"ސިލޯނާއެކު ދިވެހިން" ޓެލެތޯންއަށް ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން 10،001 ޑޮލަރު ހަދިޔާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
"ސިލޯނާއެކު ދިވެހިން" ޓެލެތޯންއަށް ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން 10،001 ޑޮލަރު ހަދިޔާކޮށްފި

ސްރީލަންކާއަށް ކުރިމަތިވެފައިވާ މޫސުމީ ކާރިސާގައި އެގައުމުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އިން އިސްނަގައިގެން ރާއްޖޭގެ މީޑިއާތަކާ ގުޅިގެން ކުރިއަށްގެންދާ ޓެލެތޯން، "ސިލޯނާއެކު ދިވެހީން" އަށް ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން 10،001 ޑޮލަރު (އެމެރިކާ ޑޮލަރު) ހަދިޔާކޮށްފިއެވެ.

މި އެހީއަކީ ލަންކާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިކަމުގައި އެހީތެރިވުމަށްޓަކައި އެ ކުންފުނިން ދެއްވި ހިތްވަރުދެނިވި އެހީއެކެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ރިސޯޓު ވިޔަފާރި ހިންގާ އެއް ކުންފުނި ކަމުގައިވާ ކްރައުން އެންޑް ޗަމްޕާ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ ތެރެއިން ގާތްގަނޑަކަށް 25 އިންސައްތަ މުވައްޒަފުންނަކީ ސްރީލަންކާއަށް ނިސްބަތްވާ މުވައްޒަފުންނެވެ. މި ބޮޑު އަދަދެއްގެ މުވައްޒަފުންނާއެކު، ކުންފުނީގެ މެނޭޖްމަންޓުން ވަނީ ލަންކާއަށް ދިމާވެފައިވާ މި ހިތްދަތި ހާލަތުގައި އެ ގައުމަށް އެހީތެރިވުމަށް ނިންމާފައެވެ.

ކްރައުން އެންޑް ޗަމްޕާ ރިސޯޓްސްއިން ބުނި ގޮތުގައި، އެ ކުންފުނީގައި ލަންކާއަށް ނިސްބަތްވާ މިހާ ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތްކުރުމާއެކު، އެ މުވައްޒަފުންގެ ގައުމަށް މިހާ އުނދަގޫ ހާލަތެއް ކުރިމަތިވެފައިވާ ދަނޑިވަޅުގައި ވީހާވެސް ބޮޑަށް އެހީތެރިވުމަކީ އެ ކުންފުނީގެ އިޖްތިމާޢީ ޒިންމާއެއްގެ ގޮތުގައި ދެކޭ ކަމެކެވެ. އެގޮތުން، ސްރީލަންކާގެ ރައްޔިތުންނަށް އެހީވުމަށް ހިންގާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނުގެ ތެރެއިން 10،001 ޑޮލަރު ހަދިޔާކުރަން އެ ކުންފުނިން ނިންމީ މި ބޭނުމުގައެވެ.

މި އެހީގެ ސަބަބުން ސްރީލަންކާގެ ކާރިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރާ މަސައްކަތަށް އިތުރު ބާރެއް ލިބިގެންދާނެ ކަމަށް ޕީއެސްއެމްއިން އުއްމީދުކުރެއެވެ. އަދި މިފަދަ ބޮޑެތި ކުންފުނިތަކުން އިޖްތިމާޢީ ކަންކަމުގައި ބައިވެރިވުމަކީ އެހެން ފަރާތްތަކަށް ވެސް ނަމޫނާއެއް ކަމުގައި ދެކެއެވެ.

މިއަދު އޮންލައިން