަހަރު 1.9 ބިލިޔަން ރުފިޔާ ޚަރަދުކޮށްފި

ވޭތުވެދިޔަ ދެ އަހަރު ދައުލަތުން މަތީ ތަޢުލީމުގެ ދާއިރާއަށް 1.9 ބިލިޔަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

މި ޚަރަދުކުރެވިފައިވަނީ ސްކޮލަރޝިޕްތަކާއި، ކިޔެވުމުގެ ލޯނުތަކާއި އަދި ފުރަތަމަ ޑިގްރީ ސްކީމް ފަދަ ތަފާތު ސްކީމްތަކުގެ ދަށުން ދަރިވަރުންނަށް ފުރުޞަތު ފަހިކޮށްދިނުމަށެވެ.

ދައުލަތުގެ މީޑީއާއަށް މަޢުލޫމާތު ދެއްވަމުން ވަޒީރު ޙައިދަރު ވިދާޅުވީ، އެކި ޤައުމުތަކާ އެކު އޮންނަ ގާތް ގުޅުމުގެ ދަށުން ސްކޮލަރޝިޕްތައް ހޯދުމަށް ވޭތުވެދިޔަ ދެ އަހަރުވެސް މުހިއްމު މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. ނަމަވެސް ބައެއް ޤައުމުތަކުން ލިބޭ ސްކޮލަޝިޕްތަކަށް ބޭނުންވާ ޢަދަދަށް ދަރިވަރުން ކުރިމަތި ނުލާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ، "ސްކީމްތަކަށް އިޢުލާން ކޮށްގެން ޝަރުތު ހަމަވާ ހުރިހާ ކުދިންނަށް އެފުރުޞަތު ދިނުމަށް މަސައްކަތް ކުރަނީ. އެހެން ޤައުމުތަކުންވެސް ސްކޮލަރޝިޕްތައް ހޯދުމަށް މަސައްކަތް ކުރަން."

މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހިއްސާކުރި މަޢުލޫމާތުތަކަށް ބަލާއިރު، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި 699 ސްކޮލަރޝިޕް ދޫކޮށްފައިވެއެވެ. މީގެ އިތުރުން، 2108 ދަރިވަރުންނަށް ކިޔެވުމަށް ލޯނު ދޫކޮށްފައިވާއިރު، ފުރަތަމަ ޑިގްރީ ސްކީމުން 8445 ދަރިވަރުންނަށް ވަނީ ފުރުޞަތު ދީފައެވެ. މި މުއްދަތުގެ ތެރޭގައި ޖުމްލަ 11252 ދަރިވަރުންނަށް މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދަޢުލަތުގެ ބަޖެޓުގައި، ސްކޮލަރޝިޕް އަދި ފްރީ ޑިގްރީގެ ޚަރަދުގެ ގޮތުގައި 619.9 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ، މިއަހަރަށް ކަނޑައެޅި ޢަދަދަށްވުރެ %29.4 އިތުރުވުމެކެވެ. މީގެން ދައްކުވައިދެނީ މަތީ ތަޢުލީމުގެ ދާއިރާ އިތުރަށް ފުޅާކުރުމަށް ސަރުކާރުން ދެމުންގެންދާ އިސްކަމެވެ.

މިއަދު އޮންލައިން