އަންނަ އަހަރުގެ 64.2 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
އަންނަ އަހަރުގެ 64.2 ބިލިއަން ރުފިޔާގެ ބަޖެޓް ފާސްކޮށްފި

އަންނަ އަހަރަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގޮތަށް، ޖުމްލަ 64.2 ބިލިއަން ރުފިޔާގެ ބަޖެޓް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މި ބަޖެޓަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ފާސްކުރެވުނު އެންމެ ބޮޑު ބަޖެޓެވެ.

މަޖިލީހުގެ ތަޅުމުގައި މިއަދު ނެގުނު ވޯޓުގައި ބަޖެޓު ފާސްކުރެވުނީ 74 މެމްބަރުންގެ ވޯޓާއި އެކު ބޮޑު އަޣުލަބިއްޔަތަކުންނެވެ. ބަޖެޓާއި ދެކޮޅަށް ވޯޓު ދެއްވީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންނެވެ. ބަޖެޓަށް މާބޮޑު ބަދަލެއް ގެނެސްފައި ނުވީ ނަމަވެސް، ބައެއް ދާއިރާގެ ހަރަދުތައް ހަމަޖައްސާފައި ވެއެވެ. އެގޮތުން މަޖިލީހުގެ ބަޖެޓަށް 3.5 މިލިއަން ރުފިޔާ ވަނީ އިތުރުކޮށްފަ އެވެ.

އަންނަ އަހަރަށް ހުށަހެޅިފައިވާ ބަޖެޓުގެ ތެރެއިން 39.9 ބިލިއަން ރުފިޔާ ނުވަތަ ބަޖެޓުގެ 62 ޕަސެންޓް ވަނީ ރިކަރަންޓް ހަރަދަށް އެކަށައަޅާފައެވެ. މީގެ ތެރޭގައި ދައުލަތުގެ ގިނަ އަދަދެއްގެ މުވައްޒަފުންގެ މުސާރަތައް ބޮޑުކޮށް ހާމަނައިޒްކުރުމަށް ހިމެނެއެވެ. ފިނޭންސް މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ބަޖެޓު އަމާޒުކުރެވިފައި ވަނީ ތަޢުލީމާއި، ސިއްހަތާއި، ބޯހިޔާވަހިކަމާއި، ވަޒީފާ އަދި ދިރިއުޅުމުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް ގެނުވާނެ ދާއިރާތަކަށްކަމަށެވެ.

މި ބަޖެޓު ފަރުމާކުރުމުގައި މައިގަނޑު އަމާޒަކަށް ވެފައި ވަނީ ދިވެހިންގެ އެތައް ޖީލުތަކެއްގެ ބޮލުގައި އެޅިފައިވާ ދަރަންޏަށް ލުއިކަން ގެނެސް، މާލީ ހަރުދަނާކަން އިތުރުކުރުމެވެ. މީގެ އިތުރުން، އަންނަން އޮތް އެތައް އަހަރުތަކަކަށް ގައުމު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރުވާނެ އިގްތިސާދީ އިންޖީނުތަކަށްވެސް މި ބަޖެޓުގައި އިންވެސްޓްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދިވެހިންނަށް ހަގީގީ މާނާގައި ތަރައްގީ ގެންނާނެ ގޮތަށް ވިސްނައިގެން ފަރުމާކުރެވިފައިވާ ބަޖެޓެކެވެ.

ބަޖެޓާ ގުޅޭ ގޮތުން ހާމަކުރި އާމްދަނީގެ އަންދާޒާތަކަށް ބަލާއިރު، 2026 ވަނަ އަހަރަށް ޓެކުހުގެ ގޮތުގައި 31.3 ބިލިއަން ރުފިޔާ، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 8.7 ބިލިއަން ރުފިޔާ، އަދި ހިލޭ އެހީގެ ގޮތުގައި 373.6 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކުރެވެއެވެ. ޖުމުލަ ގޮތެއްގައި، 2026 ވަނަ އަހަރުގެ ނިޔަލަށް ދައުލަތަށް 40.3 ބިލިއަން ރުފިޔާގެ އާމްދަނީއާއި ހިލޭ އެހީ ލިބޭނެކަމަށް އަންދާޒާކުރެވެއެވެ. މިއީ 2025 ވަނަ އަހަރަށް މިހާރު އަންދާޒާކުރާ ޖުމުލަ އާމްދަނީއާއި ހިލޭ އެހީއާ އަޅައިބަލާއިރު 6.6 ޕަސެންޓްގެ އިތުރުވުމެކެވެ.

މިއަދު އޮންލައިން