ބައިނަލްއަޤުވާމީ ކްރެޑިޓް ރޭޓިންގ އެޖެންސީ މޫޑީޒް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގގެ އައުޓްލުކް، ކުރިން އޮތް "ނެގެޓިވް" އިން "ސްޓޭބަލް" އަށް ބަދަލުކޮށްފިއެވެ. ނަމަވެސް، ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ސީއޭއޭ2 ގައި ދަމަހައްޓާފައި ވެއެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ނަތީޖާ ފެންނަން ފެށިކަން ދައްކުވައިދޭ މުހިންމު ކުރިއެރުމެކެވެ.
ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވާ ގޮތުގައި، މޫޑީޒް އިން މި ބަދަލު ގެނައީ ފާއިތުވި އަހަރުގެ ތެރޭގައި ރާއްޖެއިން ގެންގުޅެފައިވާ ހަރުދަނާ މާލީ ސިޔާސަތުތަކާއި، އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ރަނގަޅުކަމުގެ ހެއްކެއްގެ ގޮތުގައެވެ. އަދި ރާއްޖޭގެ ދަރަނި ދެއްކުމުގެ ޤާބިލުކަން އިތުރުކުރުމަށް ރޭވުންތެރިކަމާއެކު ކުރަމުން އަންނަ މަސައްކަތްތަކުގެ ނަތީޖާވެސް މިކަމުން ފެންނަ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
ފާއިތުވި އަހަރުތަކުގައި އާމްދަނީއާ ނުބައްދަލު މިންވަރަށް ސަރުކާރުގެ ޚަރަދުތައް ބޮޑުވެފައިވާތީ، ޚަރަދުތައް ފައިނޭންސްކުރުމަށް ބޮޑު އަގުގައި ދަރަނި ނަގާފައިވާ މިންވަރު އިތުރުވެ، ސަރުކާރުގެ ފިސްކަލް ހާލަތު ދަށްވިއެވެ. މިކަމުގެ ސަބަބުން، ދައުލަތުގެ ރަސްމީ ރިޒާވް ފަހުގެ ތާރީޚެއްގައި ހީނަރު ނުވާ މިންވަރަށް ހީނަރުވެގެން ދިޔައެވެ. މި ހާލަތުން އަރައިގަތުމަށް، ދެމެހެއްޓެނިވި ގޮތެއްގެ މަތިން މާލީ ކަންކަން ތަރުތީބުކުރުމަށް 2024 ވަނަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައި ތަންފީޒުކުރަން ފަށައިފައެވެ.
ރާއްޖޭގެ އިގުތިސާދުގެ ވިލުންތެރިކަމަށް އަލިއަޅުވާލައި މޫޑީޒްއިން ނެރުނު ބަޔާނުގައި، ރޭޓިންގ އަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން މެކްރޯފިސްކަލް ހާލަތު ރަނގަޅުވުމެވެ. އެގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއަރޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖައާކޮށް، ބޭރު ފައިސާގެ ޤާނޫނާއި ގަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒާވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފައެވެ.
މީގެ އިތުރުން، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި (އެސްޑީއެފް) ބޭރު ފައިސާގެ ކޭޝް ބެލެންސް 15 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، މި ސިޔާސަތުތަކާއެކު 9 ނޮވެންބަރު 2025 ގެ ނިޔަލަށް މި އަދަދު 126 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިވާކަން މޫޑީޒްއިން ފާހަގަކުރިއެވެ. އަދި ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި، ޚަރަދުތައް ކޮންޓްރޯލްކޮށް މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައް ވެސް މޫޑީޒްގެ ނޫސްބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.
މާލީ ސިޔާސަތުތަކަށް ގެނެސްފައިވާ ބަދަލުތަކާއެކުވެސް، ރާއްޖޭގެ އިގުތިސާދީ ދުވެއްޔަށް ނޭދެވޭ އަސަރެއް ކުރުމެއްނެތި ބާރުމިނުގައި އިގުތިސާދު ކުރިއަރަމުންދާކަން ފާހަގަކުރެވެއެވެ. އިގުތިސާދުގެ އެންމެ މުހިންމު ދާއިރާ ކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު، މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ފާއިތުވި އަހަރުގެ މި މުއްދަތާ އަޅާބަލައި 10 އިންސައްތައިން އިތުރުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކައެވެ.