170 ބައިވެރިންނާއެކު ލޯކަލް ޕޮލިސިންގ ކޮންފަރެންސް މިއަދު ފަށައިފިއެވެ.
މިއީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަތުމަށް ބާއްވާ ކޮންފަރެންސެކެވެ.
މިއަދު ކޮންފަރެންސް ފެށުމުގެ ގޮތުން ޕެރަޑައިސް އައިލެންޑް ރިސޯޓް އެންޑް ސްޕާގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ދަހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާންއެވެ.
ދައުލަތުގެމީޑީއާއަށް މައުލޫމާތުދެއްވަމުން ވަޒީރު ވިދާޅުވީ، ރައްޔިތުންނާއި އެންމެ ގާތުން މަސައްކަތް ކުރަނީ ފްރަންޓް ލައިން އޮފިސަރުން ކަމަށެވެ. އަދި ލޯކަލް ޕޮލިސް ކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކީވެސް، ޚިދުމަތުގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ފުލުހުންގެ ޚިޔާލާ މަޝްވަރާ ހޯދައިގެން ސިޔާސަތުތައް ކަނޑައެޅުން ކަމަށެވެ.
މީގެއިތުރުން ފުލުހުންގެ ހުރި ވަސީލަތްތައް ބޭނުން ކޮށްގެން ޚިދުމަތް ދިނުމުގެ ސިޔާސަތުތައް އަލުން ތަރުތީބު ކުރެވި ރައްޔިތުން ބޭނުންވާ ފަދަ ބަދަލުތަކެއް ޚިދުމަތް ދިނުމުގައި ފެނިގެން ދިއުން ކަމަށާއި، މިކަން ތަންފީޒުކުރޭތޯ ބެލުމަށްވެސް ހަރުދަނާ ގޮތްތަކެއް މިކޮންފަރެންސުން ކަނޑައަޅާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"ތަޙުޤީގުތައް އަވަސްކުރުން، ފުލުހުންގެ އެންގޭޖްމަންޓް އިތުރުކޮށް މަގުމައްޗަށް ނިކުމެ ރައްޔިތުންނާއި ގާތުން މަސައްކަތް ކުރުން، ޖަވާބުދާރިވުން ރަނގަޅު ކުރުން، އޮޕަރޭޝަންތައް އިތުރުކުރުން، ކުށްތައް މަދުވުން އަދި އެންމެ މުހިންމު ކަމަކީ ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ލިބެންވާ ސަލާމަތާއި ރައްކާތެރިކަން ލިބޭ ކަމުގެ އިހުސާސު ރައްޔިތުންނަށްވުން. އެހެން ނޫންނަމަ ފުލުހުންގެ ޚިދުމަތުގައި މަސައްކަތެއް ނުކުރެވޭނެ." ވަޒީރު ޢަލީ އިޙުސާން ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ އާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ބަހާތަކުގެ އިސްވެރިންނާއި އިސް މުވައްޒަފުން ބައިވެރިވެލެއްވިއެވެ.
މި މަހުގެ 2 އިން 3 އަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ލޯކަލް ޕޮލިސިންގ ކޮންފަރެންސަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ އޮޕަރޭޝަނަލް މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ދެނެގަނެ، އެކަމަށް ބޭނުންވާ ޕްލޭނެއް ތައްޔާރު ކުރުމެވެ. މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ހުރިހާ ބަހާއެއް ހިމެނޭގޮތަށް ޖުމްލަ 170 ބައިވެރިން ބައިވެރިވެއެވެ.