ރައްޔިތުންނާއި ގާތުން ބައްދަލުކުރައްވައި، އެކި ކަންކަމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބާއްވާ ބައްދަލުވުންތަކަށް ކުރިޔާލައި ސުވާލު ފޮނުވަން ޖެހޭކަމަށް ބުނެ ދެކެވޭ ވާހަކަތައް ސަރުކާރުން ކަނޑައެޅިގެން ދޮގުކޮށްފިއެވެ. މިފަދަ ވާހަކަތަކަކީ ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުން ބުނެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވީ، ރައީސް ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގައި އެ ރައްޔިތެއް ކުރާ ސުވާލު ނުވަތަ ހިޔާލު ކުރިޔާލައި ހުށަހަޅަން ޖެހޭކަމަށް ބުނެ ދައްކަމުން ދަނީ ކަނޑައެޅިގެން ހަގީގަތާއި ހިލާފު ދޮގު ވާހަކަތަކެއް ކަމަށެވެ. އެއީ ރައްޔިތުންނަށް އޮތް މިނިވަންކަމަށް ހުރަސްއަޅާނެ ކަމެއް ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.
ހީނާ ވިދާޅުވި ގޮތުގައި މި ބައްދަލުވުންތަކުގެ މައިގަނޑު ބޭނުމަކީ ރައްޔިތުންނާއި ވީހާވެސް ގާތުން ބައްދަލު ކުރައްވައި، ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުފުންތައް އެއްވެސް ހުރަހެއް ނެތި އަޑުއެހުމުގެ ފުރުސަތު ހޯދައިދިނުމެވެ. އަދި މި ބައްދަލުވުންތަކުގައި ބައިވެރިވާ ކޮންމެ ރައްޔިތަކަށް ވެސް، އެ ރައްޔިތެއްގެ ހުރި ޝަކުވާއާއި، ކަންބޮޑުވުންތައް މިނިވަންކަމާއި އެކު ދެއްކުމުގެ ފުރުސަތު އޮންނާނެކަން ހީނާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ކުރިޔަށް އޮތް ދުވަސްތަކުގައި ވެސް ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންނާއި ބައްދަލުކުރެއްވުމުގެ ހަރަކާތްތައް ކުރިޔަށްދާނެކަމަށް ތަރުޖަމާނު ވިދާޅުވިއެވެ. އަދި ވިދާޅުވީ އެއްވެސް ރައްޔިތަކު އެ ބައްދަލުވުމެއްގެ ކުރިޔަށް ކުރިޔާލައި، ސުވާލު ފޮނުވަން ނާންގާނެ ކަމަށާއި، ކޮންމެ ރައްޔިތަކަށް ވެސް ރައީސުލްޖުމްހޫރިއްޔާއަށް ބޭނުންވާކަމެއް ހުށަހެޅޭނެކަމަށެވެ.