މާލެ ސަރަހައްދަށް އިތުރު ދެ ވަޤްފު މަޝްރޫޢު: ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފު އިމާރާތަކާއި، ޒަކާތުގެ އިންވެސްޓްމެންޓެއް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 22ސ
މާލެ ސަރަހައްދަށް އިތުރު ދެ ވަޤްފު މަޝްރޫޢު: ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފު އިމާރާތަކާއި، ޒަކާތުގެ އިންވެސްޓްމެންޓެއް!

މާލެ ސަރަޙައްދުގައި މިހާރު ރަސްމީކޮށް ފަށާފައިވާ ދާރުއްސަލާމް ވަޤްފު މަޝްރޫޢުއާއި ދާރުލްއަރްޤަމް ވަޤްފު މަޝްރޫޢުގެ އިތުރުން، އިތުރު ދެ މަޝްރޫޢުއެއް ފެށުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ވަޒީރުގެ ރަސްމީ އެކްސް އެކައުންޓުގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، މި ދެ މަޝްރޫޢުގެ ތެރޭގައި ހިމެނެނީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވައުދުވެލައްވާފައިވާ ކީރިތި ޤުރުއާނަށް ޚާއްސަ ވަޤްފު އިމާރަތާއި، ޒަކާތުގެ އިންވެސްޓްމެންޓުގެ ދަށުން ޤާއިމްކުރާ ވަޤްފު އިމާރާތެއްކަމަށެވެ. މި ދެ މަޝްރޫޢު ކުރިއަށް އޮތް ޖަނަވަރީ މަހުގެ ތެރޭގައި ފެށުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

އިސްލާމީ ދާއިރާއަށް އިންޤިލާބީ ބަދަލުތަކެއް ގެނުވާނެ ވަޤްފު މަޝްރޫޢުތަކެއް ކުރިއަށް ގެންދިއުމަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމެނިފައިވާކަމަކެވެ. އެގޮތުން މާލޭގައި އިމާރާތްކުރާ ދާރުލްއަރްޤަމް އާއި ހުޅުމާލޭގައި އިމާރާތްކުރާ ދާރުއްސަލާމް ވަޤްފު މަޝްރޫއު ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށް މިހާރު ވަނީ ބިންގާ އަޅާފައެވެ.

މީގެ އިތުރުން، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ގއ. ވިލިނގިލީގައި ވަޤްފު އިމާރާތް ބިނާކުރުމަށް ނިންމާ މި މަޝްރޫޢުތައްވެސް މިހާރު ކުންފުނިތަކާއި ހަވާލުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

މިއަދު އޮންލައިން