"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ބީއެމްއެލްގެ ފަރާތުން 25،000 ޑޮލަރު ހަދިޔާ ކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 28ސ
"ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް ބީއެމްއެލްގެ ފަރާތުން 25،000 ޑޮލަރު ހަދިޔާ ކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން، ލަންކާގެ ރައްޔިތުންނަށް އެހީވުމަށް ހިންގާ "ސިލޯނާއެކު ދިވެހީން" ޓެލެތޯނަށް 25،000 ޑޮލަރު (ގާތްގަނޑަކަށް 385,500 ރުފިޔާ) ހަދިޔާ ކޮށްފިއެވެ. މި އެހީއަކީ މިހާރު ލަންކާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ އަދި އިޖުތިމާޢީ ދަތިކަމުގައި އެ ޤައުމުގެ ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން ދިވެހިރާއްޖޭގެ ރައްޔިތުންގެ ފަރާތުން ހިތްވަރު ދިނުމުގެ މަޤްޞަދުގައި ކުރެވުނު މުހިންމު ކަމެކެވެ.

ބީއެމްއެލްގެ ފަރާތުން މި ފައިސާ ޓެލެތޯނަށް ހަވާލުކޮށްދެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފެވެ. މި ފައިސާއާ ހަވާލުވެވަޑައިގެންނެވީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ޢަބްދުﷲ ޔާމީން ރަޝީދެވެ. މި ހަދިޔާ ހަވާލުކުރުމުގެ ރަސްމިއްޔާތު އޮތީ ބީއެމްއެލްގެ މައި އޮފީހުގައެވެ.

އެހީ ހަވާލުކުރެއްވުމަށްފަހު ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، ލަންކާއަކީ ރާއްޖެއާއެކު ވިޔަފާރީގެ ގުޅުން ވަރަށް ބޮޑަށް ގާއިމުކުރެވިފައިވާ ޤައުމެއް ކަމަށެވެ. “އެ ބޭންކު މެދުވެރިކޮށްވެސް ރާއްޖެއާއި ލަންކާގެ ވިޔަފާރިތަކުގެ މެދުގައި މުއާމަލާތްތައް ކުރާ ކަމަށާއި، އަދި ލަންކާގެ ގިނަ ބައެއްގެ އެކައުންޓުތައް ބީއެމްއެލްގައި ހުޅުވާފައިވާ” ކަމަށް ޝަރީފް ވިދާޅުވިއެވެ. މިފަދަ ދަނޑިވަޅެއްގައި ލަންކާގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބީއެމްއެލްއިން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ޓެލެތޯނަކީ ލަންކާގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ދިވެހިރާއްޖޭގެ މީޑިއާތަކާއި، ސަރުކާރުގެ އިދާރާތަކާއި، އާންމު ރައްޔިތުން ގުޅިގެން ހިންގާ ހަރަކާތެކެވެ. 

މިއަދު އޮންލައިން