ޗައިނާގެ ސަރުކާރުގެ އެހީގައި ރާއްޖޭގައި ތަރައްޤީކުރާ ކައުންސިލް އިމާރާތްތައް ވާނީ ފެންވަރު ރަނގަޅު އަދި ރާއްޖޭގެ މާހައުލާ ގުޅޭގޮތަށް ފަރުމާކުރެވިފައިވާ އިމާރާތްތަކަކަށް ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރުގެ ނައިބު ޔާމިން ޢަބްދުވައްހާބު ވިދާޅުވީ، ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. އޭނާ ވަނީ މި އިމާރާތްތަކުގެ ފެންވަރަށް ޚާއްސަ ސަމާލުކަމެއް ދެވޭނެ ކަމަށް ވިދާޅުވެފައެވެ.
ޔާމިން ވިދާޅުވިއެވެ. "ޑިޒައިންތަކާ ހަމައަށް ގެންދިުމަށްޓަކައި އިތުރު ބައްދަލުވުންތައް ބޭއްވުމަށް ވަނީ ނިންމާފައި. އަންނަ އަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި މަސައްކަތް ފެށޭނެ. މިހާރު އަޅާ އިމާރަތްތައްކަށްވުރެ ފެންވަރު ރަނގަޅުވާނެކަމަށް. ޗައިނާގެ އެހީގައި ތަރައްޤިކުރާ ކައުންސިލް އިމްރާތްތައްވެސް ރާއްޖެއާ ގުޅޭގޮތަށް ފަރުމާކުރާނީ."
ޗައިނާގެ ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢުގައި ރާއްޖޭގެ ޖުމްލަ 50 ކައުންސިލެއްގެ އިމާރާތް ތަރައްޤީކުރުމަށް ވަނީ ނިންމާފައެވެ. ވުޒާރާއިން ހާމަކުރައްވާފައިވާ ގޮތުގައި މިއީ ޕްރީ-ފެބްރިކޭޓެޑް އުސޫލުން ބިނާކުރެވޭ އިމާރާތްތަކެކެވެ. މި އިމާރާތްތައް ތަރައްޤީކުރުމަށްޓަކައި ޑިޒައިންތައް ފައިނަލްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ.
މި މަޝްރޫޢަކީ ރާއްޖޭގެ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ އިދާރީ މަސައްކަތްތައް ހިންގުމަށް ބޭނުންވާ ޒަމާނީ ފެންވަރުގެ ވަސީލަތްތައް ޤާއިމުކުރުމަށް ލިބޭ މުހިންމު އެހީއެކެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ ކައުންސިލްތަކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، އިދާރީ ދާއިރާތައް ހިންގުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ލަފާކުރެވެއެވެ.