ބ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ބ.އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި

ބ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަޝްރޫޢަކީ ބ. އޭދަފުށީގައި 50 އެނދުގެ މުޅިން އައު ހޮސްޕިޓަލެއް ތަރައްޤީ ކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށް ގެންދާ މުހިންމު މަޝްރޫޢެކެވެ.

މި މަސައްކަތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެއެވެ. މި އިމާރާތުގެ ބިންގާ އަޅުއްވައިދެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޠިމް އިބްރާހީމްއެވެ.

މި މަޝްރޫޢަކީ ސަރުކާރުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ޙަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން ބ. އޭދަފުށީގައި ޒަމާނީ ފެންވަރުގެ 50 އެނދުގެ ހޮސްޕިޓަލެއް ޤާއިމުކުރެވޭނެއެވެ.

ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި އޭދަފުށީ ކައުންސިލްގެ ރައީސްއާއި، ކައުންސިލް އިދާރާގެ މެމްބަރުންނާއި، ބ. އަތޮޅު ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން ސިއްޙީ ވުޒާރާގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި މަޝްރޫޢު ނިމުމުން ބ. އަތޮޅުގެ ރައްޔިތުންނަށް ލިބިގެންދާނެ ސިއްޙީ ޚިދުމަތްތަކުގެ ފެންވަރު ވަރަށް ބޮޑަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.

މި މަޝްރޫޢަށް ޖުމްލަ 181.7 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ. އާރްޑީސީއާ މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިމި، އަތޮޅުގެ ރައްޔިތުންނަށް ޚިދުމަތް ދޭން ފެށޭނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވައެވެ.

މިއަދު އޮންލައިން